15 Jun 2018, 15:17
އީރާނަކީ މިއަހަރުގެ ވޯލްޑް ކަޕަށް އޭޝިއާއިން ކޮލިފައިވި ފުރަތަމަ ޓީމެވެ. ކޮލިފިކޭޝަންގައި ކުޅުނު 18 މެޗުންވެސް އީރާން ބަލިވެފައި ނުވާ އިރު، ކޮލިފިކޭޝަން ދެވަނަ ބުރުގެ ފަހު މެޗާ ހަމައަށް އީރާން ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. އީރާނުން ކޮލިފިކޭޝަން ނިންމާލީ ސީރިއާއާ ދެކޮޅަށް ކުޅެ، 2-2ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ.
މިއަހަރުގެ ވޯލްޑް ކަޕަކީ އީރަނަށް ފަސް ވަނަ ވޯލްޑް ކަޕެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައިވެސް އީރާން ކުޅެފައިވެއެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި އީރާނަށް މޮޅެއް ނުލިބި އޮތް ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަށް އެޓީމު ނުކުންނާނީ ގަދަ 16 އަށް އަމާޒު ކޮށްގެންނެވެ. ވޯލްޑް ކަޕްގެ ކުރިން ކޯޗު ކާލޯސް ކުއެރޯޒް ބުނެފައި ވަނީ މިއަހަރުގެ ވޯލްޑް ކަޕަށްދާނީ ފަތުރުވެރިން ގޮތުގައި ނޫން ކަމަށެވެ.
ކޯޗު: ކާލޯސް ކުއެރޯޒް

އީރާންގެ ކޯޗު ކާލޯސް ކުއެރޯޒް --- ފޮޓޯ/ އޭޕީ
މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ދުވަސްވަރުގައި ސާ އެލެކްސް ފާގަސަންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ކާލޯސް ކުއެރޯޒްއަކީ އޭނާގެ އުފަން ގައުމު، ޕޯޗުގަލްގެ ކޯޗުކަންވެސް ކޮށްފައިވާ ކޯޗެކެވެ.
ދެކުނު އެފްރިކާގެ އިތުރުން ޔޫއޭއީގެ ކޯޗުކަންވެސް ކުރި ކާލޯސް ކުއެރޯޒް އަކީ 2014 ވަނަ އަހަރުވެސް އީރާނާއެކު ވޯލްޑް ކަޕަށް ދިޔަ ކޯޗެވެ. އޭރުގެ ސްކޮޑަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު، އީރާނަށް ގަދަ 16އަށް އޮތީ އުނދަގޫ މަގެކެވެ. އީރާން ހިމެނޭ ގްރޫޕް ބީ ގައި ކުއެރޯޒްގެ އުފަން ގައުމު ޕޯޗުގަލްގެ އިތުރުން ވަރުގަދަ ސްޕެއިންވެސް ހިމެނެއެވެ.
ތަރި: ސަރުދާރު އަޒުމޯން

އުމުރުން އެންމެ 22 އަހަރުގެ ފޯވަޑް ސަރުދާރު އަޒުމޯން --- ފޮޓޯ/ އޭޕީ
އީރާނުން ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕަށް ނުކުންނަ އިރު، އެޓީމުން މިފަހަރު ވިދާލާނެ ކަމަށް ބެލެވެނީ ޒުވާން ކުޅުންތެރިންނެވެ. އަދި އެޓީމުގެ ތަރިއެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ހޮވާލަނީ ރަޝިއާގެ ރޫބިން ކަޒާންއަށް ކުޅެމުންދާ އުމުރުން އެންމެ 22 އަހަރުގެ ފޯވަޑް ސަރުދާރު އަޒުމޯންއެވެ.
މިހާރުވެސް އީރާންގެ ގައުމީ ޓީމަށް އޭނާ 22 ގޯލް ހަމަކޮށްފައިވާ އިރު، 2015 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ތަރިއަކީވެސް އޭނައެވެ.
ގްރޫޕް ބީ:
ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އީރާން
ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއަށް ބާކީ އޮތް މެޗުތައް:
15 ޖޫން، މޮރޮކޯ - އީރާން
20 ޖޫން، އީރާން - ސްޕެއިން
25 ޖޫން، ޕޯޗުގަލް - އީރާން