ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ސްވިޓްޒަލޭންޑާ ދެކޮޅަށެވެ.

ބްރެޒިލުން ވޯލްޑް ކަޕާ ހަމައަށް އައީ ވަރުގަދަ ފޯމެއްގައި އޮވެގެންނެވެ. ހާއްސަކޮށް އެޓީމުގެ ކޯޗުކަމާ ޓީޓޭ ހަވާލުވި ފަހުން ބްރެޒިލްގެ ފަރާތުން ފެންނަމުން އައީ ތަފާތު މޮޅު ކުޅުމެކެވެ.

ވޯލްޑް ކަޕަށް ބްރެޒިލްއާ ދޭތެރޭ އުންމީދުތައް ބޮޑުވެފައި އޮތް އިރު، މިރޭގެ މެޗަށް އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަކީ ޓީމުގެ ތަރި ނޭމާގެ ވާހަކައެވެ. މިއަހަރު ފެބްރުއަރީ މަހު ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ސާޖަރީ ހަދާފައިވާ އިރު، ވޯލްޑް ކަޕަށް ފިޓްވީ ހަމަ ކިރިޔާއެވެ.

ނޭމާގެ ކުޅުން ވޯލްޑް ކަޕްގެ ކުރިން ފެނިފައި ވަނީ ބްރެޒިލުން ކުޅުނު ވާމްއަޕް ދެ މެޗެއްގައެވެ. އެ ދެ މެޗުގައިވެސް ނޭމާ ވަނީ ގޯލް ޖަހައިފައެވެ.

"ނޭމާ 100 ޕަސެންޓެކޭ ނުބުނާނަން. އެކަމަކު ކުޅެވޭ ވަރަށް ފިޓްކޮށް ހުރީ. އޭނާ ކުޅޭއިރު ނުކުޅޭނެ ދަށްކޮށެއް. ފިޒިކަލީ ކުޑަ އަންފިޓް ކަމެއް ހުއްޓަސް ނޭމާގެ ދުވެއްޔާ ހަލުވި ކަމަކަށް ބަދަލެއް ނާދޭ. އޭނާ ހުރީ ތައްޔާރަށް،" މިރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ޓީޓޭ ބުންޏެވެ.

އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ބްރެޒިލް ކަޓައިގެން ދިޔައީ ސެމީ ފައިނަލްގައި 7-1ގެ ނަތީޖާއަކުން ޖަރުމަނު އަތްދަށު ވެގެންނެވެ.

ޓީޓޭ ބުނީ އަދިވެސް އެ ހަނދާންތައް ކުޅުންތެރިންގެ ސިކުނޑީގައި ހުރި ކަމަށާއި، އެކަން ފިލުވާލައި ޓީމަށް ބަދަލުތަކެއް ގެނެވުމަކީ ޗެލެންޖުތަކެއް ކުރިމަތިވި ކަމެއް ކަމަށެވެ. މިރޭގެ މެޗުގައި ނެރޭގެ ފުރަތަމަ 11އާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ޓީޓޭ ބުނެފައި ވަނީ ބްރެޒިލްގެ ފުރަތަމަ 11އަށް ކޮންމެ ބަދަލެއް ގެނައި ނަމަވެސް ޓީމު ވާނީ އިތުރަށް ވަރުގަދަ ކަމަށެވެ.

ބްރެޒިލާއި ސްވިޓްޒަލޭންޑް ވާދަކުރާ މެޗު އޮންނާނީ މިރޭ 11:00ގައެވެ.