09 Sep 2011, 19:20
ޖުޑީޝަރީގެ ބޭފުޅުންނާއި މަދަނީ ޖަމިއްޔާތަކުގެ ބޭފުޅުންނާއި ސަރުކާރަށް ނިސްބަތް ނުވާ މީހުންގެ މައްޗަށް އެކުލެވޭ މިނިވަން ކޮމެޓީއަކުން ހިރިޔާ ދަރިވަރުން މަރުވި ހާދިސާ ތަހުގީގު ކުރުމަށް އިދިކޮޅު އިއްތިހާދުން ނާއި ޕީޕީއެމް އިން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކާއި ޕްރިނަސިޕަލް އަހުމަދު ނާޒިމް ގެބިގެން މަރުވި ހާދިސާއާ ގުޅިގެން މިއަދު އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ އެ ހާދިސާ އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވޭނީ މިނިވަން މެންބަރުންގެ ކޮމެޓީއެއް އެކުލަވާލައިގެން ކަމަށެވެ. އަދި ރައީސް ނަޝީދު މިދުވަސްކޮޅު ރާއްޖެއިން ބޭރުގައި އުޅުއްވެވި ނަމަވެސް އެ ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރެއްވުމަށް އޭނާ ގޮވާލެއްވެވި އެވެ.
އިލްހާމް ވިދާޅުވީ އެ ހާދިސާ ހިގުމުގައި ބައެއްގެ އިހްމާލެއް ވާނެ ކަމަށާއި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭނެ ކަމަށެވެ. އަދި ދަރިވަރުންތަކެއް ރަށަކަށް ދާއިރު އެ ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށްޓަކައި ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަން ހޯދަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކުމުގައި އެޑިއުކޭޝަން މިނިސްޓަރު ޝީފާ މުހައްމަދުގެ އިހްމާލެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވެވި އެވެ. އެހެންކަމުން ޝިފާ އިސްތިއުފާދެއްމުމަށް އިލްހާމް ގޮވާލެއްވެވި އެވެ.
އިލްހާމް ވިދާޅުވީ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އެ ހާދިސާ ހިނގި ގޮތް ދިރާސާ ކުރުމަށް އެންމެ މުސްތަގިއްލު އެއްފަރާތަކީ ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރްސީއެމް( ކަމަށެވެ. އަދި އެ ކޮމިޝަނުން އެ މައްސަލަ ބެހޭ ގޮތުން އަވަސް މުސްތަގުބަލެއްގައި ރިޕޯޓެއް އެކުލަވާލުމަށް އެނާ ގޮވާލެއްވެވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޕާޓީގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ އެ ހާދިސާ ހިނގުމުގައި ސަލާމަތީ އެއްވެސް ބާރެއްގެ އިހްމާލެއް ވޭތޯ ބެލުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އަށް އެމްއެންޑީއެފް އާއި ފުލުހުންގެ އިސްވެރިން ހާޒިރު ކުރާނެ ކަމަށެވެ. އަދި މަޖިލިސް ޗުއްޓީގައި އޮތް ކަމުގައި ވިޔަސް "މިއަދުން މިއަދަށް ވެސް" މަޖިލީހުގެ ޖަލްސާއެއް ބާއްވައި ކަމާބެހޭ އިދާރާތައް ޒިންމާދާރު ކުރުވުމަށް އޭނާ ގޮވާލެއްވެވި އެވެ.