09 Sep 2011, 18:30
ނިއުޔޯކް (ސެޕްޓެމްބަރ 9) : އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ކުއްލި ޙަމަލާތަކެއް ދޭންޖެހިދާނެ ކަމަށް ވިދާޅުވެ ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ދެއްވާފައިވާ ހަރުކަށި ބަޔާނާ ގުޅިގެން އީރާނުން އިއްޔެ އދ. ގެ ސަލާމަތީ މަޖިލީހަށް ޝަކުވާ ހުށަހަޅައިފިއެވެ.
އދ.ގައި ހުންނަވާ އީރާނުގެ ދާއިމީ މަންދޫބު މުޙައްމަދު ޚުޒާޢީ ވިދާޅުވީ ފަރަންސޭސިވިލާތުން އީރާނާދެކޮޅަށް އެއްވެސް ހަރުކަށި ޢަމަލެއް ހިންގައިފިނަމަ އަމިއްލަ ނަފްސުގެ ދިފާޢުގައި އީރާނުންވެސް ފަރަންސޭސިވިލާތާ ދެކޮޅަށް ރައްދު ދޭނެކަމުގައެވެ. އީރާނުގެ މަންދޫބު ވިދާޅުވީ ފަރަންސޭސިވިލާތުން ނިއުކްލިޔަރ ހަތިޔާރާއި ފަނާކުރަނިވި އެހެން ހަތިޔާރުތައް ހަދައި އެތަކެތި ރައްކާކުރުމަށްފަހު އެހެން ޤައުމުތަކުގެ ހަތިޔާރުގެ ވާހަކަ ދައްކައި އެހެން ޤައުމުތަކަށް ބިރުދެއްކުމުގެ ޙައްޤު ފަރަންސޭސިވިލާތަށް ނޯންނާނެ ކަމުގައެވެ. އަދި ފަރަންސޭސިވިލާތަކީ ބަލިކަށިވެގެންދިޔަ ޔޫރަޕްގެ ޤަދީމީ އިސްތިޢްމާރީ ބާރެއް ކަމަށާއި ފަރަންސޭސީން މިއަދު ވަނީ އީރާނަށް ބިރުދެއްކޭފަދަ ޙާލަތެއްގައި ނޫންކަމަށްވެސް އީރާނުގެ މަންދޫބު ވިދާޅުވިއެވެ.
އީރާނަށް ޙަމަލާ ދޭންޖެހިދާނެ ކަމަށް ވިދާޅުވެ ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ އީރާނަށް ބިރު ދައްކަވައި ވާހަކަ ދައްކަވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ފަރަންސޭސި ސަފީރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ކަމަށް ޚަބަރުތައް ބުނެއެވެ.
އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމެއް ކަމަށް ތުހުމަތުކޮށް ބަޔާންތައް ދެމުން ގެންދަނީ އެމެރިކާ، އިސްރާއީލު، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތްފަދަ ނިއުކްލިޔަރ ހަތިޔާރާއި ފަނާކުރަނިވި އެހެން ހަތިޔާރުތައް ގިނަޢަދަދަކަށް އުފައްދައި ރައްކާކޮށްފައިވާ ޤައުމުތަކުންނެވެ.
ނަމަވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދާ ކަމުގެ އެއްވެސް ހެއްކެތް މިއިން އެއްވެސް ޤައުމަކަށް އަދި އދ. އަށްވެސް ދެއްކިފައެއްނުވެއެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތަކީ ޢިރާޤުގައި ފަނާކުރަނި ހަތިޔާރު ހުރިކަމަށްބުނެ ބައިނަލްއަޤްވާމީ މުޖްތަމަޢަށް އޮޅުވާލައި ބޮޑެތި ދޮގުތަކެއް ހެދިކަން ބޭޒާރުވެފައިވާ ދެޤައުމުވެސް މެއެވެ.
އީރާނަށް ބިރުދެއްކި މައްސަލާގައި އީރާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ޝަކުވާ ހުށަހެޅި ނަމަވެސް ފަރަންސޭސިވިލާތަކީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ޤައުމަކަށްވާތީ ފަރަންސޭސީންގެ މިޢަމަލު ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމަކީ ދުރުކަމެއް ކަމަށް މުރާސިލުން ބުނެއެވެ. (އަލްޖަޒީރާ+ރޮއިޓާސް)