18 Jun 2018, 10:26
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި މެކްސިކޯއިން ވަނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް، ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.
މެެޗުގެ ފުރަތަމަ ހާފްގައި މެކްސިކޯގެ އައިވިން ލޮޒާނޯ ޖެހި ގޯލާއެކު މިފަހަރު ވޯލްޑް ކަޕް ކުޅޭ އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވާ މޮސްކޯގެ ލުޒުނީކީ ސްޓޭޑިއަމްގައި ތިބި މެކްސިކޯ ސަޕޯޓަރުން އުތުރު އަރައިގެން ދިޔައެވެ. ސްޓޭޑިއަމްގެ އަޑު ގަދަ ވެގެން ދިޔަ އިރު، އެންމެ ބޮޑަށް އުފާ ފާޅުކުރީ އަދި މެކްސިކޯގައި މެޗު ބަލަން ތިބި އެތައް ހާސް ސަޕޯޓަރުންނެވެ.
ގޯލް ޖެހި ކުޅުންތެރިޔާ، ލޮޒާނޯގެ އުފަން ރަށުގައި އުފާފާޅުކުރި ސަޕޯޓަރުންގެ ވަރުގަދަ ސަޕޯޓާއެކު އެ ރަށުގެ ބިންގަނޑަށް ބޮޑު ލޮޅުމެއް އައިކަމަށް ބިންހެލުން "ސެސްމިކް އެކްޓިވިޓީ" ސެންޓަރުން ވަނީ ބުނެފައެވެ.
އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެކްސސިކޯގެ މެކްސިކޯ ސިޓީއަށް ރެކޯޑު ކުރެވުނު ބިންހެލުމަކީ އާޓިފިޝަލް ކަމަކުން ކުރިމަތިވި ލޮޅުމެއް ކަމަށެވެ. އަދި އެ ލޮޅުން ދެ ސެންސަރަކަށް ނަގައިގަނެވިފައިވާ ކަމަށާއި، ގަބޫލުކުރެވެނީ އެއީ މެކްސިކޯ ޖެހި ގޯލާއެކު އައި ލޮޅުމެއް ކަމަށްވެސް ސެންޓަރުގެ ރިޕޯޓުގައިވެއެވެ.
މީގެ އިތުރުންވެސް ލޮޅުން އައި ގަޑިއަށް ބަލާ އިރު، ދެ ސެންސަރަށްވެސް ލޮޅުން ރެކޯޑު ކުރެވިފައި ވަނީ ސީދާ ގޯލް ޖެހި ގަޑީގައެވެ.