ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތައް ކަމަށްވާ ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑުންވެސް ލޯ އަޅަމުން ދިޔަ، އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް އެންޓޮއިން ގްރީޒްމަން ކުރިއަށް އޮތް ސީޒަންގައިވެސް ކްލަބުގައި މަޑުކުރަން ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ފްރާންސް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ އޮސްޓްރޭލިއާ ދެކޮޅަށް ނުކުންނަ އިރު، ގްރީޒްމަން ބުނެފައި ވަނީ ފްރާންސާއެކު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގެ ކުރިން އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާ، އެކަން ހާމަކުރާނެ ކަމަށެވެ.

ޓްރާންސްފާ ސީޒަން އައުމުގެ ކުރިންވެސް ބާސެލޯނާއިން ގްރީޒްމަންގެ އޭޖެންޓާ ދެ ފަހަރެއްގެ މަތިން ވާހަކަ ދެއްކުމުން އެތުލެޓިކޯއިން ވަނީ އެކަމާ ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފައެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ފީފާގައިވެސް އެދިފައިވެއެވެ.

ސްޕެއިންގެ ޓީވީ ޝޯއަކަށް ވާހަކަ ދައްކަމުން ގްރީޒްމަން ބުނެފައިވަނީ އޭނާގެ ނިންމުން ނިންމާފައިވާ ކަމަށާއި، އޭނާގެ ނިންމުމަކީ މަޑުކުރުން ކަމަށެވެ. މީގެ ކުރިންވެސް ދެ ޓްރާންސްފާ ސީޒަނެއްގަައި ގްރީޒްމަންގެ ޓްރާންސްފާގެ ވާހަކަތައް މީޑިއާގައި ގަދެވެފައިވާ އިރު، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގެ ކުރިން ގްރީޒްމަން ވަނީ އެތުލެޓިކޯގެ ކޮންޓްރެކްޓް 2022 ވަނަ އަހަރާ ހަމައަށް އާކޮށްފައެވެ.

އެތުލެޓިކޯ މެޑްރިޑުން މޮނާކޯގެ ތޯމަސް ލެމާ ގެންދިއުމަށް އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ އިރު، އިތުރު ޓްރާންސްފާތައް އެ ޓީމުގެ ފަރާތުން ފެންނާނެ ކަމަށް ބެލެވެއެވެ.

ގްރީޒްމަން އެތުލެޓިކޯއާ ގުޅުނީ 2014 ވަނަ އަހަރު ރެއާލް ސޮސިއެދާދުންނެވެ. އޭގެ ފަހުން އޭނާ ވަނީ އެތުލެޓިކޯއަށް 112 ގޯލް ޖަހައިދީފައެވެ.