ހދ. ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށްވެގެން އެކަމާ ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓަލްގެ ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ. ކުޅުދުއްފުށިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އިދިކޮޅު ޑީއާރުޕީން އިންތިޒާމްކޮށްގެން ކުރަމުންދާ އެ މުޒާހަރާގައި ގާތްގަނޑަކަށް 250 ވަރަކަށް މީހުން ދަނީ ބައިވެރި ވަމުންނެވެ.

"މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އަޕަނޯތު ހެލްތު ކޯޕަރޭޝަންގެ ބޯޑާއި ހޮސްޕިޓަލްގެ މެނޭޖަރުގެ އިސްތިއުފާއަށް،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލްގެ މައި ގޭޓް ކުރިމައްޗަށް މުޒާހަރާގެ ބައިވެރިން ދިއުމުން އެމީހުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފުލުހުން ވެސް ހޮސްޕިޓަލްކައިރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"ގާތްގަނޑަކަށް 100 ވަރަކަށް ފުލުހުން މިތާ އެބަ ހަރަކާތްތެރިވޭ. ގޭޓްކުރިމަތިން މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުމެއް ހިނގުމުން މުޒާހާރާގެ ބައިވެރިން މިހާރު ވަނީ ގޭޓް ކުރިމަތިން ދުރަށް ގޮސްފައި،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކުޅުދުއްފުށީގައި ހިނގަމުންދާ މުޒާހަރާއާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.