ރަޝިއާގައި މިރޭ ފެށި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ރަޝިއާއިން ފަސޭހަ ކަމާއެކު ސައުދީ އަރަބިއާ ބަލިކޮށްފިއެވެ.

ކުލަގަދަ ފެށުމުގެ ރަސްމިއްޔާތަކާއެކު ރަޝިއާގެ ވެރިރަށް މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި މިރޭ ފެށި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ރަޝިއާއިން ސައުދީ އަރަބިއާ ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ.

މުބާރާތް ބާއްވާ ގައުމު ރަޝިއާއަކީ މިއަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުގެ ތެރެއިން ފީފާ ވޯލްޑް ރޭންކިންގައި އެންމެ ދަށްކޮށް އޮތް ޓީމެވެ. ސައުދީ އަރަބިއާއަކީ މިއަހަރުގެ ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ ދަށްކޮށް ރޭންކް ކުރެވިފައިވާ ޓީމެވެ.

މެޗު ފެށިގެން ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ރަޝިއާއިންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޔޫރީ ގަޒެންސްކީގެ ގޯލުން ރަޝިއާ ވަނީ ލީޑު ނަގައިފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ރަޝިއާގެ އެލެން ޒަގޮއީވްއަށް އަނިޔާވެ އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ޑެނިސް ޗެރިޝޭވްއެވެ. ޗެރިޝޭވް އަކީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކުޅުންތެރިއެކެވެ.

ރަޝިއާއާއި ސައުދީ މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރަޝިއާ --- ފޮޓޯ/ އޭޕީ

ޗެރިޝޭވް މެޗަށް ނުކުތުމާއެކު ރަޝިއާގެ ހަމަލާތައް ގިނެވެގެން ދިޔަ އިރު، މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭނާ ވަނީ ރަޝިއާއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފްގައިވެސް މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ ރަޝިއާއެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ރަޝިއާގެ ތިން ވަނަ ގޯލް އެޓީަމަށް ކާމިޔާބުކޮށްދިނީ އަރްޓޭމް ޒޫބިއާއެވެ. އަދި މެޗު ނިމެން ދަނިކޮށް ޗެރިޝޭވް އޭނާގެ ދެވަނަ ގޯލާއެކު މެޗުގެ ނަތީޖާ 4-0 އަކަށް ބަދަލުކޮށްލިއެވެ.

މެޗުގައި ރަޝިއާއިން ޖެހި ފަސް ވަނަ ގޯލް، މެޗުގެ ފަހު މިނެޓުގައި އޭޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒެންޑްރާ ގޮލޮވިންއެވެ. އޭނާގެ ގޯލް ކާމިޔާބުކުރީ ލިބުނީ ހިލޭ ޖެހުމަކުންނެވެ.

ރަޝިއާއާއި ސައުދީ މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރަޝިއާ --- ފޮޓޯ/ އޭޕީ

މިރޭގެ ނަތީޖާއަކީ 1934 ވަނަ އަހަރަށްފަހު، ވޯލްޑް ކަޕެއް ހުޅުވި މެޗެއްގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ތިން މެޗެއް މާދަމާ އޮންނާނެއެވެ.

ގްރޫޕް އޭ

17:00 މިސްރު - އުރުގުއޭ

ގްރޫޕް ބީ

20:00 މޮރޮކޯ - އިރާން

23:00 ސްޕެއިން - ޕޯޗުގަލް