ޖަޕާނުގެ އޮސާކާ އަށް މިއަދު ހެނދުނު އައި ބިންހެލުމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ރެކްޓާ މިންގަނޑުން 6.1ގެ ބާރު މިނުގައި މިއަދު ޖަޕާނަށް އައި ބިންހެލުމުގައި ތިން މީހަކު މަރުވެފައިވާ އިރު އެ ސަރަހައްދުގެ ފެން ސަޕްލައި ކުރާ ހޮޅިތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

ފޮރިން މިނިސްޓްރީ އިން ކުރި ޓުވީޓެއްގައި ބުނީ އެ ސަރަހައްދުގައި ތިބި ދިވެހިން ތިބީ ސަލާމަތުން ކަމަށާއި ޓޯކިއޯގައި ހުންނަ ދިވެހި އެމްބަސީ އިން އެ މީހުންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށެވެ.

އޮސާކާ އަކީ ޖަޕާނުގެ އިންޑަސްޓްރިއަލް މަސައްކަތުގައި މުހިއްމު ސިޓީ އެކެވެ. ބިންހެލުމާ ގުޅިގެން އެ ސިޓީގައި ހިންގަމުން އަންނަ މަޝްހޫރު ބްރޭންޑު ޕެނޮސޮނިކްގެ ދެ ފެކްޓްރީއެއްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި މަޝްހޫރު ޓޮޔޯޓާ އިން ވެސް ބިންހެލުމާ ގުޅިގެން ފެކްޓްރީތަކުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެހާސް އެގާރަވަނަ އަހަރު ރެކްޓާ މިންގަނޑުން 9.0ގެ ބާރުމިނުގައި ޖަޕާނަށް އައި ބިންހެލުމާ އެކު ސުނާމީ އެއްވެސް ވަނީ އަރައިފަ އެވެ. އެ ކާރިސާގައި 18،000 މީހުން މަރުވެ ގިނަ ގެއްލުންތަކެއް ލިބުނެވެ.