އުރުގުއޭއަކީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޝަރަފުވެރި ގައުމެވެ. އަމިއްލަ ގައުމުގައި 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ އިތުރުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކުރި އުރުގުއޭއަކީ އަބަދުވެސް ވޯލްޑް ކަޕްގައި ތާރީހީ ގައުމެކެވެ.

ދެކުނު އެމެރިކާގެ ޗެމްޕިއަންކަންވެސް ރެކޯޑު އަދަދަކަށް ހޯދައިފައިވާ އުރުގުއޭ ގުނާ ލެވޭނީ އަބަދުވެސް ވޯލްޑް ކަޕުތަކުގައި ވަރުގަދަ ޓީމުތަކުގެ ތެރޭގައެވެ. ހާއްސަކޮށް މިއަހަރުގެ ވޯލްޑް ކަޕްގައި ހިމެނިފައިވާ ގްރޫޕް "އޭ"އަށް ބަލާ އިރު، އުރުގުއޭއަކީ އެއްވަނަ ޓީމު ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އުރުގުއޭ އަދި ބްރެޒިލަކީ ދެކުނު އެމެރިކާ ސަރަހައްދުން މިފަހަރުގެ ވޯލްޑް ކަޕަށް އެންމެ ރަނގަޅު ނަތީޖާތަކަކާއެކު އައި ދެޓީމެވެ. ކޮލިފިކޭޝަންގައި އުރުގުއޭ ވަރުގަދަކޮށް ފެނުނު އިރު، އެޓީމަށް އެންމެ ބޮޑަށް ދިމާވަމުންދާ މައްސަލައަކީ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންގެ ރަން އުމުރު ފަހަނައަޅައި ދިއުމެވެ. އެގޮތުން ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ ޑިފެންޑަރު ޑިއޭގޯ ގޯޑީންގެ އިތުރުން އެޑިސަން ކަވާނީ އަދި ލުއިޒް ޝުއަރޭޒް ވަނީ އުމުރުން 30 އަށްވުރެ މައްޗަށް ގޮސްފައެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް އުރުގުއޭގެ ކޯޗު، އޮސްކާ ތަބަރޭޒް ބޮޑަށް ވިސްނާނީ އާ ޖީލެއް ބިނާ ކުރުމަށް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކޯޗު: އޮސްކާ ތަބަރޭޒް

އުރުގުއޭގެ ކޯޗު އޮސްކާ ތަބަރޭޒް --- ފޮޓޯ/ އޭޕީ

މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އުރުގުއޭއާއެކު އޮސްކާ ތަބަރޭޒް ނުކުންނަ ހަތަރު ވަނަ ވޯލްޑް ކަޕަށެވެ. އަދި އެންމެ ފަހުން ތިން ވޯލްޑް ކަޕްގައިވެސް އުރުގުއޭގެ ކޯޗަކީ 71 އަހަރުގެ ތަޖުރިބަކާރު ކޯޗު، ތަބަރޭޒް އެވެ. ގިނަ ކްލަބުތަކެއްގެ އިތުރުން އުރުގުއޭގެ ޒުވާން ޓީމުގެ ކޯޗަކަށްވެސް ހަރަކާތްތެރިވި ތަބަރޭޒް، 2016 ވަނަ އަހަރު ގުއިލޭން ބަރާ ސިންޑްރޯމްއަށް ފަރުވާކުރަން ފަށައިފައިވާ އިރު، އޭނާއަށް ހިނގާބިނގާވެ އުޅުމަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. އާއްމުކޮށް ތަބަރޭޒް މިހާރު ޓީމާއެކު ތަންތަނަށް ގޮސް ހަދަނީ ފުރޮޅުލީ ގޮނޑީގައެވެ.

ތަރި: އެޑިސަން ކަވާނީ

އުރުގުއޭއީން މިއަހަރު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކަވާނީ ވަނީ 18 މެޗުން 10 ގޯލް ޖަހައިފަ --- ފޮޓޯ/ އޭޕީއުރުގުއޭއަކީ އެންމެ ތަރިއެއްގެ ޓީމެއް ނޫނެވެ. ޓީމުގައި ފާހަގަކޮށްލެވޭ ތަރިންތަކެއް އެކުލެވެއެވެ. އެގޮތުން ބާސެލޯނާގެ ލުއިޒް ސުއަރޭޒްގެ އިތުރުން ޑިފެންޑަރު ޑިއޭގޯ ގޯޑީން ފަދަ ކުޅުންތެރިންނަކީ ޔޫރަޕްގައި ފާހަގަކޮށްލެވޭ ނަންތަކެވެ. އެހެން ނަމަވެސް ގައުމީ ޓީމަށް އެންމެ ކާމިޔާބު ކަމަށް ގިނަ ބަޔަކު ދެކެނީ ޕީއެސްޖީގެ ފޯވަޑް އެޑިސަން ކަވާނީއެވެ.

އުރުގުއޭއީން މިއަހަރު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކަވާނީ ވަނީ 18 މެޗުން 10 ގޯލް ޖަހައިފައެވެ. ކަވާނީއަކީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޓޮޕް ސްކޯރާއެވެ. މި ސީޒަންގައި ޕީއެސްޖީއަށްވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކަވާނީއަކީ އުރުގުއޭގެ އެންމެ މުހިއްމު ކުޅުންތެރިއާއެވެ.

ގްރޫޕް އޭ:

  • ރަޝިއާ، މިސްރު، އުރުގުއޭ، ސައުދީ އަރަބިއާ

  • ރަޝިއާގެ ގްރޫޕް ސްޓޭޖު މެޗުތައް
  • 15 ޖޫން، އުރުގުއޭ - މިސްރު
  • 20 ޖޫން، އުރުގުއޭ - ސައުދީ އަރަބިއާ
  • 25 ޖޫން، ރަޝިއާ - އުރުގުއޭ