ފިޝަރީޒް ސައިންސް ފީލްޑް ޓްރިޕްގައި އުޅެނިކޮށް އިއްޔެ މާލެ އަތުޅު ހުރާގައި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރުންނާއި އެސްކޫލްގެ ޕްރިންސިޕަލް ނިޔާވި ހާދިސާއާ ގުޅިގެން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމްއަށް[ މީހުން ސޮއިކުރުން ތިން ދުވަހަށް ފަސްކޮށްފި އެވެ.

ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހަކީ ހިތާމައިގެ ތިން ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ޕީޕީއެމް އިން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕާޓީ އަށް ސޮއިކުރުމުގެ ޕްރޮގްރާމް ދެން ކުރިއަށް ގެންދާނީ ތިން ދުވަސް ފަހުން ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ފަހުން ހާމަ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުރާގައި އިއްޔެ ހެނދުނު ގެނބިގެން މަރުވި ހަތަރު ކުދިންނާއި ޕްރިންސިޕަލްގެ ޖަނާޒާ ރޭ ބާއްވާފައިވާ އިރު އެ ހާދިސާ ވަރަށް ރަނގަޅަށް ތަހުގީގު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ ގޮވާލާފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ދިވެހި ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށާއި އެމްއެންބީސީގެ ޗެނަލްތަކުން ކީރިތި ގުރުއާން ފޮނުވުމަށް ސަރުކާރުން ވަނީ ހަމަ ޖައްސަފަ އެވެ.
އިއްޔެ ނިޔާވި ހަތަރު ކުދިންނާއި ޕްރިންސިޕަލްގެ މޫނު ދެއްކުން ރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ދިޔަ އިރު އެތަނަށް ގިނަ ބަޔަކު ގޮސް މޫނު ބެލި އެވެ. އަދި މަރުހޫމުންގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.