15 Jun 2018, 00:16
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްޔެ އިއްވި ހުކުމާމެދު އިންޑިއާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، ދިވެހި ސަރުކާރުން އެއަށް ޖަވާބު ދީފިއެވެ.
އިންޑިއާ ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުން ޖަލަށް ލުމަށް ހުކުމް ކުރީ އިންސާފުވެރި ޝަރީއަތަކާ ނުލައި ކަމަށެވެ. އަދި އެކެއް ފެބްރުއަރީގެ ފަހުން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ކަމަށާއި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމަށް ރާއްޖެއަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވާލަމުން ގޮސްފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިރޭ ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ ރައީސް މައުމޫނަށާއި ދެ ފަނޑިޔާރުންނަށް އިއްވި ހުކުމަކީ ރާއްޖޭގެ އަދުލް އިންސާފުގެ ނިޒާމުގެ ތެރެއިން އިއްވި ހުކުމެއް ކަމަށެވެ. ރާއްޖޭގެ ގާނޫނީ ނިޒާމު ނެގެހެއްޓުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ތައްވެސް ކުރިއަށްދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.