ކެމީލާއަށްވެސް ހޭލެވިގެން ގަޑި ބަލައިލިއިރު ހެދުނު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ.އޭނަ މާލޭގައި އުޅުނު ގެވަރުގެ ފާޚާނާއަށް ވަދެފައި އެތަނުގެ ސާފުތާހިރުކަމުން ފެންކޮޅެއް ޖައްސާލާހިތެއްވެސް ނުވިއެވެ.ހޫނުފެނުން ފެންވަރަން ފެށުމުން ލިބުނު އަރާމާއިއެކު ދެލޯ މަރައިލެވުނެވެ.އެތައް އިރެއްވާންދެން މީރުވަސްދުވާ ބޮޑީޝޮޕްތަކާއި އުޅެފައި ނުކުތްއިރު ހަށިގަނޑުގައި ހިފާލާފައި ހުރި ލުއި މީރުވަހުން ހިތަށް ހަމަޖެހުމެއްލިބުނެވެ.ހެއާ ޑްރަޔާއިން އިސްތަށިގަނޑު ހިއްކާލުމަށްފަހު އެންމެކުރިން ލީ ހުދުކުލައިގެ ސްވެޓަރަކާއި ޖިންސެކެވެ.ބޮޑެތި ގޮށްތައް އަޅުވާފައި ހުރި ބޭބީ ފިޔާތޮށިކުލައިގެ ބޯ ދިގު ޖެކެޓްލުމަށްފަހު ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލުމަށްފަހު އަތް ޖީބަށް ޖެހިއެވެ.ކޮޓަރިން ބޭރަށް ނުކުތްގޮތަށް މީހެއްގެ ގައިގާ އަޅައިގަތްގޮތަށް އެމީހަކު އޭނަގެ އަތުގައި ހިފެހެއްޓިއެވެ.ނޭފަތުގައި އެންމެ ކުރިން ޖެހުނީ ދަންނަ މީރުވަހެކެވެ.

"ލެޓް ގޯ އޮފް މައި ހޭންޑްސް........"ކެމީލާ ހާސްވިއެވެ.ރަގަޅަށް ބަލައިލިއިރު ކުރިމަތީ މިހިރީ ނާޔަލް ފިޔަވާ ދެވަނަމީހެއްނޫނެވެ.އަޅިކުލައިގެ ޓީޝާޓަކާއި ކަޅު ސްކިނީއަކާއިއެކު މަތިން ކަޅު ކުލައިގެ ކޯޓު އޮތީ ފައިގެ ފަލަ މަސްގަނޑުގެ މެދަކާ ހަމަޔަށެވެ.ގޮށްތައް ނާޅުވާ ހުރުމުން ކިތަންމެހާވެސް ސްމާޓްވެފައި މެގަޒިންތަކުން ފެންނަ ފިނިމޫސުމްގެ މޮޑެލްއެކޭ ތަފާތެއްނެތެވެ.ޓީޝާޓުމަތިން ފެންނަން އޮތީ އޭނަގެ އެތައް ލައްކަ ޑޮލަރުގެ ހުދުރަން ފަށެވެ.

އެހާ ގާތުގައި ނާޔަލް ހުރިތަން ފެނި ހިތް ބިރުން ވިރޭކަހަލަ ގޮތެއް ވެގެން ދިޔައެވެ.ނާޔަލްގެ އަޅި ދެލޮލުން ފެނުނު ރުޅިވެރިކަމާއި ނުރައްކާތެރިކަން ފިރިހެނަކު ހިތަށްވެސް ބިރުވެރިކަން ވައްދާލަފާނެއެވެ.އެހާވެސް ގަދަޔަށް ނުރުހުމާއި ރުޅިވެރިކަމުން ފުރި ސީރިޔަސްވެފައިވާ ދެލޮލެވެ.މިހާގަދަޔަށް ނާޔަލް ރުޅިގަދަވެ ކޮލުކަށިގަނޑަށް ވާންކޮށްލައިގެން ހުއްޓާ އޭނަ ނުދެކެއެވެ.ނަމަވެސް ކެމީލާ އެހެން ބުނުމާއިއެކުހެން ނާޔަލް އޭނަގެ އަތުން ދޫކޮށްލައިފިއެވެ.ލިބުނު ހަނި ފުރުސަތުގައި ކޮޓަރިތެރެއަށް ދެމިގެން ދޮރު ލައްޕާލަން އުޅުނަސް ނާޔަލް ހުރީ އެކަމަށް ހުޝިޔާރުވެއެވެ.ދޮރުދޭތެރެއަށް އަތްލެއްވިގޮތަށް ދެވަނަ ސިކުންތުކޮޅުގައި އޭނަ ހުރީ ކޮޓަރިތެރޭގައެވެ.ދޮރު ތަޅުލިތަންފެނި ކެމީލާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

"ޑޮކްޓަރ ނާޔަލް.ކީއްކުރަން ތިއުޅެނީ...."ކެމީލާ ދެލޯ ބޮޑުކޮށްލިއެވެ.

"އަހަރެންވެސް ބޭނުން ހަމަ ތި ސުވާލުކުރަން.މެޑިސިން ހަދަން މިކޮޅަށް އައި މީހާ މިގޭގައި ކީއްތިކުރަނީ.ބުނެބަލަ.މިގެއަށް އަންނަން ޖެހުނީ ކީއްވެ.މިގޭގައި އުޅެނީ ދެފިރިހެނުން.އެމީހުންގެ ނާސިއަކަށް ވެގެންތަ ތިއައީ.މިރަށަށް އައީ ހަށިވިއްކަންތަ.އެއީ ދޯ ނުކުރެވި އޮތްކަމަކީ......."ނާޔަލް ދަތްތަކަށް ބާރުލާފައި ވާހަކަދެއްކިއިރު އަޑުގައިވެސް ނުރައްކާތެރިކަންވިއެވެ.

"ކީ ކޭ ތިކިޔަނީ....."ނާޔަލް އޭނައާއި ބެހޭގޮތުން އެހާ ދަށްކޮށް ވާހަކަދެއްކުމުން ލިބުނީ ޝޮކެކެވެ.

"މިދައްކަނީ ދިވެހި ބަހުން.ނޭގޭ ބަހަކުންނެއްނޫން.ސާފު ދިވެހި ބަހުން.މާ ދީންވެރިކަމަށް ހެދިގެން ދެ ފިރިހެނުންނާއިއެކު އެއްގެއެއްގައި މާތް އަންހެންކުއްޖެއް ނޫޅޭނެ.އެއީ މިކިޔާ އެއްޗަކީ......"ނާޔަލް ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ.ކެމީލާގެ ދަބަސްތައް މިހިރީ މިތާގައެވެ.ކެމީލާ ހަމަ ރަގަޅަށްވެސް މިގޭގައި ދިރިއުޅެންފެށީހެއްޔެވެ.ހަސަދައާއި އެކު އެހެން ކަހަލަ އަސަރުތަކެއް ހިތް ފިއްސާލައިފިއެވެ.ކައިޒާންއާއި ކެމީލާގެ އެއްވެސް ކަހަލަ ގުޅުމަކަށް ކެތެއްނުކުރެވޭނެއެވެ.އެކުވެރިކަމާއިވެސް ހިތް ނުރުހުނެވެ.ކައިޒާންއާއި އޭނަ ލޭގެ ގޮތުން ގުޅިފައި އޮތުމުން އޭނަ ކައިޒާންއަށްޓަކާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ.އެހާވެސް ލޯބިވެއެވެ.ނަމަވެސް ދޫ ނުދެވޭނީ ހަމައެކަނި ކެމީލާއާއިހެދިއެވެ.ކެމީލާ ވާންޖެހޭނީ އޭނަގެ މީހަކަށެވެ.އެއްޗަކަށް ބޭނުންވެއްޖެއްޔާ އޭނަ ކޮންމެގޮތެއް ހަދާފައިވެސް އެކަމެއް ހާސިލުކުރާނެއެވެ.ކައިޒާންއަށްވެސް ހުރަހަކަށް ވިޔަކަ ނުދޭނެއެވެ.

"މިގެއަށް އައީ ޖޫލްގެ ސަބަބުން.ކޮލެޖް ފެށެންދެން ޖޫލްއާއިއެކު އުޅެން...."ކެމީލާ ހިންދިރުވާލާފައި ކިޔައިދިނެވެ.ކޮންމެހެން ނާޔަލްވެސް އޭނަގެ އަގު ވައްޓަން މާކަސްއާއި ކައިޒާންއާއި އެގޮތަށް އަޅުވާކިޔާކަށް ނުޖެހޭނެއެވެ.ނާޔަލް ހީކުރަނީ ކައިޒާންއަކީ ވެސް އޭނަ ކަހަލަ މީހެއްކަމަށް ހެއްޔެވެ.

ނާޔަލް ހޭންފެށިއެވެ.އިރުކޮޅެއްފަހުން ހުނުން ހުއްޓާލާފައި ކެމީލާއާއި ކައިރިއަށް ޖެހިލިއެވެ.އެހޫނު ނޭވާތައް އެޅޭހާ ކައިރިއަށެވެ.ބިރުން ހުރި ކެމީލާގެ ދަތްދޮޅީގައި މަޑުމަޑުން ހިފާލުމާއިއެކު ކެމީލާ ސިހިފައި އެއަތުގައި ހިފާ ދުރުކޮށްލަން އުޅުނެވެ.

"އެހާ ބާރު އެބަހުރިތަ؟ ތިހެން ރުޅި ދައްކަ ދައްކާފައި އެންމެފަހުން މަގޭ މީހަކަށޭ ވާނީ."ނާޔަލް ކެމީލާގެ ދެކޮލުގައި ހިފާ ފިތާގަތްގަތީނުން ރަތްކޮށްލިއެވެ.އިތުރު ގޯހެއް ހެދުމުގެ ކުރިން ވިސްނާލާފައި ސްކިނީގެ ޖީބަށް ދެއަތްތިލަ ޖަހާލައިފިއެވެ.އޭނަ އަދިވެސް ކެތްކުރާނެއެވެ.

"ހުވާކޮށްފައި މިބުނަނީ އައިމް ގޯނަ މޭކް ޔޫ މައިން ނޯ މެޓާ ވަޓް އިޓް ޓޭކްސް....."ނާޔަލްގެ އެ ޖުމްލައިން އަދި ކެމީލާސިހޭގޮތްވިއެވެ.އިރާދައާއިނުލާ ވާހަކަދައްކަން މިއީ ކާކުގެއްޔެވެ.މިހާ ޔަގީންކަމާއެކު ވާހަކަދައްކާއިރު ތިމާއަކީ މުސްލިމެއްކަމެއް ހަދާނެއްނެތެވެ.އިރާދައާއި ނުލާ އެއްވެސް ކަމެއް ވާނެއޭ ބުނާކަށް ނުޖެހޭނެއެވެ.އެމީހުން އެހެން ދައްކަނީ ކޮންމެހެން ނޭގިގެނެއް ނޫނެވެ.އެބުނާގޮތަށް ނުވެ ހިގައިދާނެކަން އެނގޭއިރުވެސް ކިބުރުވެރިކަން ދައްކަނީއެވެ.

"ވީމަ ތިހުރިހާ ގަދަ ނުދައްކާ މިހާރުއްސުރެން ހިނގާ ލޯބިވެރިންގެ ގޮތުގައި އެކީ އުޅެންފަށަން.ތެދަށް ބުނަންޏާ އަހަންނަށް ކެމީލާ ފެނުމުން ފީލިންގްސްތައް ކޮންޓްރޯލް ކުރަން ވަރަށް އުދަގޫ.ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކޮށްލައިގެން މިހުންނަނީ.ވަރަށް އަންހެންކުދިން ފެނިއްޖެ.ކިތަންމެހާވެސް ރީތި އަންހެންކުދިންނާއިއެކު އުޅެވިއްޖެ.ހެޔޮ ކެމީލާ ބޭނުން ކޮންމެ މާނައެއް ނެގިޔަސް އިނގޭ.މިބުނަން އުޅޭ އެއްޗަކީ ކެމީލާ ފުރަތަމަ ފެނުމާއިއެކު އަހަރެންގެ ހިތް ބުނި އެއްޗެއް އެނގޭތަ.ޔޫ ޝުޑް ޓޭކް ހާ ކޮންމެ ގޮތެއް ހަދާފައިވެސް.ޝީ އިޒް އޯލް މައިންއޭ ހިތަށް އެރީ.އެކަމަކު އެހެން އަންހެންކުދިން ފަދައިން މަގޭ ފައިބުޑަށް ވެއްޓޭނެކުއްޖެއް ނޫންކަން ފުރަތަމަ ނަޒަރުންވެސް އެނގުނު.އެހެންވެ އަދި ބޮޑަށް އެޓްރެކްޓްވީ.ނޫނެކޭ ބުނި އަންހެންކުއްޖެއް އަލަށް ފެނުނީމަ ހަމަ އެކަން ކޮށްފައި ނޫނީ ނުހުއްޓަން ބޭނުންވީ.ޔޫ ނޯ ވަޓް.އަހަރެންގެ މަންމަ ބުނީ ކެމީލާއާއި އިނދެވޭނީ މެޑިސިން ހެދީމައޭ.އެއީ މަންމަގެ ޝަރުތަކީ.އެހެންވެ ކޮލެޖަކުން ޕްލޭސްމެންޓް ހޯދަދިނީ.ޑިރެކްޓް ކޮށް މިބުނީ އައި ވޯންޓް ޔޫ.....އައި ނީޑް ޔޫ.ވެން އައި ލުކް އެޓް ޔޫ އައިމް ހޯމް............."ނާޔަލްގެ އެ ޖުމްލަތައް އަޑުއަހަން ކެމީލާ ހުރިއިރު ނޭވާވެސް ނުހިނގާފަދައެވެ.

ނާޔަލްގެ މަގުސަދު އެގިއްޖެއެވެ.އޭނަ ޑޮކްޓަރަކަށް ހަދަން އުޅޭ ސަބަބުވެސް މިއެނގުނީއެވެ.ނާޔަލް އާއި ކައިޒާން އާއި ދެމީހުންނަށް އޭނަ ޚާއްސަކަން އިހުސާސްކުރެވެއެވެ.ނާޔަލްގެ ހިތުގައިވަނީ އެދުންވެރިކަމެވެ.އެއީ ލޯތްބެއް ނޫނެވެ.ނާޔަލްގެ ވާހަކައިން އެކަން ސާބިތުކޮށްދީފިއެވެ.ލޯބިވާނަމަ އެންމެ ފަހަރަކުވެސް އެހެން ބުނާނެ ނޫންހެއްޔެވެ.އެބުނަނީ ބޭނުންވާ ވާހަކައެވެ.އަނެއްކޮޅުން ކައިޒާންގެ ދެލޮލުން ފެންނަނީ އެހެން ޝުއޫރުތަކެވެ.އެހާ އޯގާތެރިއެވެ.މިފަދަ ހަރުކަށިކަމާއި ނޭއްގާނިކަން އަދި ރުޅިވެރިކަމުގެ އެންމެ ސިފައެއްވެސް ނުފެނެއެވެ.އެސިކުންތުކޮޅު ކެމީލާގެ ހިތުގައި ނާޔަލްއަށްޓަކާ ފޫހިކަން އުފެދުނެވެ.ކައިޒާންއާއި އަޅާކިޔުނެވެ.ފިލްމެއްގެ ބަތަލުގެ ރޯލުގައި ކައިޒާން ހުރެއްޖެއްޔާ ނުބައި މީހާއަށްވާނީ ނާޔަލްއެވެ.

"ކެޓް ރުޅިއައީތަ؟ މޫނު ރަތްކޮށްލާފައި ތިހިރީ....."

"އަހަރެން ބޭނުން ރަށަށް ދާން...."

"ނޯ.ކެޓް.ޔޫ ކާންޓް..."ނާޔަލް ސީރިޔަސްވިއެވެ.

"ބޭނުމެއްނޫން މެޑިސިން ހަދާކަށް.ޕްލީޒް ޑޯންޓް ފޯސް މީ...އަ....."ކެމީލާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"ޝްޝްޝް ނުރޮއި.ރޮއްވާކަށް ނޫން އަހަރެން މިއައީ.ހަމައެކަނި ބުނެލަން ބޭނުމީ ކައިޒާންއާއި ގާތްނުވާށޭ.ހީޒް އެ ކަޒިން.ކަޒިންއެއް އެކަނި ނޫން.ފްރެންޑެއްވެސް މެ.އެހެންވެ އަހަރެންގެ މީހެއް ކައިޒާންއަށް ލިބިގެނެއް ނުވާނެ.ޑޯންޓް އެވާ ފޮގެޓް ދިސް ކެޓް.ތީ ހަމައެކަނި މަގޭ މީހެއް.މަގޭ ހައްގެއް.އެކަން އޮޅިފައި އޮތްހެން ހީވެފަ ހަދާންކޮށްދިނީ.........."

"ވަން މޯ ތިންގް.އަދި އެހާ ހާސްވެ ތެޅިގެން ރަށަށް ދާކަށް ނުޖެހޭ.ސަބަބަކީ މަންމަ ބުނީ ކައިވެނި ކުރަން ހުއްދަދެވޭނީ ކެމީލާ ޑޮކްޓަރަކަށް ވީމައޯ.އެހެންވީމަ އެހިސާބަށްދާން އަދި އެތައް ގަރުނު އެބައޮތް ދޯ.މާކް ބުނި ކެމީލާ އާއި ހެދި ޖޫލް އުޅޭވަރުން ބޭބީސިޓްކޮށްދޭން ވީކެންޑްގައި ކެމީލާ ގެންނަގޮތަށޯ.މިވަގުތަށް އަހަންނަށް ހެޔޮ.ސަބަބަކީ ވަރަށް ކްލޯޒް ކޮށް ސުޕަވައިޒްކުރާނެތީ.ކެޓް އެންމެ ފިޔަވަޅެއް ނުބައިކޮށް އެޅިޔަސް އަހަރެން ވެއްޓިޔަނުދީ ހިފާނަން......"ނާޔަލް އެއް ލޯ މަރައިލިއެވެ.ކެމީލާ ދެލޮލުން ކަރުނަ ފޮހެލާފައި ހަމަޖެހެން މަސައްކަތްކުރިއެވެ.

"އިޒް ދެޓް އެ ތްރެޓް؟"ކެމީލާ ސުވާލުކުރިއެވެ.

ނާޔަލް އެބުނީ ކޮން މާނައެއްގައި ކަން ނޭގުނަސް އެދެލޮލުން ދިން އިންޒާރު ކެމިލާގެ ގައިން ހީބިހި ހަލުވައިލިއެވެ.ދެމީހުންގެ ނަޒަރު ބައްދަލުވެ އިރުކޮޅެއް ވޭތުވީ ހިމޭންކަމާއިއެކުގައެވެ.ނާޔަލްގެ ނަޒަރު ކިތަންމެހާވެސް ސީރިޔަސްއެވެ.އެލޮލުން އެދިން މެސެޖް ކެމީލާގެ ހިތް ބިރުގަންނަވާލައިފިއެވެ.މީހަކު ޓަކިދޭން ފެށުމުން ނާޔަލް ދޮރު ހުޅުވާލައިފިއެވެ.ދޮރުމަތީ ހުރީ ކައިޒާންއެވެ.ކައިޒާން ސުވާލުނުކުރަނީސް ބުނީ ނޯޔާއާއި ކެމިލާ ވަރަށް އެކުވެރިކަމަށާއި ނޯޔާގެ ސަބަބުން އޭނައާއި ކެމީލާވެސް ރައްޓެހިކަމުގައެވެ.ނޯޔާވެސް މިއަންނަ ހަފްތާގައި އެމެރިކާއަށް އަންނާނެއެވެ.ހަމައެކަނި ނޯޔާއެއް ނޫނެވެ.މަންމައާއި ނާއީވެސް މެއެވެ.ކައިޒާން ހުރީ ފާޑަކަށެވެ.ނޫނީ ދެރަވީހެއްޔެވެ.ޔަގީނުންވެސް އަބަދު އެހުންނަ އުފާވެރި މޫޑެއްނެތެވެ.ހިނިތުންވުންވެސް މިއަދަކު ފެންނާކަށްނެތެވެ.ނާޔަލް އެގޮތަށް އައިސް ކެމީލާގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބަރުބާދުކޮށްލައިފިއެވެ.ނާޔަލްގެ ނިޔަތުގެ ސަބަބުން ކެމީލާގެ ހިތަށް ބިރުވެރިކަން އިހުސާސްކުރެވިއްޖެއެވެ.ހުރިހާ ވާހަކައެއް ކައިޒާންއަށް ކިޔައިދޭންވީބާވައެވެ.

ދެމީހުން ވާހަކަދައްކަމުން ނުކުތުމުން ކެމީލާ ދޮރު ތަޅުލިއެވެ.ވިންޑޯ ސީޓަށް އަރާ ދެކަކުލުގައި މޫނު ޖައްސާލިގޮތަށް އެތައް އިރެއްވާންދެން އެގޮތުގައި އިނެވެ.

ކޮލެޖް ކިޔެވުން ފެށުމުން ކެމީލާ ހޮސްޓެލްއަށް ބަދަލުވިއެވެ.އެކަނި ކޮޓަރިއެއްގައި މިނިވަންކަމާއިއެކު އުޅެން ލިބުމުން ވަރަށް އުފާވިއެވެ.ކޮލެޖްވެސް ހުންނަނީ ސިޓީން ބޭރުގައިކަމުން ކައިޒާންމެންގެއާއި އެހާ ދުރެއްނޫނެވެ.އެހިސާބުގެ މަންޒަރުތައްވެސް އެހާމެ ރީއްޗެވެ.ކުލަތަކުން ޖަރީވެފައިވާ ގަސްތަކާއި ފިނި ރޯޅިތަކުން ސިކުނޑިތައް ހުޅުވައިލެވޭނެއެވެ.އެންމެ އަޖައިބުވީ މެޑިސިންދެކެ ފޫހިވީއިރުވެސް ކިޔެވުމަށް ޝައުގުވެރިވެ ކިޔަވާހިތްޖެހުނީތީއެވެ.ކޮންމެހެން ނާޔަލްއަށްޓަކާއެއް ނޫނެވެ.ކުރިމަގާއިމެދު ވިސްނާފައެވެ.ޑޮކްޓަރުންނަށް މީހުންގެ އިހިތިރާމާއި ލޯބި ލިބުމާއިއެކު މީހުންނަށް އެހީތެރިވެވޭނެތީއެވެ.މުސާރަ ބޮޑު ވަޒީފާއަކަށް ވުމުން މާމައަށްވެސް ކަމެއް ކޮށްދެވޭނެތީއެވެ.

ކިޔަވަންފެށިތާ ހަފްތާއެއް ނުވަނީސް ނޯޔާ އެމެރިކާއަށް އައެވެ.ދިމާވުމާއިއެކު އާދޭސްކުރަންފެށި އޭނަގެ ގޭގައި ހުރެދިނުމަށެވެ.ނާޔަލް އުޅެނީ އެމީހުންނާއި ވަކިން ވަކި"ގަނޑުވަރެއް"ގައި ކަމަށާއި އެއޮތް ބޮޑުގޭގައި ނޯޔާވެސް އެކަނި ހުންނަންވީމަ ފޫހިވާނެކަމުގައެވެ.މަންމައާއި ނާއީ ގިނައިން އުޅޭނީ ބޭރުގައެވެ.މަންމަވެސް މެންހޭޓްން އޭރިއާގައި ހުންނަ ޕެންޓްހައުސްއެއްގައި ދިރިއުޅޭއިރު ނާއީވެސް ޑިގްރީ ކޯހެއް ކިޔަވަން ފަށައިފިއެވެ.ޕައިލެޓަކަށް ވިޔަސް އިތުރު ދާއިރާއަކުން ކިޔަވަންފެށީ މަންމަ ކިޔާވަރުންނެވެ.އެއާލައިނެއްގެ ޕައިލެޓްކަން ކުރަމުންވެސް ކިޔެވިދާނެއެވެ.ކެމީލާއަށް ނޯޔާގެ މަގުސަދު އެނގެއެވެ.ނޯޔާވެސް ބޭނުމީ ކެމީލާ އޭނަގެ ދޮންބެއާއި ގުޅުވުމެވެ.އިތުބާރުކުރާނީ ކާކަށްހެއްޔެވެ.ނަމަވެސް ކެމީލާގެ އެންމެ ގާތް އެކުވެރިޔާއަށްވުމުން ހިތުގައި ޚާއްސަ ގާތްކަމަކާއި ކުލުނެއް އޮވެއެވެ.

ހުކުރުދުވަހު ކޮލެޖް ނިންމާލިތަނާހެން ކައިޒާންގެ ފޯނުކޯލެއް އައެވެ.ކެމިލާ ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު ކާރުގައި އިންތިޒާރުގައި ތިބީ ކައިޒާންއާއި ޖޫލްއެވެ.ކައިޒާން ފެނުމުން ކިތަންމެ ވަރަކަށްވެސް ކެމީލާގެ ހިތް އަވަސްވިއެވެ.ކޮންމެ ގޮތެއްވިޔަސް އެރީތިކަމާއި ސްމާޓްކަމަށް ހިތް ތައުރީފުކުރިއެވެ.ހެދުން އަޅާގޮތްވެސް ހަމަ ރީތީއެވެ.އެތެރެއިން ޓީޝާޓެއްލާފައި ބޭރުން އަޅިއަދި ކަޅުކުލައިގެ ސްވެޓާ ކާޑިގަން އެއްލާފައި ހުރުމުން ހާދަ ސްމާޓެވެ.މިގޮތަށް އަބަދާ އަބަދު ކޯޓުފާޑު ހެދުން ލާފައި ހުރުމުން މާ ސްމާޓްކަމަށް ދައްކައެވެ.ތިންމީހުން އެކީގައި ރެސްޓޯރެންޓަކަށް ގޮސް ކާލިއެވެ.އައްމުކޮށް މީހުންނަށް ބަލާ ނަހަދާ ތަނެއްކަމުގައި ވިޔަސް މީހުންގެ ނަޒަރު ކެމިލާއާއި ކައިޒާންއަށް ހުއްޓުނެވެ.އެހާ ޅަ ދެޒުވާނުންގެ ދަރިއަކު ހުރުމުން އެ އާއިލާ ލޯބިކަމުންކަން ނޭގެއެވެ.ކެމީލާއަށް އިހުސާސްކުރެވުނީ ހުރިހާ ޚިޔާލުތަކުން މިންޖުވެ ބުނަންނޭގޭފަދަ ހިތްހަމަޖެހުމެއް ވަށައިލާފައިވާހެންނެވެ.ގޭގެ އެއްފަރާތުގައި ކާރު ޕާކްކޮށްލާފައި ކައިޒާން ފޭބިއެވެ.ޖޫލްއަށް މާކަސް ފެނިފައި އޭނައާއި ދިމާލަށް ދުއްވައިގަތީ ފީލިކްސް ގޮވައިގެން އުޅޭތަން ފެނިފައެވެ.ޖޫލް ފީލިކްސްއާއި އޮޅުލަ އޮޅުލާފައި އުޅޭތަން ފެނި ކެމީލާ އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ.މިކަންތައް ހުއްޓުވަން އޭނަ އެބަޖެހެއެވެ.ކުއްލިއަކަށް ދުރުން ބައިސްކަލް ދުއްވާފައި އަންނަ އަންހެންކުއްޖެއް ލޮލުގައި އަޅައިގަތެވެ.

"ނަންނި...."ކެމީލާވެސް އަވަހަށް ކާރުން ފޭބިއެވެ.ނޯޔާގެ ގެއަށް މިއަދު ދާން އޭނަ އޮތީ އެއްބަސްވެފައެވެ.އޭނައަށް އަދި ނޯޔާއަށް ނުގުޅިގެން އުޅެނިކޮށް އެކުވެރިޔާ މި ފެނުނީއެވެ.ނޯޔާ އޭނަގެ ބައިސްކަލްގައި ދުއްވާފައި އައިސް ކައިޒާންގެ ގައިގާ ނުޖެއްސީ ހަމަކިރިޔާއެވެ.ކަހާލައިގެން ދިޔަގޮތުން ނޯޔާވެސް ނުވެއްޓުނީ ހަމަކިރިޔާއެވެ.

"އާ ޔޫ ބްލައިންޑް...."ކައިޒާން ހިތްހަމަނުޖެހިފައި ދެތިންފިޔަވަޅު ފަހަތަށް އެޅިއެވެ.

"އައިމް ސޮރީ..."ނޯޔާ ހެމުން ދޫ ނެރެލިއެވެ.

"ޔޫ އާ ނޮޓް.ދުވަހަކު ބަދަލެއްނުވާނެ.މޮޔަ ކުޑަކުއްޖެއްހެން އުޅޭނީ.ތިރީސް އަހަރުވާއިރުވެސް ކުޑަކުއްޖެއްހެން އުޅޭތި.މިހާ އުދަގޫކުރާ ނެއިބާއެއް އެހެން މީހަކަށް ނުލިބިއްޖެއްޔާ ރަގަޅު.ޔޫ ޝުޑް ގޯ އެން ލިވް ވިތް ޔޯ މަމް އިން ދަ ސިޓީ.މިތާކު އުޅޭނެކަމެއް ނެތް އިނގޭ..........."ކައިޒާން ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކުމުން ކެމީލާ ދެރަވިއެވެ.ކައިޒާން ދުވަހަކު މިގޮތަށް ރުޅިން ވާހަކައެއް ނުދައްކައެވެ.ކައިޒާން ނޯޔާދެކެ އެހާ ރުޅިއަންނަނީ ކީއްވެބާވައެވެ.ނޯޔާ އެއްފައި ބިންމަތީ ޖައްސާލައިގެން މަޑިމަތީ އިށީދެލައިގެން އިނީ ހިތްގައިކޮށެވެ.ރީދޫކުލައިގެ ޓީޝާޓަކާއި ސްކިނީއެއްލާފައި ވާއިރު ކަޅުކުލައިގެ މަޑު ޖެކެޓެއްލާފައިހުރިއިރު ނޯޔާގެ ހަށިގަނޑުގެ ރީތިކަން ހާމަޔަށް ހުއްޓެވެ.ދޮން ކަނދުރާވިދައެވެ.އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައެވެ.އަރައިގެންހުރި ސްނީކާސް ހެދުމާއި ގުޅެއެވެ.ލުއި މޭކަޕެކެވެ.ފިރިހެނުންގެ ސަމާލުކަން ފުރިހަމައަށް ލިބޭނެފަދަ ރީތިކަމެއް ނޯޔާގެވެއެވެ.

"ފްރީކިން ޒޮމްބީ.އެއްވެސް އިންޓެރެސްޓިން މީހެއްވެސް ނޫނޭ.އަބަދު ރުޅިއައިސްފާ ހުންނާނީ......................."ނޯޔާވެސް އެއްޗެހި ކިޔައިގަތެވެ.

"ނަންނި......"

ނޯޔާ ބައިސްކަލުން ފޭބިގޮތަށް ކެމީލާގެ އަތުގައި ހިފާ ދަމަމުން އެ ހަނި މަގުން ހިނގައިގަތެވެ.ބައިސްކަލް ލޭނަށްވިޔަސް އެދެމީހުން ނޫނީ އެމަގުން މީހަކު ފެނިލައެވެ.ކައިޒާންމެންގެ އަމިއްލަ ބިމަށްވީމަކަން ނޭގެއެވެ.މީހުންނަށް އާދެވޭނީ ވަކި ހިސާބަކަށް ނޫންހެއްޔެވެ.

"ކައި ވަރަށް ނައްޓާނެ.ޑޯންޓް ވޮރީ އެބައުޓް ނަތިން.އަހަންނާއި ކައި ހަމަ ޓޮމް އެންޑް ޖެރީ.ކުޑައިރު ވަރަށް ފެރެންޑްވާނެ.އަހަރެމެން އެކީ ވުޑަށް ގޮސް ބެރިއާއި ނަޓްސް އެއްޗެހި ބިންނަން.އޭރުވެސް ވަރަށް ޖެއްސުން ކުރާނެ.އެއްދުވަހު ކޯރަށްވެސް ވައްޓާލި.ރޮކެއްގެ މައްޗަށް އަރާފައި އިންދާ ކޮށްޕާލި.މި ކައިގެ ބޭބެ ނެތްނަމަ އެދުވަހު އަހަރެން މަރުވާނެ.މި ކައިޒާންއަކީ އެންޖެލްއެހެން ހުއްޓަސް ހަމަ ޑެވިލްއެއްކަން ކައްމިއަށް އެނގޭތަ.އަނެއްހެން ބުނަންޏާ ކޮންމެ އިންސާނެއްގެވެސް ހުންނާނެ ރަގަޅު ސިފަތަކާއި ނުބައި ސިފަތައް އެއްވެފައި.ކޮންމެވެސް އެއްބަޔެއް ގިނަވެގެން އެމީހާ އެދެ ކެޓަގެރީއަށް ލެވޭނީ.ކައިޒާންއަކީ ޕާޓް އެންޖެލިކް މޯސްޓްލީ ޑެވިލިޝް މޭންއެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ....."

ދެމީހުން މަޑުމަޑުން ހިނގާލާފައި ނޯޔާގެ ގެއާއި ހަމަޔަށް ފޯރީ އެންމެ ފަސް މިނިޓްތެރޭގައެވެ.އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ.އެގެވަނީ ރަތް އީޓުން ތަންކޮޅެއް ޝާހީކޮށް ހަދާފައެވެ.ފާރުގެ ބަދަލުގައި ތިރިކޮށް ހުދު ފެންސްޖަހާލާފައި ވިއެވެ.ރާއްޖޭގައި ގެދޮރު އަޅާލާފައި އުސްކޮށް ފާރުތައް ރާނާލާފައި ހުރުމުން ރަށްތައް ފެންނަނީ ކިއްލާތަކެއްހެންނެވެ.ޔޫއެސްއޭއަށް އައުމުން ފެންނަނީ ގޭގޭގައި ތިރިކޮށް ފެންސް ޖަހާފައި ހުންނަތަނެވެ.ނޫނީ ހަމަ އެކަނި ވިނަތައް އިންދާފައެވެ.ވިނަތަކުން އިން ވަކިކޮށްލާފައެވެ.ކުދި ޓައުންތަކުގައިވެސް ގެތަކާއި ބަގީޗާތައް ހާމަޔަށް ހުރުމުން ރީތިކަން ފާޅުވެއެވެ.

ގޭގެ ދޮރުމަތީގައި ހުރި އާފަލުގަހުގައި އާފަލު އަޅާ ބަރާވެފައި އޮތްތަން ފެނުނެވެ.ވަރަށް ހިތްގައިމެވެ.އަނެއްފަރާތުގައި ކޮންމެވެސް ވަރަކަށް ގަސްތައް އިންދާލާފައެވެ.އެހުރިހާ ގަސްތަކެއްގެ ފަތްތައްވެސް ޚަރީފުގެ ކުލަތަކުން ފެވި ގަސްދޮށްވަނީ ފަތްތަކުން ފުރިފައެވެ.ކެމީލާ އެގެއަށް ތައުރީފުކުރިއެވެ.އާފަލު ގަސްކައިރީ ސެލްފީއެއްނެގިއެވެ.

"ފޯވާޑް ކޮށްލާތި...."ނޯޔާ އެދުނެވެ.

ނޯޔާ ބުނީ މިއަދު ޗުއްޓީ ދުވަސްވީމަ މަންމައާއި ނާއީވެސް ގޭގައި އުޅޭކަމުގައެވެ.ގޭތެރޭގައި ބޮކިތައް ދިއްލާފައިވާއިރު މީރުވަހެއް ފެތުރިފައިވިއެވެ.މެގީ އެޕްލް ޕައި ތައްޔާރުކޮށްލަނީކަމުގައި ބުނެފައި ނޯޔާ ކާކޮޓަރިއަށް ވަނެވެ.އުމުރުން ފަންސާހަކަށް އަހަރުގެ އިނގިރޭސި މެއިޑް އެކުދިންނަށް ހޫނު ޗޮކްލެޓާއި ޕެޕަމިންޓް ކްރީމް ގެނެސްދީފައި ބަދިގެއަށް ވަދެ ނިވާވިއެވެ.ހޮޓްޗޮކްލެޓް މައްޗަށް ވިޕްޑް ކްރީމާއި ސްޕައިސް ކޮޅެއް ޖައްސާލާފައި ހުރުމުން ރަހަ ވަކިން ރަގަޅުވެ ހީފިލުމުގެ އިތުރުން ކުޅުދިޔާވާވަރުވިއެވެ.ނޯޔާ ވާހަކަދައްކަންފެށީ ދިވެހި ބަހުންނެވެ.

"ކައްމި.އަހަރެން ބޭނުން ސިކްރެޓެއް ބުނަން.މިހުރިހާ ދުވަހު މި ވާހަކަ ސިއްރުކޮށްގެން ހުރެވުނީތީ ސޮރީ.އަހަންނާއި ކައި އޭރު ފާޑަކަށް އަރައިރުންވީމެއްނު.ކިތަންމެ ވަރަށް ކައި އާއި ފައިޓްކުރިޔަސް އައިމް އިން ލަވް ވިތް ހިމް.ހަޔާތުގެ ބައިވެރިޔަކަށް ހަދާނީ ކައި ކަމަށް މާ ކުރިން ނިންމާފައި އޮތީ.ކީއްވެކަން އެނގޭތަ؟ އެކްޗުއަލީ ތަންކޮޅެއް ކުޑައިރު.އަހަރެމެން ދެމީހުންނަށް އޭރު މެރިޖަކީ ކޯންޗެއްކަމެއް ނޭގޭއިރު ދެމީހުން ވައުދުވީ ބޮޑުވެގެން އިންނާނެ ކަމުގައި.މިހާތަނަށް މި ސިއްރު ކައްމި ކައިރީގައި ނުބުނެ ހުރެވުނީ.ކޮންމެ މީހެއްގެވެސް ހުންނާނެ ފޮރުވިފައިވާ ސިއްރުތައް ދޯ.އަހަރެން މިހާ ލައިކްވާއިރު އަހަންނަކަށް ނޭގޭ ކައިގެ ހިތުގައިވާ އެއްޗެއް.ނަމަވެސް މިހާވަރުން އުޅެންޏާ އަދި ކައިއަށްވެސް ލޯބިވެވޭނެ ދޯ............."ނޯޔާގެ އެ ޖުމްލަތައް ކަންފަތް ކައިރީ ގޮވާލެވުނު އެތައް ޓަނުގެ ބޮންތަކަކަށްވިއެވެ.ހިތް ފަޅިފަޅިވެގެން ދިޔަހެން ހީވިއެވެ.ކުރެހުން އަޅާފައިވާ ތަބުގައި ހިފަހައްޓައިލެވުމުން އަރި އަޅާނުލާ މީހާ ހަމަޔަކަށް އެޅުނެވެ.ނޯޔާގެ އެ ވާހަކަތަކުން އޭނަގެ ހިތަށް އަސަރުކޮށްފިއެވެ.ވަރަށް ބޮޑަށެވެ.ދުވަހަކު މީހެއް ގެ ވާހަކަތަކުން އޭނަގެ ހިތަށް އެފަދަ ގޮތެއް ވެފައެއް ނެތެވެ.ނޯޔާގެ އެ ސިއްރު އޭނަގެ ހިތަށް ހާދަ ތަދުކޮށްލައިފިއެވެ.ނޯޔާ އެ ސިއްރު ނުބުނިނަމަ މާ ހިތަށް ފަސޭހަވީއެވެ.ސިއްރުތައް ފާޅުނުކޮށް ހުރުމުން ރަގަޅުވާ ސަބަބަކީ މިއީއެވެ.މިއަދު ކެމީލާގެ ހިތުގެ ހުރިހާ ހަމަޖެހުމެއް ނަގާލައިފިއެވެ.އަލުން އެ އުފާވެރިކަން ހޯދަން ދާންވީ ދިމާލެއްވެސް ނޭގެއެވެ.

"މި ހާދަ މީރޭ..."ކެމީލާ ދެއްކީ އެހެން ވާހަކައެކެވެ.

"ހޫމް މިރަށު ކެއުން ވަރަށް ތަފާތުވާނެ.އަދި މެގީ ފިހާ ޕިއްޒާ ކައިފާ މާލެގޮސް ކަންމިއަކަށް މާލޭ ޕިއްޒާއެއް ނުކެވޭނެ އިނގޭ.މެގީ އަކީ ޝެފްއެއް މަންމަ ބޮޑު މުސާރައެއްދީފައި އެގެންގުޅެނީ...."ނޯޔާ ބުނެދިނެވެ.

"މާދަން ހިނގާ ހިނގާލަން ދާން...ވުޑްސްތެރޭ ކެބިންއެއް ހުންނާނެ.އެނގޭތަ އެއީ އަސްލު ދޮންބެމެންގެ ތަނެއް.ހަމަ ރީތި ކުޑަ ކެބިންއެއް.ދޮންބެ އަތުން ތަޅުދަނޑި އަތުލައިގެންދާނީ.............ހޯޕް އިޓް ވިލް ނޮޓް ރެއިން.އޯޓަމްގައިވެސް ވާރޭ ވެހިގެންފާނެ.އެހެންވެ އެންމެ ކަޑައީ.ވާރޭވެހުނީމަ ދެން ފޫހިވޭ....."ނޯޔާ އެކި ވާހަކަތައް ދައްކާފައި އުޅުނަސް ކެމީލާ އިނީ ހިމޭނުންނެވެ.ބައެއްފަހަރު ހީލިޔަސް އެ ހިނިތުންވުންތައް ލޮލާއި ހަމަޔަށް ނުފޯރައެވެ.އެހާވެސް އޭނައިނީ ދެރަވެފައެވެ.އެކަން ނޯޔާއަށް އެނގުނަސް އެގޭކަމަކަށް ނެހެދިއެވެ.އަނގަ ތަޅަން ތިއްބާ ނަތާލީވެސް އައެވެ.ކެމީލާއާއި ވާހަކަދެއްކިއެވެ.ނަތާލީގެ މޫނުމަތިން އެހާ އުފާވެރިކަމެއް ނުފެނުނެވެ.ކެމިލާ މިހިސާބަށް އައުމުން ނަތާލީ ފޫހިވެފައިވާފަދައެވެ.

"ޔޫއެސް އަށް އައީމަ ހަމަ މިތާ ކުއްޖެއްހެން ހީވާން ފަށައިފި.އަދި ކިރިޔާ ކެމީލާއަށް ފެޝަނަށް އުޅެން މިއެގުނީ.ގްރޭޓް....."ނަތާލީ ހީލާފައި ބުނެލިއިރު އަޑުގައިވި މަލާމާތެއް ކެމީލާއަކަށް ފާހަގައެއްނުވިއެވެ.

ދެކުދިން ކޮޓަރިއަށް ގޮސް ކެމީލާ ނަމާދުކުރަންވެގެން މުސައްލަ ދޭން އެދުނެވެ.އަދި ގިބުލަ އޮޅުން ފިލުވަން އެހިއެވެ.

"ސޮރީ ކައްމި.މިގޭގައި ދުވަހަކު ނަމާދުކުރިކަމެއް ނޭގޭ.އަސްލު ނަމެއްގައި އެންމެން މުސްލިމުންނަށް ތިބެނީ.އެއްގޮތަކަށްވެސް ގިބުލައެއް ނޭގޭ........."ނޯޔާގެ ވާހަކަތަކުން ކެމީލާ ހައިރާންވެ އަންތަރީސްވިއެވެ.

ނަމާދުކުރަންވެގެން ކެމީލާ ބޭނުންވީ ކައިޒާންގެ ގެއަށް ދާށެވެ.ސަމުގާ ޖަހާފައި ހުރި މުސައްލައެއް އޭނަ އަތުގައި އޮންނާނެއެވެ.ނަމާދުނުކޮށް ހުންނާކަށް ކެމީލާއަކަށް ނުކެރޭނެއެވެ.އުފަލާއި މަޖަލުގެ ތެރެއަށް ގެނބިގެންވެސް ނަމާދުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެއެވެ.ކިރިޔާވެސް ހިތަށް ފިނިކަމެއްލިބެނީ ނަމާދުކޮށްގެންނެވެ.ކެމީލާ އެހާވަރުން ނަމާދުކުރަން އުޅުމުން ނޯޔާ އޭނަގެ ބޭބެ ނާއީ ކައިރީގައިވެސް އެވާހަކަ ބުންޏެވެ.ނަތާލީ ދެކުނުގޮތުން ދެއްކުންތެރި ކުއްޖަކީއެވެ.ނަތާލީ ކުރިން ކެމީލާދެކެ ލޯބިން އުޅުނަސް ނާޔަލްގެ ސަބަބުން ކެމީލާދެކެ މުޅިން ފޫހިވެއްޖެއެވެ.ކެމީލާ އެއުޅެނީ އަރަނުފޯދޭ ހިސާބަކަށް އަރާށެވެ.އޭނަ ހަމަ ހޭ ހުރެގެން ކެމީލާއަށް ނާޔަލްއާއި ކައިރިވާކަށް ލާހިކެއް ނޫނެވެ.އޭނަ ފާރަވެރިވާނެއެވެ.ކެމީލާގެ ފުރާނަ ދުއްވާލަންވިޔަސް އޭނަ ފަހެއް ނުޖެހޭނެއެވެ.

ނޯޔާ އާއި ނާއީ ކެމީލާ ކައިޒާންގެ ގެއާއި ހަމަޔަށް ގެންގޮސްދިނެވެ.ނަސީބަކުން ނޯޔާ ނިދިއައިސްފާ ހުރުމުން އެގެއަށް ވަންނާކަށް ނޫޅުނެވެ.ކައިޒާންއާއި ޖޫލް އިންތިޒާރުގައި ތިބިތަން ފެނިފާ ކެމީލާގޮސް ޖޫލްގެ ގައިގާ ބައްދާލައިފިއެވެ.އެންމެން ކެއީ އެކީގައެވެ.އެއަށްފަހު ކެމީލާ ޖޫލްއާއިއެކު އެކޮޓަރިއަށް ގޮސް ކުޅެން އިރުކޮޅެއްވާންދެން އުޅުނެވެ.ޖޫލްގެ ކޮޓަރީގައި ބެއާފަދަ އެއްޗެހި ގިނަކަމުން އޭނަ އެހާ ހިތްހަމައެއް ނުޖެހެއެވެ.ހިސާބަށްވުރެ ގިނައީއެވެ.އެނދުގައިވެސް ހަޔެއްކަ ޓެޑީއެވެ.ޖޫލްއަށް ނިދެނީވެސް އޭގައި ބައްދާލައިގެން ވިއްޔައެވެ.

ނާޔަލް ގެ ބައްޕަގެ ބިމުގައި އެންމެ ފަހަށް އަޅާފައި ހުރިގޭގެ ތަނަވަސްކަމާއި ހިތްގައިމުކަމުން ދެކޭ ލޯތައް އާޝޯޚުވާވަރުވާނެއެވެ.އެގެ ހުންނަނީ ފަރުބަދަމަތީ ހިސާބެއްގައިކަމުން ވަކިން ހިތްގައިމެވެ.ސިޓިންރޫމްގެ ފާރުތައް ބިއްލޫރިން ހަދާފައިވާ ގެއެކެވެ.ބޮޑެތި ކޮޓަރިތަކާއި މާބްޕް ފަޔާ ޕްލޭސްތަކާއިއެކު ކޮންމެ ނިދާ ކޮޓަރިއެއްގައި ބޮޑު ބާތުރޫމެކެވެ.ބާލުޚާނާވެސް ފުޅާވެފައި މާބްލް ރެއިލިންތަކެވެ.ޑިޒައިނާ ސިޑިތަކާއި ކުރެހުންތަކެވެ.ބޮޑެތި ޗާންދަލިޔާތަކެވެ.ފްރެންޗް ދޮރުތަކުގެ ސަބަބުން ވަށައިގެން ވާ މާހައުލުގެ ހިތްގައިމުކަން ފެންނާން ހުއްޓެވެ.ނާޔަލްގެ އަމިއްލަ ކުރެހުންތަކުން ގޭގެ ބައެއް ފާރު ފަޅުފިލުވާލާފައިވިއެވެ.ޑޮކްޓަރަކަށްވުމުގެ ކުރިން އޭނަ ވަނީ ކުރެހުމުގެ ކާމިޔާބުތަކެއް ހޯދާފައެވެ.އޭނަގެ ކުރެހުންތައް ބޮޑު އަގުގައި ވިއްކާލާ މިއުޒިއަމްތަކުގައި ބަހައްޓާފެންވަރުގެ ކުރެހުންތެރިއެއްވެސް މެއެވެ.ނާޔަލް އޭނަގެ ގޭގެ ދެވަނަ ފްލޯގެ މާސްޓަ ބެޑްރޫމްގެ ބޮޑު އެނދުގައި އޮށޯވެލައިގެން އޮތީ ފޯނުގައެވެ.ނޯޔާ ފޮނުވާފައިވާ ކެމީލާގެ ފޮޓޯތައް ފޯލްޑާއަކަށް ލާފައި ފަހަރަކު ފޮޓޯއަކަށް ބަލަމުން ދިޔައީ ފަރުވާތެރިކަމާއިއެކުގައެވެ.އެންމެ ފަހަށް މިރޭ ފޮނުވި ފޮޓޯއިންވެސް ނާޔަލްގެ ހަށިގަނޑުގެ ލޭ ހޫނުކޮށްލިއެވެ.އާފަލުގަހުގެ ކައިރީ ހުރި ނެގި ސެލްފީ ރީތިކަމުން ހަމަ ބަލަން އޮވެވުނީއެވެ.

ނާޔަލް އެ ފޮޓޯގައި ބޮސްދިނެވެ.

"އަހަރެން ކިހާ އެކަނިވެރިކޮށް މިއޮތީ.ބޭނުން ކޮންމެ އަންހެންކުއްޖަކު އުފަލުން މިތަންމަތި ފަޅުފިލުވަދޭން އަންނާނެ.އަހަރެންގެ މި ބަސްނާހާ ހިތް ކެމީލާއަށް ބޭނުންވަނީ ކީއްވެ.މި އަލިފާން އެހެން އަންހެންކުއްޖަކަށް ނިއްވާ ނުލެވޭނެއޭ ބުނަނީ ކީއްވެ.ކިހިނެއް ކެތްކުރާނީ.ދެނެއް ކެތެއްނުކުރެވޭނެ.މަންމަ ބުންޏެއްކަމަކު ފަސްއަހަރަށް މަޑުކުރާނީ ކިހިނެއް.އެހާ ކެތްތެރިކަމެއް ނުހުންނާނެ.އެހެން ކޮންމެ ކަމެއްގައި ކެތްކުރެވިދާނެ.ކެމީލާ......ކިހިނެއް އަހަރެން ތި ކުއްޖާއާއި ނުލާ އުޅޭނީ.މި އެކަނިވެރިކަން ފިލުވައިލަދޭން އަންނަންވީނު.އައިލް ބީ ދަ ހެޕިއެސްޓް މޭން އިންޑީޑް.މިހާރު ހަށިގަނޑުން އެއްބައި މަދުހެން ހީވޭ.ކާންޓް ގޯ އޮން ވިތްއައުޓް ޔޫ.ސަމް ހައު އައި ހޭވް ޓު މޭކް ޔޫ މައިން..ބޭބީ ގާލް.ރުހުމުންވިޔަސް ނުރުހުމުގައި ވިޔަސް އެބަޖެހޭ މިކަން ކުރަން.ކިހިނެއް މިގެއަށް ގެންނާނީ.އޮޅުވާލައިގެން ވިޔަސް ހެޔޮ ކެމީލާ އަހަރެން ގާތަށް އަންނާނީ ކިހިނެއް ހަދައިގެން.އިތުބާރުކުރާނީ ކީކޭ ކިޔައިގެން........"ނާޔަލް ރިމޯޓުން ބޮކިތަކުގެ އަލި ފަނޑުކޮށްލިއެވެ.ފޯނުގެ ސްކްރީނަށް ކެމީލާގެ ފޮޓޯ ލައިގެން ބަލަން އޮވެވުނީ ފޫހިކަމެއްނެތިއެވެ.

ޖޫލް ނިދުމުން ކެމީލާ ކޮޓަރިއަށް ދާންވެގެން ނިކުތްއިރު ފުޅާ ކޮރިޑޯއިން އައި ކައިޒާންގެ ގައިގާ މުޑިނުޖެހުނީ ކިރިޔާއެވެ.ފައި ގެނބޭފަދަ މަޑު ދޫލަމަތީ މަޑުމަޑުން ހިނގާލާފައި ދިޔަ ކެމީލާއަށް ކުއްލި ހުއްޓުމެއް ލިބުނެވެ.އެދިމާލުން ދިއްލާލާފައިވާ ޗާންދަލިޔާގެ މަޑު އަލި ދެމީހުންގެ މޫނަށް އެޅިފައިވާއިރު ފެންނަލެއް ނިކަން ހިތްގައިމެވެ.އޮމާންކަމުން މޫނުތައް ވިދާ ބަބުޅައެވެ.ކައިޒާން ހީލާފައި ޖޫލް ނިދީ ހެއްޔޭ އަހައިލިއެވެ.ނާޔަލްގެ އިންޒާރު ހަދާންވުމުން ހިތް އޮއްސުނުހެން ހީވެފައިވެސް ކެމީލާ ހިނިތުންވެލިއެވެ.ކައިޒާން އެދުނީ އޭނައާއިއެކު ސައިބޯން ބައިވެރިވުމަށެވެ.އާއްމުކޮށް ކޮފީއަށް ދެވި ހިފާފައިވާ ޒުވާނަކު ސައި ބޯން އުޅުނީމަ ހައިރާންވިއެވެ.ނަމަވެސް އެއީ ތަފާތު ސަޔެކެވެ.ކަރަކް ޓީ އެވެ.ކައިޒާން ބުނީ ކަރަކް ސައިބޯން އާދަވީ އެއްފަހަރު ދުބާއީއަށްގޮސް ހުރި ދަތުރެއްގައި ކަމަށެވެ.އޭރު ވަރަށް ގިނައިން އެ ސައި ބޮވުނެވެ.އެމެރިކާއަށް އައުމަށްފަހު މިތަނުގެ ބައެއް ރެސްޓޯރެންޓްތަކުގައި ކަރަކް ޓީ ހުންނަކަން އެނގުނެވެ.މާކަސް ކަރަކް ޓީ ހަދަންދަސްކުރިއެވެ.އޭނަވެސް ކުޅަދާނަ ޝެފެއްފަދައެވެ.ހުރިހާ ވައްތަރުގެ ކެއުން ތައްޔާރުކޮށްލަން ދެވަނައެއް ނެތެވެ.ތެދެކެވެ.އެސައި ވަރަށް މީރެވެ.ކަރަންފޫ އިނގުރު ފޮނިތޮށި އަދި ކާފޫރުތޮޅި އަޅާފައި ތައްޔާރުކުރާ ރަހަ މީރު ސަޔެކެވެ.ޚަރީފު މޫސުމްގެ ފިނިކަން ކަނޑުވާލުމުގައި އެހީތެރިވެދިނެވެ.ދެމީހުން ސައި ބޮއި ނިމިގެން އާދައިގެ މަތިން ހިނގާލަން ދާން ކައިޒާން ދައުވަތު ދިނެވެ.ގެ ކައިރީގައި ހިނގަން ހަދާފައިވާ ހަނި މަގުތަކަށް ކޮންމެވެސް ވަރަކަށް އަލިކަން އެޅިފައި ވިޔަސް ގެއާއި ދުރަށް ދާ ވަރަކަށް އަނދިރިކަން ގަދަވިއެވެ.

"މާ ދުރަށް ނުދައްޗޭ ޕްލީޒް.."ކެމީލާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ.

"މުޅި މި ސަރަހައްދަކީވެސް ބައްޕަމެންގެ.އިތުރު ބަޔަކު ނޫޅޭނެ.ސޯ ނޯ ވޮރީސް...."ކައިޒާން ގުދުވެ މޭޕްލް ފަތެއް ނަގާފައި ކެމީލާއަށް ދިއްކޮށްލިއެވެ.ކެމީލާ އެފަތުގައި ހިފިއެވެ.އަގު ބޮޑު ހަދިޔާތަކާއި އަޅާ ކިޔުނެވެ.ފަތްކޮޅެއްވެސް ހިތް އެދޭ ފަރާތުން ލިބުމުން އެތައް މިލިއަން ޑޮލަރުން އަގު ނުކުރެވޭވަރުގެ އެއްޗަކަށް ވެދާނެއެވެ.އޭނައަށް އިހުސާސްކުރެވުނީ އެފަދަ ގޮތެކެވެ.އެފަތްކޮޅު މުށުތެރެއަށް ލެވުނީ އަގުހުރި ޖަވާހިރެއްފަދައިންނެވެ.ދެމީހުން ހިނގާފައި ދާއިރު އަރާ ލޮޅުންތަކުން ބައެއްފަހަރު އެކަކު އަނެކަކު ގައިގާ ޖެހިލެވެއެވެ.

"ނޯޔާއާއި ދެމީހުން މިއަދު ހާދަ ރުޅިއައިސްގެން ތިބީ.ނޯޔާއަކީ ކަޒިންއެއްނު..ދެން ކީއްވެ އެހާ ރުޅިއައީ.........."ކުއްލިއަކަށް ކެމީލާ ސުވާލުކޮށްލައިފިއެވެ.ނޯޔާއާއި ނާޔަލްގެ ސަބަބުން އެދެމީހުންގެ މި ގާތް އެކުވެރިކަމަށް ހީނަރުކަމެއް އައިސްދާނެތީ ކަންބޮޑު އެބަވެއެވެ.

"ހެހެ އައި ޑޯންޓް ހޭޓް ހާ.ޝީޒް ފެމިލީ.ބޮޑުދައިތައެއްގެ ދަރިއެއް.އެކަމަކު ކިޑީކޮށް އުޅޭތީ ހަމަ ވަރަށް ބޮލަށް އުދަގޫވޭ.އިރިޓޭޓްނުކުރާނެ އިރެއްނުދާނެ.ފެންނައިރަށް ކޮންމެވެސް ޖެއްސުމެއްކޮށްލާ އުދަގޫކުރަމުން އުޅޭތީ ފޫހިވޭ.އެއްވެސް ކަހަލަ މެޗުއަރ ގޮތެއް ނުހުރޭ.އުޅެނީ ދިހަ އަހަރުގެ ކުޑަ ކުއްޖެއްހެން ދޯ.އަހަރެންގެ ޓައިޕެއްނޫން އެހެންވެ...."ކައިޒާން ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ދިޔައިރު ދޭތެރެއަކުން ކެމީލާގެ މޫނަށް ބަލައިލައެވެ.ކައިޒާންގެ ވާހަކަ މިހިރީ އެހެން ގޮތަކަށެވެ.ނޯޔާގެ ވާހަކަތަކުން ހީވާން އުޅެނީ ކައިޒާން އެކުއްޖާއަށް ޖެއްސުންކޮށް ގޯނާކުރަނީހެނެވެ.

ނާޔަލް އެނދުގައި އޮވެފައި ތެދުވުނީ ކެމީލާ ދެކޭހިތުން ކެތްނުކުރެވިގެންނެވެ.ސްކާފް ކަރުގައި އޮޅާލުމަށްފަހު ގެއިން ބޭރަށް ނުކުތެވެ.ދުންފިނި ހިފާފައިވާ މަގުތަކެވެ.ފިނިކަމުގެ އިންތިހާއެވެ.އޮކްޓޫބަރު މަހުގެ ފަހުކޮޅަށް ވުމުން ރޭގަނޑު ފިނިވެފާ އެހާ އަނދިރިކަން ގަދައެވެ.ވިދާ ބަބުޅާ ތަރިތަކުން އުޑުމަތި ދިއްލާއަޅާފައިވެއެވެ.ނާޔަލް ދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް ކައިޒާންމެންގެ ގެއާއި އަރާހަމަވިއެވެ.ތަންކޮޅެއް ދުރުގައި ހުރި ބެންޗަކުން ހިޔަނިތަކެއް ހަރަކާތްކުރިހެން ހީވެފައި ނާޔަލްގެ ހިތް ހުއްޓޭކަހަލަ ގޮތެއްވިއެވެ.އެދެހިޔަނި އެއް ހިޔަންޏަށްވެގެން ދިޔައީ ލޯ ކުރިމަތީގައެވެ.

"ޑޭމިޓް....."ނާޔަލްގެ ހިތް ހަލާކުވާވަރުވިއެވެ.ރުޅިންގޮސް މޮޔަވާވަރުވިއެވެ.އެދިޔަ ބާރުމިނުގައި ގޮސް އެދެމީހުން ދޭތެރެއަށް ވަދެވުނުގޮތަށް ގޮށްމުށުގެ ބާރު އެތިފަހަރެއް މޫނަށް ވީއްލާލެވުނުއިރު އެދެލޮލުން އަލިފާނުގެ ކަނިތައް ބުރާފަދައެވެ.އެދެމީހުން ތުން ގުޅުވާލައިގެން އެބެންޗުގައި އިށީދެގެން ތިބީ އޭނަގެ ލޮލުގެ ކުރިމަތީ ވިއްޔާއެވެ.ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެވެ.މައުސޫމްކަމުގެ ދާވަނި ފަތުރާލައިގެން ހުރެ އަނދިރިފަރާތް ފޮރުވިޔަސް ހުރިހާ ހަގީގަތެއް ހާމަވެއްޖެއެވެ.

(ނުނިމޭ...)