18 Jun 2018, 18:39
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވުމަށް މިހާތަނަށް 65 ކުދިން ކުރިމަތި ލާފައިވާ ކަމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބުނެފިއެވެ.
ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން ''ސަން'' އަށް ވިދާޅުވީ ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖޭގަައި ވަރަށް ބޮޑު ތަރުހީބެެއް ލިބިފައިވާ ކަމަށެވެ.
ޝާހީން ވިދާޅުވީ ޑޮކްޓަރުކަން ކިޔެވުމަށް ކުރިމަތިލުމަށް ހުޅުވާލި ފުުރުސަތު މިހާރު ހަމަވެފައިވާ ކަމަށާއި އެހެން ނަމަވެސް އެޕްލިކޭޝަން ފޯމް އަދިވެސްް ބަލައިގަންނަމުންދާ ކަމަށެވެ.
ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖޭގައި ހުޅުވާލައިފައިވަނީ 50 ފުރުސަތެވެ. އެމްއެންޔޫއިން ބުނީ އެމްބީބީއެސް ކޯސް ޖުލައި މަހު ފެށޭނެ ކަމަށެވެ.
ޝާހީން ވިދާޅުވީ އެމްބީބީއެސް ކޯހަށް އަދި ދަރިވަރުން ނުހޮވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކޯހަށް ދަރިވަރުން ހޮވުމުގައި އެންމެ ފުރަތަމަ ކޯހަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންނަށް އިސްކަން ދޭނެ ކަމަށެވެ.
''މި ސަރަހައްދުގައިވެސް މެޑިސިން ކޯހަށް ހޮވުމުގައި ވަރަށް ވާދަވެރިކޮށް ދަނީ. އަޅުގަނޑުމެން އިސްކަންދޭނީ އޭލަވަލްގައި މަދުވެގެން ބީ ފާސް ލިބިފައި ތިބި ކުދިންނަށް." ޝާހީން ވިދާޅުވިއެވެ.
ފަސް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމްބީބީއެސް ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލްގައި ބަޔޮލަޖީ، ކެމިސްޓްރީ، ޕިޒިކްސް އަދި ހިސާބުން ފާސްވުމާ އެކު އޯ ލެވެލް އިމްތިހާނުގައި މަދުވެގެން ފަސް މާއްދާއިން ފާސްވުން ހިމެނެއެވެ. އަދި އިނގިރޭސި މާއްދާއިން މަދުވެގެން ސީ ފާސް ލިބިފައި އޮންނަންޖެހޭ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
އެމްއެންޔޫއިން ކުރިން ނިންމާފައި އޮތީ މެޑިސިން ކިޔަވައިދިނުމަށް ހުޅުމާލޭގައި މެޑިކަލް ކޮލެޖެެއް ހުޅުވުމަށެވެ. ނަމަވެސް އެ ކޮލެޖް ހެދެންދެން މިހާރު ހަދަމުންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރަަތަމަ ދެ ފްލޯގައި ކިޔަވައިދިނުމަށް އެމްއެންޔޫއިން ވަނީ ނިންމައިފައެވެ.
ރާއްޖޭގައި މެޑިސިން ކިޔަވައިދިނުމަށް ކޯސްފީގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 1000 އެމެރިކާ ޑޮލަރެވެ. އެ ފީ ދައްކައިދިނުމަށް އެހީވުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ ލޯނަށް އެދުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ.