ފްރާންސްގެ ރަމްޒެއް ކަމުގައި ގިނަ ބަޔަކު ދެކޭ، މަޝްހޫރު އެއިފެލް ޓަވަރުގެ ވަށައިގެން ބުލެޓްޕްރޫފް ބިއްލޫރިއާއި ތިން މީޓަރު ދިގު ދަގަނޑުގެ ފެންސެއް ޖަހައިފި އެވެ.

ދިމާވެދާނެ ޓެރަރިސްޓް ހަމަލާއަކުން އެއިފެލް ޓަވަރު ރައްކާކުރުމުގެ މަގްސަދުގައި އެ ޓަވަރު ވަށައިގެން ވަގުތީ ފެންސްތަކެއް ޖޫން 2016ގައި ވަނީ ގާއިމުކޮށްފަ އެވެ. އެހެން ނަމަވެސް މިހާރު ފްރާންސުން ދަނީ އެތަނުގައި ޖަހަން ނިންމި އަސްލު ފެންސްތައް ބިނާކުރަމުންނެވެ.

ޖުމްލަ 40.1 މިލިޔަން ޑޮލަރު ހަރަދުކޮށްގެން، އެއިފެލް ޓަވަރުގެ ހަތަރު ފަރާތުން ފެންސް ޖަހާ ނިންމާލަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ. މި މަސައްކަތުގެ ދަށުން އެ ޓަވަރުގެ ހަތަރު ފަރާތުގެ ތެރެއިން ދެ ފަރާތެއްގައި ހުންނާނީ ދެ އިންޗި ބޯ، ބުލެޓްޕްރޫފް ބިއްލޫރި އެވެ. އަނެއް ދެ ފަރާތުގައި ހުންނާނީ 3.4 މީޓަރު ދިގު ދަގަނޑު ފެންސެކެވެ.

އެއިފެލް ޓަވަރުގެގެ ވަށައިގެން ޖަހާފައިވާ ބުލެޓްޕްރޫފް ބިއްލޫރި -- ފޮޓޯ/ ރޮއިޓާސް

އެއިފެލް ޓަވަރު ބަލަހައްޓާ ސޮސައިޓޭ ޑެކްސްޕްލޮއިޓޭޝަން ޑެ ލަ ޓޫރް އެއިފެލްގެ ރައީސް ބާނާޑް ގޯޑިލޭ ވިދާޅުވި ގޮތުގައި، އެއިފެލް ޓަވަރުގެ ވަށައިގެން ޖެހި ފަށަލަތަކުން، އެ ޓަވަރުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އެވެ.

އެއިފެލް ޓަވަރަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް ބިނާ އެވެ. ޕެރިހުގައި ހުންނަ އެ ޓަވަރު ބަލާލުމަށް އަހަރަކު އެތައް މިލިޔަން ފަތުރުވެރިންނެއް ފްރާންސަށް ދަތުރުކުރެ އެވެ.

އެއިފެލް ޓަވަރާ ދިމާލުން ތިރީގައި އޮންނަ ސަރަހައްދު، ޖޫން 2016 އިން ފެށިގެން ވަނީ އާންމުންނަށް ބަންދުކޮށްފަ އެވެ. އަދި އެތަނުގައި ފްރާންސްގެ އަސްކަރިއްޔާ އިން ދަނީ ފޯރިމަރަމުންނެވެ.

ފްރާންސްގައި 2015 އިން ފަށައިގެން އެކިއެކި ޓެރަރިސްޓް ހަމަލާތަކުގައި 240 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.