ޖުމްހޫރީ ޕާޓީގެ އޮނިގަނޑަށް އަލަށް އިތުރު ކުރި ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ އެ ޕާޓީގެ އޮނިގަނޑަށް އިތުރު ކުރި ރައީސްގެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކު މަސައްކަތް ކުރައްވާނީ އެ ޕާޓީގެ ލީޑަރުގެ ދަށުން ކަމަށާއި ނަމަވެސް އޭނާގެ މަސްއޫލިއްޔަތުތައް އަދި ކަނޑަނާޅުއްވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ރޭ އެޕާޓީން ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނެސް، އާ މަގާމުތަކެއް އުފައްދާފައިވާ ކަމަށެވެ.

އުފެއްދި އާ މަގާމުތަކުގެ ތެރޭގައި އެ ޕާޓީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު، އަދި އެ ޕަޓީގެ އަންހެނުންގެ ގޮތްޕާއި ޒުވާނުންގެ ގޮފީގެ ސެކްރެޓަރީގެ މަގާމު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

އެ މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނީ ހުކުރު ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ އެޕާޓީގެ ތިންވަނަ ގައުމީ ކޮންފަރަންސްގައި ކަމަށް ސަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކޮންފަރަންސްގައި 400 އެއްހާ މީހުން ބައިވެރިވާނެ ކަމަށެވެ.

ކޮންފަރެންސްގައި އެޕާޓީގެ އަލަށް އުފެއްދި ދިދަައާއި ލޯގޯ ތައާރަފް ކުރުން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޕާޓީގެ ދިދަ އާއި ލޯގޯ ބަދަލުކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދިދާގައި ހުންނަ ނިޝާންތަކެއް އެ ދިދާގައި ހުރުމުން އެކަން ބަދަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުންނެވެ.