14 Jun 2018, 20:04
މުދަލު ޒަކާތުގެ ގޮތުގައި ޖެނުއަރީމަހުން ފެށިގެން މިދިޔަ މޭމަހުގެ ނިޔަލަށް 21.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާ އިން އިއްޔެ ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 21.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންނަމަވެސް ހަަމަ އެ މުއްދަތުގެ ތެރޭގައި މިދިޔަ އަހަރު ލިބިފައި ވަނީ 21.7 މިލިއަން ރުފިޔާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
މީރާއިން ބުނީ މިދިޔަ މޭ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރު މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 6.7 މިލިއަން ރުފިޔާއެވެ.
މިމަހުން ފެށިގެން މުދަލު ޒަކާތުގެ ގޮތުގައި ދައްކާ ނިސާބުގެ މިންވަރު އިސްލާމިކް މިނިސްޓްރީން ވަނީ ދަށްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން މުދަލު ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 4861.15 ރުފިޔާއެވެ. އެހެން ނަމަވެސް މިދިޔަ ފެބްރުއަރީން ފެށިގެން މިމަހުގެ ތިން ވަނަ ދުވަހާ ހަމައަށް މުދަލުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 5033.70 ރުފިޔާއެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން މުދަލުގެ ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ. މީރާއިން ވަނީ އޮންލައިންކޮށްވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.