17 Jun 2018, 14:01
ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތް "ވޯލްޑްކަޕް"ގެ ފޯރި ދުނިޔޭގެ އެކި ކަންކޮޅުގައި ގަދަވެފައި ވާއިރު ކޮންމެ މެޗެއްވެސް ކުޅެވޭ ދުވަހު އެންމެ ފޯރި ގަދަވެގެން ދަނީ މީސްމީޑިއާއެވެ. ރާއްޖޭގައިވެސް އެކަން ހިނގަނީ އެގޮތަށެވެ. އެކަކު އަނެކަކަށް ދިމާ ކުރުމާއި ތިމާ ސަޕޯޓް ކުރާ ޓީމް މޮޅުވެއްޖެ ނަމަ އެވާހަކަ ގަދައަށް ދެއްކުމާއި ބަލި ވެއްޖެ ނަމަ ޓީމް ދިފާއު ކުރުމާއި، ނިމުމެއް ނެތް ރޮނާލްޑޯ އަދި މެސީގެ ބަހުސެވެ.
ބުރާސްފަތި ދުވަހު ވޯލްޑްކަޕް ފެށިއިރު އެއީ ދިވެހިން ރަމަޟާން މަހުގެ ފަހު ރޯދަ ހިފި ދުވަހެވެ. އެ ދުވަހު ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ބަދިގެ ތެރޭގައި ކައްކަން އުޅުނު އަންހެންވެރީންވެސް އެންމެ ގިނައިން ދެއްކީ ވޯލްޑްކަޕްގެ ވާހަކައެވެ. ޑްރާމާ ސީރީސްތައް ނުބެލުނަސް މެސީ ކުޅޭ މެޗު ކޮންމެހެންވެސް ބަލަންޖެހޭނެ ކަމުގެ ވާހަކައެވެ. މިސްރުގެ ތަރި މުހައްމަދު ސަލާހަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިބުނު އަނިޔާ ފަސޭހަވެ އޭނާއަށް ވޯލްޑް ކަޕް ކުޅެވޭނެތޯވެސް އެއީ ހިނގި ބަހުސްތަކެވެ.
ފޭސްބުކްގައި ދިވެހި ޒުވާން އަންހެނަކު ލިޔުނު ޕޯސްޓެއް މިއަދު ފެނިއްޖެއެވެ. މި ލިޔުން ލިޔުމަށް ޝައުގުވެރި ކުރިވީ އެއްކަމަކީ އެ ޕޯސްޓެވެ.
"އަންހެން ކުއްޖެއް މެޗެއްގެ ވާހަކަ ދައްކާފިއްޔާ ބައެއް ފިރިހެން ކުދިންނަށް ހާދަ ވަރެއްވޭ އެބަ" ޒުވާން އަންހެން ކުއްޖާ ކުރީ މި ސުވާލެވެ.
ހަގީގަތަކީ ވޯލްޑް ކަޕަކީ ވަކި ބަޔަކަށް ހާއްސަ މުބާރާތެއް ނޫނެވެ. އަދި ފުޓްބޯޅައަކީވެސް ވަކި ޖިންސަކަށް ހާއްސަ ކުޅިވަރެއް ނޫނެވެ. އެހެން ކަމުން ކޮންމެ މީހަކަށްވެސް މެޗުތައް ބެލޭނެއެވެ. ފޯރިވެސް ނަގަންވީއެވެ. ހަގީގަތަކީ މިހާރު ދިވެހި ޒުވާން އަންހެނުންގެ މެދުގައި އެ މުބާރާތައް އޮތް ފޯރިއާ ގާތް ކުރާ ވަރަށް ވެސް ފޯރި ނެގެނޭ އިތުރު ބަޔަކު ނެތީމައެވެ.
"އެންމެ މެޗެއްވެސް ވައްޓާ ނުލާ ބަލާނަން. ސަޕޯޓުކުރަނީ މެސީއަށް. މިބުނީ އާޖެންޓީނާއަށޭ،" ބުރާސްފަތި ދުވަހުގެ ރޭ ވޯލްޑް ކަޕް ބެލުމަށް މާލޭގެ ގާޑިއެއްގައި އިން ޒުވާން އަންހެނަކު ބުނީ މިހެންނެވެ.
Can't wait for Spain vs Portugal. ⚽️????#WorldCup2018#MyTeam#Portugal#CR7
— Sihthi ???????? (@cthooo)June 15, 2018
Daaaaaaaaaaymmm ♥️ i got goosebumpshttps://t.co/6Ccg1A8xMi
— rushdhar ????❓ (@rushdhar)June 16, 2018
މުބާރާތުގެ ފޯރި އެންމެ ގަދަވެގެންދިޔައީ ހުކުރު ދުވަހު ސްޕެއިންއާއި ޕޯޗުގަލް ކުޅުނު މެޗާއި ހިސާބުންނެވެ. އެ ދުވަހު ސްޕެއިން ކޮޅަށް ރޮނާލްޑޯ ޖެހި ތިން ލަނޑާއެކު މީސްމީޑީއާގައި ޝުއޫރުތައް ބަންޑުންވީއެވެ. އަދި އޭގެ ފަހުން ރޭ އާޖެންޓީނާ، އައިސްލޭންޑް ބައްދަލު ކުރި މެޗު އެއްވަރުވެގެން ދިޔުމާއި އެކު އެ ފޯރި އިތުރަށް ގަދަވީއެވެ. ހަމަ އެކަނި ފިރިހެނުންގެ މެދުގައެއް ނޫނެވެ. އަންހެނުންވެސް އެއްވާނެއްގައި ދެއްކީ އެވާހަކައެވެ.
"އަސްލު ފޯރިގަދަވެގެން މިއުޅޭ ސަބަބަކީ މެސީއާ ރޮނާލްޑޯގެ ސަބަބުން. ދިވެހި އަންހެން ކުދިންގެ މެދުގައި ވަރަށް ގިނަ މެސީއާ ރޮނާލްްޑޯއަށް ސަޕޯޓުކުރާ ކުދިން. އެހެންވެ މިވަރަށް ފޯރި ގަދަވަނީ،" ރޮނާލްޑޯއަށް ސަޕޯޓް ކުރާ ޒުވާން އަންހެނަކު ބުންޏެވެ.
GOALSON SAVED MESSI'S PEN AHAHAHAHAHAH
— ibha ⚽️ (@ibha_jaleel)June 16, 2018
Why is everyone talking about messi missing the penalty? We should talk about how iceland goalkeeper@hanneshalldorssaved a penalty by world’s best player messi
— Arcyat ???? (@ArCyat)June 16, 2018
މުބާރާތް ކުރިއަށް ދާވަރަކަށް މުބާރާތުގެ ފޯރި އިތުރަށް ދާނީ ވަރުގަދަވަމުންނެވެ. މުބާރާތުގެ ފޯރިއާއެކު ދިވެހިންގެ މެދުގައިވެސް އެ މުބާރާތައް އޮތް ފޯރި ދާނީ އިތުރުވަމުންނެވެ. މި ދުވަސްވަރު އޮފީހަށް ގަޑިވެސް ޖެހޭނެއެވެ. ތިން ވަގުތެއްގައި މެޗުތައް އޮންނަ އިރު އެންމެ މެޗެއްވެސް ދޫކޮށްލަން ބޭނުންނުވާ މީހުން ބައިވަރެވެ. އަންހެން ކުދިންވެސް ހަމަ މިގޮތަށެވެ. މެޗު ގަޑިތަކުގައި މީސްމީޑިއާ ބަލާށެވެ. ޒުވާން އަންހެން ކުދިންގެ މެދުގައި އޮތް ފޯރިފެންނާނެވެ.