16 Jun 2018, 17:38
މިއަހަރުގެ ވޯލްޑް ކަޕަށް ޕެރޫ ކޮލިފައިވީ 36 އަހަރަށް ފަހުގައެވެ. އެތައް ދުވަހެއް ފަހުން އަމިއްލަ ގައުމު ވޯލްޑް ކަޕެއްގައި ކުޅޭތަން ހަމަ ލޮލުން ބަލާލުމަށް ޕެރޫގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ރަޝިއާއަށް ގޮސްފައެވެ.
ގެންގުޅޭ ކާރު ވިއްކާލާ، މަސައްކަތްކުރަމުން ދިޔަ ވަޒީފާއިންވެސް ކެނޑިގެންނެވެ. މަގުމަތީގައި ނިދަން ޖެހުނަސް، ހަމައެކަނި ކުކީއެއް ކާލައިގެން ރަޝިއާގައި ހުންނަން ޖެހުނަސް، ޕެރޫ ސަޕޯޓަރުން ވޯލްޑް ކަޕްގައި އަމިއްލަ ގައުމު ކުޅޭތަން ނުބަލާނެ ގޮތެއް އެއީ ނެތް ގޮތެކެވެ.
"1،000 ޕައުންޑުގެ ބަޖެޓެއް ހިފައިގެން ގިނަ މީހުން މި އަންނަނީ. މަގުމަތީގައި ނިދައިގެން، ދުވާލު ކުކީސް ކައިގެން މި އުޅެނީ ރަޝިއާގައި. ބައެއް މީހުން އައީ ވަޒީފާ ދޫކޮށްލާފައި. އެއީ ވަޒީފާ ދޫކޮށްލުމުން އެއް ފަހަރާ ފައިސާ ލިބޭތީ. ވޯލްޑް ކަޕަށް އައުމަށް ޕޮލާޑާވެސް ވަރަށް ގިނަ ބަޔަކު ބޭނުންކުރި. ޕޮލާޑާއަކީ ގޭގައި ރަނގަޅަށް ކައްކައިގެން ފައިސާއަށް ކާން ދިނުން. ޕެރޫގައި އާންމުކަމެއް އެއީ،" ރަޝިއާގައި ހުރި ޕެރޫގެ އިނގިރޭސި ޓީޗަރެއް ކަމަށްވާ ގިޔަރްމޯ އެސްޕިނޯޒާ ކިޔާދީފައިވެއެވެ.
މިއީ ޕެރޫ ސަޕޯޓަރުންގެ އާންމު ހާލަތެވެ. އެކަމަކު އެ ހުރިހާ އެންމެންގެ ތެރެއިންވެސް ޓިކެޓެއް ހޯދުމަށް ތަފާތު މަސައްކަތެއް ކުރި މީހަކު އެބަހުއްޓެވެ. ޕެރޫގެ ސަޕޯޓަރުންނަށް 43،583 ޓިކެޓް ވިއްކި ކަމަށް ފީފާއިން ބުނާ އިރު، ޕެރޫގެ ޓީމަށް ސަޕޯޓުކުރުމަށް ރަޝިއާއަށް ދިޔަ މީހުންގެ އަދަދު 80،000 އަށް އަރައެވެ. އެއީ ޕެރޫގެ ގިނަ މީހުންނަކީ ޔޫރަޕްގެ ގައުމުތަކުގައި ވަޒަންވެރިވެ އެ ގައުމުތަކުގެ ޕާސްޕޯޓް އޮންނަ މީހުނަށްވެސް ވާތީއެވެ.

ޕެރޫގެ ސަޕޯޓަރުން ރަޝިއާގެ މަގުތަކުގައި --- ފޮޓޯ/ އޭޕީ
ޓިކެޓް ނުލިބިދާނެ ކަމުގެ ބިރަށް ޕެރޫގެ ރައްޔިތުން އެކިއެކި މަސައްކަތްތައް ކުރި ކަމަށް ގިޔަރްމޯ އެސްޕިނޯޒާ ކިޔައިދިން އިރު، އޭނާގެ ވާހަކައިން އެންމެ ފާހަގަ ކުރެވުނީ 24 ކިލޯ ބަރުވި ސަޕޯޓަރެއްގެ ވާހަކައެވެ.
"އެބަ އުޅޭ 24 ކިލޯ އަމިއްލައަށް ބަރުވި ސަޕޯޓަރެއްވެސް. އޭނާއަށް ޓިކެޓެއް ނުލިބި އަންނަން ޖެހުނީމަ 24 ކިލޯ ބަރުވީ. ސްޓޭޑިއަމްގައި ހުންނާނެ ފުޅާކޮށް ހުންނަ، ތަންކޮޅެއް ފަލަ މީހުންނަށް ހާއްސަ ގޮނޑިތަކެއް. އެ ގޮނޑިތަކުގެ ޓިކެޓް ހޯދަން ފަސޭހަވާނެ. އަނެއްކާ ވަރަށް ރަނގަޅު ހިސާބެއްގައި އިނދެ މެޗުވެސް ބަލާލެވޭނެ،" އެސްޕިނޯޒާ، ހާއްސަ ސަޕޯޓަރެއްގެ ވާހަކަ ކިޔައިދިނެވެ.
ޕެރޫގެ ސަޕޯޓަރުންގެ އިންތިޒާރަށް ނިމުން ގެނުވާނީ މިއަދު ޑެންމާކާ ދެކޮޅަށް އެޓީމުން ކުޅޭ މެޗުގައެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕެރޫ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.