ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މެލޭޝިއާގެ މެނޭޖްމަންޓް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) އާ ގުޅިގެން ކުރިއަށް ގެންދާ ތިންވަނަ ޕީއެޗްޑީ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެމްއެންޔޫއިން "ސަން" އަށް މައުލޫމާތު ދެމުން ބުނީ ތިން ވަނަ ޕީއެޗްޑީ ޕްރޮގްރާމް އަންނަ އޮގަސްޓް މަހުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ.
އެމްއެންޔޫއިން ބުނީ ޕިއެޗްޑީ ކޯހަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުން ފެށިގެން ޖުލައި 19 އަށް ހުޅުވާލައިފައިވާ ކަމަށެވެ.

ޕީއެޗްޑީ ޕްރޮގްރާމްގައި 11 ދާއިރާއަކުން ރިސާޗު ކުރެވޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ބިޒިނަސް، އީ ކޮމާސް، ސްޓްރެޓެޖިކް މެނޭޖްމަންޓް އެންޑް ގްލޯބަލައިޒޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް، މާކެޓިން އެންޑް ސޯޝަލް މީޑިއާ، މަލްޓިމީޑިއާ ޓެކްނޮލޮޖީ، ބިޒްނަސް ކޮމްޕިއުޓިން، އިސްލާމިން ބޭންކިން އެންޑް ފައިނޭންސް، ލޯ އަދި އެޑިއުކޭޝަން ހިމެނެ އެވެ.

އެމްއެންޔޫ އިން ބުނީ ޕީއެޗްޑީ ޕްރޮގްރާމަށް އަހަރަކު ޓިއުޝަން ފީގެ ގޮތުގައި 13،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އެމްއެންޔޫއިން އެމްއެސްޔޫއާ ގުޅިގެން ޕީއެޗްޑީ ޕްރޮގްރާމް ފެށީ މިދިޔަ އަހަރު އެވެ. މިއީ ބިސްނަސްގެ ދާއިރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި އެމްއެސްޔޫއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ދަރިވަރުން ސުޕަވައިޒް ކުރުމުގެ އިތުރުން އަދި އެހެނިހެން ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

އެމްއެސްޔޫއާ ގުޅިގެން ހިންގާ ޕީއެޗްޑީ ޕްރޮގްރާމްގައި މިހާރު ވެސް 31 ދަރިވަރުކުު ދަނީ ޕީއެޗްޑީއަށް ކިޔަވަމުންނެވެ.