ދިވެހީންވެސް އިންޑިއާއަށް ގޮސް އުޅެނީ ޒަރޫރީ ބޭނުންތަކުގައި ކަމަށާއި، ނަމަވެސް އިންޑިއާއިން ދިވެހީންނަށް ވިސާއަށް ދަތިކޮށް، "އިންތިހާއަށް އުނދަގޫކުރާ"ކަމަށް ޓްރިވެންޑްރަމްގައި މީގެ ކުރިން ހުންނެވި ދިވެހި ކޮންސުލް އަލީ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން އިންޑިއާ ރައްޔިތުންނަށް ވޯކް ވީސާއާއި ވޯކް ޕާމިޓުގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ، ކެރެލާ ސްޓޭޓުގެ ޗީފް މިނިސްޓަރު އިންޑިއާގެ ޔޫނިއަން އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ކެރެލާގެ ޗީފް މިނިސްޓަރު ވަނީ އެ މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކި، އެ މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެކަމަށް ރައްދު ދެއްވައި ޓްރިވެންޑްރަމްގައި ކުރިން ހުންނެވި ދިވެހި ކޮންސުލް އަލީ އާދަމް ޓްވިޓާގައި ވިދާޅުވީ ދެ ގައުމުގެ މީހުންވެސް ދެ ގައުމަށް އައިސް ގޮސް އުޅުނީ ޒަރޫރީ ބޭނުންތަކުގައި ކަމަށެވެ.

"ބޮޑަސް ކުޑަޔަސް އުނދަގޫވީމާ ހަމަ ކޮންމެ ގައުމަކަށްވެސް އުނދަގޫވާނެ،" އިސްލާމިކް މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި މިހާރު މަސައްކަތްކުރައްވާ އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވި ގޮތުގައި ސީދާ އޭނާވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް، ދިވެހީންގެ ހުރި ވިސާގެ ކަންބޮޑުވުމާއި އުނދަގޫ ފޯރާ ވާހަކަތައް ދެންނެވި ކަމަށެވެ.

"އޭރު ހަމަ ކަހާތަން ހިރުވާހެން ވެސް ނުލެއްވި. މިހާރު ހިރުވާތަން ފާރުވާ ވަރަށްވެސް ކަހަން ޖެހޭ ހިސާބަށް ދާހެން އެބަ ހީފުޅުވޭތާ ދެއްތޯ؟" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އޭނާ ދެކެވަޑައިގެންނެވި ގޮތުގައި، ދިވެހީންގެ މީސްކޮޅު މަދުވެފައި ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން އިންޑިއާއިން އަޅާނުލީ ކަމަށެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވާ އިރު، މިދިޔަ ހަފްތާ ތެރޭގައި އިންޑިއާގެ ނޫސްތަކުގައި ވަނީ ރާއްޖެއިން އިންޑިއާ މީހުންނަށް ވޯކް ވީސާ ދޫނުކުރާ ކަމަށް ބައެއް ރިސޯޓުތަކުގެ އިޝްތިހާރުތަކުގައި ޖަހަމުން ގެންދާކަމަށް ބުނެ ޚަބަރު ޖަހާފައެވެ.

އެކަމާ ގުޅިގެން އިންޑިއާގެ އިދިކޮޅު ޕާޓީ، އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ)ގެ ލީޑަރު ރާހުލް ގާންދީ ވަނީ އެގައުމުގެ ސަރުކާރާއި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.