ރާއްޖެއިން ވިސާ ދިނުމުގައި އެއްވެސް ގައުމެއް ތަފާތު ނުކުރާ ކަމަށާއި ވަކި ގައުމަކަށް ވިސާ ނުދީ ނުހިފަހައްޓާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިމިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ވޯކް ވިސާގެ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާގެ ކެރެލާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އެ ގައުމުގެ ސަރުކާރުގައި އެދިފައިވަނިކޮށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖަށް އެޑްރެސްކޮށް ޕިނަރަޔީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންޑިއާގެ 30،000 އަށްވުރެ ގިނަ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކެރެލާއަށް ނިސްބަތްވާ މީހުން ކަމަށެވެ.

ސިއްހީ، ތައުލީމީ އަދި ޓޫރިޒަމް ދާއިރާގައި ވެސް އިންޑިއާގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމީހުންގެ ވޯކް ވިސާގެ މައްސަލަ ކުރިމަތިވެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ސިޓީގައި ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ހަފްތާއެއް ތެރޭ ވިސާގެ ކަންތައް ހަމަޖެހޭ ކަމަށާއި މިހާރު އެތައް ދުވަހެއް ވާއިރު ވެސް ވިސާގެ ކަންތައް ހަމަނުޖެހޭކަން ފާހަގަކުރައްވާ ސިޓީގައި ވިދާޅުވެފައި ވަނީ ގައުމީ މައްސަލައެއް ކަމުގައި މި މައްސަލަ ދެކި، މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިނިސްޓަރުގެ އަރިހުން އެދޭ ކަމަށެވެ.

އިމިގްރޭޝަނުގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް ސަން އަށް ވިދާޅުވީ މިއަހަރުގެ މިހާތަނަށް އިންޑިއާގެ 2621 މީހަކަށް ވިސާ ދީފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ވިސާ ނުދީ އެއްވެސް ގައުމަކަށް ނުހިފަހައްޓާކަމަށާއި ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ވިސާ ނުދޭ ހާލަތެއް އައި ނަމަވެސް އެއީ ވަކި ގައުމަކަށް ވެގެން ވިސާ ނުދެނީ ނޫން ކަމަށެވެ.

"ޗައިނާ، ބަންގްލަދޭޝް، ޖަރުމަނު އިޓަލީ ފަދަ ގައުމުތަކުން އަންނަ މީހުންވެސް ވިސާ ނުދީ ފޮނުވާލާފައިވާނެ. އަހަރެއްގެ މައްޗަށް 1100 އެއް ހައި މީހުން ވިސާ ނުދީ ފޮނުވާލެވޭ އެކި ސަބަބު ތަކާ ހުރެ. އޭގެ މާނައަކީ ވަކި ބަޔަކު ވިސާ ނުދީ ހިފަހައްޓަނީއެއް ނޫނޭ،"

އިމިގްރޭޝަނުން ބުނީ އިންޑިއާ ރައްޔިތުންނަށް ވިސާ ނުދީ ހިފަހައްޓާކަމަށް ބުނެ ރަސްމީ ފަރާތަކުން އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. މުޅިންވެސް އިވެނީ ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތައް ދައްކާ އަޑުކަމަށް އިމިގްރޭޝަނުން ބުންޏެވެ.