ރެކްޓާ މިންގަނޑުން 6.1 ގެ ބާރު މިނުގައި މިއަދު ޖަޕާނަށް އައި ބިންހެލުމެއްގައި ތިން މީހަކު މަރުވެ، ފެކްޓްރީތަކުގެ މަސައްކަތް ހުއްޓިއްޖެއެވެ.

ޖަޕާނުގެ އޮސާކާއަށް އައި މި ބިންހެލުމުގައި ލިބުނު ގެއްލުންތައް ބަލަމުން އަންނައިރު އެގަމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދަށް ފެން ސަޕްލައި ކޮށްދޭ ހޮޅިތަކަށްވަނީ ގެއްލުން ލިބިފައެވެ.

އޮސާކާ އަކީ ޖަޕާނުގެ އިންޑަސްޓްރިއަލް މަސައްކަތުގައި މުހިއްމު ސިޓީ އެކެވެ. ބިންހެލުމާ ގުޅިގެން އެ ސިޓީގައި ހިންގަމުން އަންނަ މަޝްހޫރު ބްރޭންޑު ޕެނޮސޮނިކްގެ ދެ ފެކްޓްރީއެއްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި މަޝްހޫރު ޓޮޔޯޓާ އިންވެސް ބިންހެލުމާ ގުޅިގެން ފެކްޓްރީ ތަކުގެ މަސައްކަތް ހުއޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމުގައި މަރުވީ 80 އަހަރުގެ ދެ މީހަކާއި ނުވަ އަހަރުގެ ކުއްޖެކެވެ.

ދެހާސް އެގާރަވަނަ އަހަރު ރެކްޓާ މިންގަނޑުން 9.0ގެ ބާރުމިނުގައި ޖަޕާނަށް އައި ބިންހެލުމާއެކު ސުނާމީ އެއްވެސް ވަނީ އަރައިފައެވެ. އެ ކާރިސާ ގައި 18000 މީހުން މަރުވެ ގިނަ ގެއްލުންތަކެއް ލިބުނެވެ.