09 Sep 2011, 16:35
މިއަދު ކ. ހުރައަށް ފިޝަރީޒް ސައިންސް ފީލްޑް ޓްރިޕްގައި ގައި ގޮސް އުޅެނިކޮށް ހިރިޔާސްކޫލްގެ ހަތަރު ދަރިވަރަކާއި އެސްކޫލްގެ ޕްރިންސިޕަލް ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން މޯލްޑިވިއަން ޑިމިކްރެޓިކް ޕާޓީ ( އެމްޑީޕީ) އިން އެއާއިލާތަކަށް ތައުޒިޔާ ކިޔައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވަނީ ހިރިޔާ ސްކޫލްގެ ޕްރިންސިޕަލާއި އެސްކޫލްގެ ހަތަރު ދަރިވަރަކު މިއަދު ގެނބިގެން ނިޔާވުމާ ގުޅިގެން އެމްޑީޕީން ނުހަނު ހިތާމަކޮށް، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، މިފުން ހިތާމައިގާ ބައިވެރިވެ، އެހާދިސާގައި ނިޔާވި ޕްރިންސިޕަލާއި ދަރިވަރުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ ކަމަށެވެ.
އަދި އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދައި އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކަކަށް އެޕާޓީން ނަސޭހަތްތެރިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
މިއަދު ކ. ހުރައަށް ފިޝަރީޒް ސައިންސް ފީލްޑް ޓްރިޕްގައި ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް ނިޔާވުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.