18 Jun 2018, 23:49
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލާ މީހުންގެ ވޯޓާސް ލިސްޓަށް މިހާތަނަށް 34 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ސަން ޓީވީން ގެނެސްދޭ "އިތުރުކާފު" ޕްރޮގްރާމްގައި އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދާނީ ވޯޓާސް ލިސްޓުގައި ހުރި ޝަކުވާތައް ބެލުމަށްފަހު އެ ވޯޓާސް ލިސްޓް އިސްލާހުކުރުމަށް ފަހު ކަމަށެވެ.
''އިލެކްޝަން ކޮމިޝަނަށް މިހާތަނަށް ލިބިފައި ހުރީ 34 ޝަކުވާއެއް. މީގެ ތެރޭގައި ހުރީ 18 އަހަރު ނުފުރޭ ކުޑަކުދިން ލިސްޓުގައި ހިމެނުމާ އަދި މަރުވަފައިވާ ފަރާތްތަކުގެ ޝަކުވާތައް. ﷲ އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބަށް ދާނީ މި ދެންނެވި ޝަކުވާތަކަކީ ސައްހަ ޝަކުވާ ތަކަަކަށް ވާނަމަ. މިކަންކަން ވޯޓާށް ލިސްޓުން އިސްލާހް ކުރުމަށްފަހު." އަކްރަމް ވިދާޅުވިއެވެ.
އަކްރާމް ވިދާޅުވީ މިހާތަނަށް އެއްވެސް ޕާޓީއަކުން ވޯޓާސް ލިސްޓާ މެދު އެެއްވެސް ޝަކުވާ އެއް އީސީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާއިރު ޕާޓީތަކުން ޝަކުވާތައް ހުށަހަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ ބުދަ ދުވަހާ ހަމައަށް ހުށަހެޅޭ ޝަކުވާތަކަަށް ފަސް ދުވަހުގެ ތެރޭ އީސީން ޖަވާބުދާރީވާނެ ކަމަށާއި އަދި އެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ޕާޓީތަކުން ހައިކޯޓަށް ދިޔުމުގެ ފުުރުސަތުވެސް އެބައޮތް ކަމަށެވެ.
ޝަކުވާތައް ބެލުމަށް ފަހު އާ ވޯޓާސް ލިސްޓެއް އަންނަ މަހު އެއް ވަނަ ދުވަހު ނެރޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ. އަދި އެ ވޯޓާސް ލިސްޓުގައި މައްސަލައެއް އުޅޭނަމަ އަންނަ މަހުގެ ބާރަވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި އެއަށްފަހު ވޯޓާސް ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެންމެ ދިހަ ދުވަސް ދީފައިވާތީ ޕާޓީތަކުން ޝަކުވާ ކުރި ކަމަށެވެ. އަދި މީގެ ކުރީގެ ރިޔާސީ އިންތިހާބުގައި ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ އެންމެ ހަތް ދުވަސް ކަމަށާއި އެހެންނަމަވެސް މިފަހަރު ގާނޫނުގެ ތެރެއިން ދެވެން އޮތްް އެންމެ ގިނަ ދުވަސް ދީފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
މިފަހަރު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ 10 ދުވަހެވެ.
އަކުރަމް ވިދާޅުވީ ވޯޓާސް ލިސްޓުގެ ފައިނަލް ލިސްޓް އާންމު ކުރާއިރު ރާއްޖޭގައި އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ބޭއްވުނު އިންތިހާބުގައި ނެރުނު ވޯޓާސް ލިސްޓަށް ވުރެވެސް ފުރިހަމަ ލިސްޓަކަށް މިފަހަރު ނެރޭ ވޯޓާސް ލިސްޓް ވެގެން ދާނެ ކަމަށެވެ.