09 Sep 2011, 18:42
ދަހޭގް (ސެޕްޓެމްބަރ 9) : ލީބިޔާގެ ކާރނަލް މުޢައްމަރުލްޤައްޒާފީ ހިފައި ހައްޔަރު ކުރުމުގެ ރެޑް ނޯޓް ނެރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ލުއިސް އޮކަމްބޯ، އިންޓަރޕޯލުގެ ކިބައިން އެދިވަޑައިގެންފިއެވެ.
އޮކަމްބޯގެ އޮފީހުން ނެރުނު ބަޔާނެއް ބުނިގޮތުގައި ޤައްޒާފީއާއި އޭނާގެ ދަރިކަލުން ސައިފުލްއިސްލާމްއާއި ލީބިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޢަބްދުﷲ ސުނޫސީ ހިފައި ހައްޔަރު ކުރުމުގެ ރެޑް ނޯޓް ނެރުމަށް އޮކަމްބޯ އިންޓަރޕޯލުގެ ކިބައިން އެދިވަޑައިގެންފައިވާ ކަމުގައެވެ. އަދި ގައްޒާފީ ހައްޔަރު ކުރުމަކީ ވަރަށް ގާތުގައިވާ ކަމެއް ކަމަށްވެސް އޮކަމްބޯގެ ބަޔާން ބުނެއެވެ.
މިދިޔަ އޮގަސްޓްމަހު ލީބިޔާގެ ހަނގުރާމަވެރިން ޓްރިޕޮލީ ހިފުމަށްފަހު ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ހައްޔަރު ކުރެވިއްޖެ ކަމަށާއި އޭނާ ވަރަށް އަވަހަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރެވޭނެ ކަމަށް ވިދާޅުވެ އޮކަމްބޯ ވާހަކަ ދައްކަވާފައިވެއެވެ.
ނަމަވެސް އެއަށްފަހު ސައިފުލްއިސްލާމް ޓްރިޕޮލީގައި މިނިވަންކަމާއެކު އުޅުއްވާތަނާއި އޭނާ ލީބިޔާގެ ހަނގުރާމަވެރިންނާ ދެކޮޅަށް ބަޔާންތައް ދެއްވާ މަންޒަރު ފެނިފައިވެއެވެ. އަދި ގައްޒާފީއާއި ސައިފުލްއިސްލާމް އާއި ޢަބްދުﷲ ސުނޫސީ އުޅުއްވާތަނެއް މިހާރު ނޭންގޭ ކަމަށް ޚަބަރުތައް ބުނާއިރު ގައްޒާފީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.
ސޫދާނުގެ ރައީސް ޢުމަރު ޙަސަން އަހްމަދުލްބަޝީރު ހައްޔަރު ކުރުމުގެ އަމުރެއްވެސް 2007 ވަނަ އަހަރު އޮކަމްބޯ ނެރުއްވާފައިވެއެވެ. ނަމަވެސް އަލްބަޝީރު ދުނިޔޭގެ ޤައުމުތަކަށް މިނިވަން ކަމާއެކު ދަތުރުކުރައްވައި ހައްދަވާއިރުވެސް އެއްވެސް ޤައުމަކުން އޭނާ ހައްޔަރުކޮށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ ހަވާލު ކުރުމުގައި އެކޯޓަށް އެއްބާރުން ދީފައެއް ނުވެއެވެ.
އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައި އިސްލާމީ ބައެއް ޤައުމުތަކުގެވެރިން ހައްޔަރު ކުރުމުގެ އަމުރު އޮކަމްބޯ ނެރުއްވާފައިވީ ނަމަވެސް މިފަދަ ޖަރީމާތަކާގުޅިގެން އެމެރިކާފަދަ ހުޅަނގުގެ ބައެއް ޤައުމުތަކުގެ ވެރިންނާއި އިސްރާއީލުގެ ވެރިން ހައްޔަރު ކުރުމުގެ އަމުރު ނެރުއްވުމަށް އޮކަމްބޯ ފަސްޖެހިވަޑައިގަންނަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)