30 May 2010, 14:49
19:00
ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ކުރަހާފައި ހުރި ކާޓޫނުތަކެއް އާންމުކުރުމާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯރކިން ސައިޓް ކަމަށްވާ ފޭސްބުކް ބަންގްލަދޭޝްގައި ވެސް ބްލޮކް ކޮށްފި އެވެ.
ބަންގްލަދޭޝް ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން (ބީޓީއާރުސީ)ގެ ޗެއާމަން ހަސަން މަހުމޫދު ދިލްވާރު ވިދާޅުވީ އެގައުމުގައި ފޭސްބުކް ބްލޮކްކުރަން ނިންމީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އެސައިޓުގައި ކުރަހާފައި ހުރި ކާޓޫނުތަކުގެ ސަބަބުން ގައުމުގެ މުސްލިމް އާބާދީއަށް އެކަމުގެ މަލާމާތް ރައްދުވާތީ ކަމަށެވެ. އަދި ގައުމުގެ ބައްޕަ ކަމަށް އެގައުމުގެ ރައްޔިތުން ދެކޭ ޝައިޚް މުޖީބުއްރަހުމާނާއި ބޮޑުވަޒީރު ޝައިޚް ހަސީނާގެ އިތުރުން ގައުމުގެ އެހެނިހެން ލީޑަރުންނަށް ނިސްބަތްކޮށް ކުރަހާފައި ހުރި ކާޓޫނުތަކެއް ވެސް ފޭސްބުކްގައިވާ ކަމަށާއި މިއީ ވެސް އެސައިޓް ބްލޮކްކުރަން ނިންމި އެއް ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިލްވާރު އިތުރަށް ވިދާޅުވީ ފޭސްބުކްގެ އެކިބައިތަކުގެ ތެރޭން މިކާޓޫނުތައް ހުރި ބައިތައް ދާއިމީ ގޮތެއްގައި ބްލޮކްކުރުމަށް ފަހު އަލުން އެގައުމުގައި އަނެއްކާވެސް ފޭސްބުކް ހުޅުވާލާނެ ކަމަށެވެ.
ބަންގްލަދޭޝްގައި ފޭސްބުކް ބްލޮކްކުރަން ނިންމާފައި މިވަނީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކުރަހާފައި ހުރި ކާޓޫނުތަކާ ގުޅިގެން ޕާކިސްތާނުން އެސައިޓް ބްލޮކްކުރިތާ އެއް ހަފްތާ ފަހުންނެވެ. ޕާކިސްތާނުން ވަނީ ފޭސްބުކްގެ އިތުރުން މަޝްހޫރު ވީޑިއޯ ސައިޓް ޔޫޓިއުބް ވެސް އެގައުމުގައި ބްލޮކްކޮށްފަ އެވެ.