އިގްތިސާދީ އަނދަވަޅަކަށް މިހާރު ވެއްޓިފައިވާ އުރުުދުން، އިގްތިސާދީ ގޮތުން އަރައިގަތުމަށް އެހީތެރިވެ ދިނުމުގެ ގޮތުން، ގަތަރުން އުރުދުންއަށް 500 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމައިފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ތާނީއާ އިއްޔެ އުރުދުންގެ ވެރިރަށް އައްމާންގައި އުރުދުންގެ ރަސްގެފާނު ހަސަން ދެވަނަ އާއިި ބައްދަލުކުރެއްވުމަށް ފަހު ވަނީ ގަތަރުން 500 މިލިއަން ޑޮލަރުގެ ދޭނެކަން އިއުލާންކުރައްވައިފަ އެވެ.

ގަތަރުން ވަނީ އުރުދުންގެ 10،000 މީހަކަށް ގަތަރުން ވަޒީފާގެ ފުރުސަތުތައް ވެސް ދޭނެ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން އުރުުދުންގެ ޓުއަރިޒަމާއި އަދި އިންފްރާސްޓަރަކްޗާގެ ސިނާއަތަށް އިންވެސްޓްކުރާނެ ކަމަށް ވެސް ގަތަރުން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ސައުދީއަރަބިއްޔާ، ކުވޭތު އަދި ޔޫއޭއީން ވެސް އުރުދުންއަށް 2.5 ބިލިއަން ޑޮލަރު ދޭނެކަން ވަނީ އިއުލާންކޮށްފަ އެވެ.

އުރުދުންގެ ޓެކްސްގެ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ހާނީ މުލްކީ އެންމެ ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އުރުދުންއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން އެގައުމުގެ ސަރުކާރުން ކުރިން ވަނީ ރައްޔިތުންގެ އަތުން ޓެކްސް ނެގުމުގެ އައު ސިޔާސަތެއް ތައާރަފްކުރަން ނިންމި އެވެ. އެ ސިޔާސަތުތައް ބިނާވެފައި ވަނީ ޚަރަދުތައް ކުޑަކުރުމާއި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަން އިތުރުކުރުމަށާއ،ި ބޭރުގެ އެހީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މައްޗަށެވެ.

ނަމަވެސް އަލަށް ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި އޮމަރު އަލް ރަޒާޒް ވަނީ ކުރީގެ ބޮޑުވަޒީރު ނިންމެވި ނިންމެވުން އަނބުރާ ގެންދަވައިފަ އެވެ.

(އަލްޖަޒީރާ)