ކްރިމިނަލް ކޯޓުން ހިފެހެއްޓުމަށް އަމުރުކޮށްފައިވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އާއި މަޑައްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރުގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެ ހަތަރު ބޭފުޅުންގެ ޕާސްޕޯޓް މީގެ ކުރިން ހިފެހެއްޓުމަށް އެދި ފުލުހުން ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ އެ ފަރާތްތަކުގެ މައްސަލަތަކެއް ތަހްގީގްކުރަމުންދާތީ ގައުމު ދޫކޮށް ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ އެވެ.

ކްރިމިނަކް ކޯޓުން ހަތަރު ބޭފުޅުންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރި އަމުރު ބާތިލުކޮށްފައި މިވަނީ އެ ހަތަރު ބޭފުޅުންގެ މައްސަލަ ފުލުހުން ފައިލްކޮށްފައިވަނިކޮށެވެ.

އެ މައްސަލަ ފުލުހުން ފައިލްކޮށްފައި ވަނީ ޕީޖީއިން ދައުވާ ނުކުރަންނިންމައި ފޮނުވާލާފައިވާތީ އެވެ.

އެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައިވަނިކޮށް މ. ކުނޫޒްގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި މީހުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.