ހުރާގައި ހިނގި ފަދަ ހާދިސާތައް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން ދިވެހިރައްޔިތުންނަށް އަރުވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު މިއަދު ވިދާޅުވެއްޖެ އެވެ.

ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކާއި އެ ސްކޫލްގެ ޕްރިންސްޕަލް އަލީ ނާޒިމް މަރުވި ހާދިސާއާ ގުޅިގެން ފަސީހު މިއަދު ދެއްވި ބަޔާނުގައި ވިދާޅުވީ ހުރާގައި ހިނގައި ދިޔަ ހާދިސާ ފުލުހުންނާއި އެމްއެންޑީއެފުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ހުރާގައި ހިނގި ހާދިސާއާ ގުޅިގެން އަށް ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އެ ކުދިންގެ ހާލު ރަނގަޅުވަމުންދާ ކަމަށް ފަސީހް ވިދާޅުވި އެވެ.

"މިފަދަ ހާދިސާތައް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މިގެންދަނީ ތަހުގީގު ކުރަމުން،" ފަސީހު ވިދާޅުވި އެވެ.

ހުރާގައި ހިނގި ހިތާމަވެރި ހާދިސާގެ ގުޅިގެން ކަމުގެ ހަގީގަށް އޮޅޭ ވާހަކަތައް ނުފެތުރުމަށް ފަސީހު އެދިވަޑައިގެންނެވި އެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި އެއްވެސް ވާހަކަތަކެއް ހަގީގަތާ ހިލާފަށް ޖައްސަވަމުން ނުގެންދަވާށޭ. އެކަމުން އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަށޭ އެކަމުން ހުރިހައި ދެރައެއް ލިބޭނީ،" ފަސީހު ވިދާޅުވި އެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި ދެއްވި ބަޔާންގައި ފަސީހު ވަނީ ހުރާގައި ހިނގި ހާދިސާގައި މަރުވި ދަރިވަރުންނާއި ޕްރިންސިޕަލް އަލީ ނާޒިމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. އަދި އެ މަރޫހުމްގެ އާއިލާތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި އޭނާ ދުވާކުރެއްވެވި އެވެ.