15 Jun 2018, 14:19
މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.
''މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް ސްކޮލަޝިޕް"ގެ ދަށުން ރާއްޖެއަށްް ދީފައިވަނީ މާސްޓާސް އަދި ޕީއެޗްޑީ ކޯސްތަކެކެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ''ސަން"އަށް މައުލޫމާތު ދެމުން ބުނީ އެ ކޯހަށް ކުދިން ހޮވަނީ ނަތީޖާއަށް ބަލާފައި ކަމަށާއި އަދި ކޯހަށް ހޮވުމުގައި ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
މެލޭޝިއާ ސްކޮލަޝިޕްގައި ނުވަ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ސައިންސް އެންޑް އިންޖިނިއަރިންގް، އެގްރިކަލްޗާ އެންޑް ފިޝަރީޒް، އިކޮނޮމިކްސް އެންޑް އިސްލާމިކް ފައިނޭންސް، އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލަޖީ، ބަޔޯޓެކްނޮލަޖީ، ބަޔޮ-ސެކުއިރިޓީ އެންޑް ފުޑް ސޭފްޓީ، އިންފްރާސްޓްރަކްޗަރ އެންޑް ޔުޓިލިޓީ، އެންވަޔަރަމަންޓަލް ސްޓަޑީސް އަދި ނާސިންގ، މެޑިސިން، އަދި ކްލިނިކަލް ފާމަސީ ފިޔަވައި އެހެނިހެން ސިއްހީ ދާއިރާތައް ހިމެނެއެވެ.
ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީއާއި، ލިވިންގް އެލަވަންސްގެ އިތުރުން އެހެނިހެން ހަރަދުތައްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 24 ވަނަ ދުވަހު 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.