Back
Nov 24, 2025 SUN
SUN

ގްރޫޕް ބީ: ސްޕެއިން

ގްރޫޕް ބީ: ސްޕެއިން
Lead photo

ސްޕެއިންއަކީ މިހާރު ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. ހާއްސަކޮށް ފުޓުބޯޅައަށް ގިނަ ތަރިންތަކެއް ނެރެމުން އަންނަ ގައުމެކެވެ. ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ޓީމެވެ. 2008 ވަނަ އަހަރުގެ ޔޫރޯ އުފުލާލި ސްޕެއިން ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.

އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ސްޕެއިންއަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނު ވޯލްޑް ކަޕެކެވެ. ހާއްސަކޮށް، ދުނިޔޭގެ ތަށި ދިފާއުކުރަން ނުކުތް ސްޕެއިންއަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހުން ވެގެންދިޔައީ ލަދުވެތި ކަމަށެވެ. ސްޕެއިންގެ ރަން ޖީލަށް ނިމުން ގެނުވީ އެހިސާބުންނެވެ. ގައުމީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު، ވިސެންޓޭ ޑެލްބޯސްކޭ އެ މަގާމުން ވަކިކޮށް، ޓީމާ އަލަށް ހަވާލުވި ކޯޗު، ހުލެން ލެޕޮޓެގީއާއެކު ސްޕެއިންގެ ސްކޮޑު ޒުވާން ވިއެވެ. ހާއްސަކޮށް ސްޕެއިންގެ "ޓީކީ ޓާކާ" ގެ މުޅިން އާ "ވާޝަން"އެއް އޭނާ ޓީމަށް ގެނެސްދިނެވެ.

ލޮޕެޓެގީ ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. އެގޮތުން އޭނާގެ ކޯޗުކަމުގައި ސްޕެއިން ކުޅުނު 20 މެޗުގެ ތެރެއިން 14 މެޗުން އެޓީމު މޮޅުވެފައިވާ އިރު، އަނެއް ހަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

ލެޕޮޓެގީގެ ކާމިޔާބީއަށް ފަހުވެސް، އޭނާ ސްޕެއިންގެ ފެޑަރޭޝަނަށް ނޭނގި ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުން، ސްޕެއިން ފެޑަރޭޝަނުން ވަނީ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ލެޕޮޓެގީ މަގާމުން ވަކިކޮށްފައެވެ. އެއާއެކު ސްޕެއިންގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށްވެސް ވަނީ ވޯލްޑް ކަޕްގައި އެޓީމުގެ ފަރާތުން ފެންނާނެ ކުޅުމާ މެދު ސުވާލު އުފެދިފައެވެ.

ކޯޗު: ފެރްނާންޑޯ އިއެރޯ

ސްޕެއިންގެ ކޯޗު ފެރްނާންޑޯ އިއެރޯ --- ފޮޓޯ/ އޭޕީ

ލޮޕެޓެގީ މަގާމުން ވަކިކުރިތާ މާ ގިނައިރެއް ނުވަނީސް އެޓީމުގެ ކޯޗު ކަމަށް އިއެރޯ ހަމަޖައްސައިފައިވާ އިރު، އިއެރޯއަކީ ކޯޗެއްގެ ތަޖުރިބާ މަދު މީހެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑަށް 400 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިއެރޯ ވަނީ އިނގިރޭސި ލީގުގައިވެސް ކުޅެފައެވެ. އަދި ސްޕެއިން ގައުމީ ޓީމަށްވެސް އޭނާ ވަނީ 89 މެޗު ކުޅެދީފައެވެ.

ކޯޗެއްގެ ގޮތުގައި 2014-15 ވަނަ އަހަރުގެ ސީޒަންގައި ރެއާލްގެ ކޯޗު ކަމުގައި އިއެރޯ މަސައްކަތް ކޮށްފައިވާ އިރު، މިދިޔަ އަހަރު އޭނާ ހޭދަކުރީ ސްޕެއިންގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ރެއާލް އޮވިއޭޑޯގައެވެ.

ތަރި: އަންދްރޭސް އިނިއެސްޓާ

ސްޕެއިންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، އަންދްރޭސް އިނިއެސްޓާ --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ޔޫތު ސިސްޓަމްގެ ތެރެއިން އުފެދިގެން އައި އަންދްރޭސް އިނިއެސްޓާ އަކީ މި ޖެނެރޭޝަންގެ އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.

އިނިއެސްޓާގެ ކްލަބު ފުޓުބޯޅަ ކެރިއަރު އެއްކޮށް ހޭދަކޮށްފައި ވަނީ ބާސާގައެވެ. އޭނާ ވަނީ އެ ކްލަބުގައި 16 ސީޒަން ހޭދަކޮށްފައެވެ. އުމުރުން 33 އަހަރުގެ އިނިއެސްޓާ ވަނީ ބާސާއަށް 669 މެޗު ކުޅެފައެވެ. 669 މެޗު ކުޅުނު އިނެއެސްޓާ ވަނީ ކްލަބާއެކު 31 ތަށި އުފުލާލައިފައެވެ. 16 އަހަރު ބާސާގައި ހޭދަކުރުމަށްފަހު މި ސީޒަންގައި އިނިއެސްޓާ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމާ، ޖަޕާން ލީގުގެ ވިސެލް ކޯބާ ގުޅިފައެވެ.

އިނިއެސްޓާ ވަނީ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ތަށްޓާއި ޔޫރޯ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިން އިން ހޯދި އިރު، ފައިނަލްގައި ނެދަލޭންޑްސް ކޮޅަށް ސްޕެއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީވެސް އިނިއެސްޓާއެވެ.

ގްރޫޕް ބީ:

ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އީރާން

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއަށް އޮތް މެޗުތައް:

  • 15 ޖޫން، ޕޯޗުގަލް - ސްޕެއިން

  • 20 ޖޫން، ސްޕެއިން - އީރާން
  • 25 ޖޫން، ސްޕެއިން - މޮރޮކޯ

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics