19:00


ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ކޮންމެ އަހަރަކު "ދަ ކޯލް" ގެ ނަމުގައި ބާއްވާ ދީނީ ނަސޭހަތް ދިނުމުގެ މިއަހަރުގެ ޕްރޮގްރާމް އަންނަ މަހުގެ ތިނަކުން ހަޔަކަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ.


"ދަ ކޯލް"އާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން، ސަލަފްގެ އިސް މެންބަރެއް ކަމުގައިވާ، މުހައްމަދު ސޮބާހު މިއަދު ވިދާޅުވީ މުޖުތަމައާ ގުޅޭ ހަތް މައުލޫއަކަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ހަތް ދަރުސް ދެއްވާނީ މަޝްހޫރު އިލްމުވެރިޔާ، ޑރ. ބިލާލް ފިލިޕްސް އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ އަބްދުއްރަހްމާން ކަމަށެވެ. އަދި މިފަހަރުގެ ދަރުސްތައް ވީޓީވީން ލައިވްކުރާނެ ކަމަށާއި އެ ދަރުސްތައް ދަ ކޯލްގެ ރަސްމީ ވެބްސައިޓުން ވެބްކާސްޓް ކުރާނެ ކަމަށް ވެސް ސޮބާހު ވިދާޅުވި އެވެ.


ދަރުސް ކޮމިޓީގެ މެންބަރު އައްޝެއިހު އަލީ ޒާހިރު ވިދާޅުވީ އަލިމަސް ކާނިވަލާއި ދަރުބާރުގެ އާއި ތާޖުއްދީން ސްކޫލުގައި، ހަވީރާއި ރޭގަނޑު ކުރިއަށް ގެންދާ މި ދަރުސްތަކުގައި ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާ މައުލޫތަކުގެ ތެރޭގައި، "ލިވް އިސްލާމް" އާއި "ވައި ޔޫ ނީޑް އަ ރިލިޖަން" އާއި "ސެކްސް، ޑްރަގްސް އެންޑް ރޮކް އެންޑް ރޯލް" އާއި "ވިމެންސް ރައިޓްސް" ހިމެނޭ ކަމަށެވެ.