14 Jun 2018, 20:02
އަތޮޅުތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން އަންނަ ޖުލައި މަހު ބޮޑު ޕްރެޖެކްޓެއް އިއުލާންކުރާނެކަން ހާމަކޮށްފިއެވެ.
ފެނަކައިން އަތޮޅު ތަކުގައި ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗްތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އަށް އަތޮޅުތަކަށް ފެނަކައިގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ކުރެއްވި ޒިޔާރަތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ރައްޔިތުންނަށް ވަރަށް ފައިދާހުރި ޕްރޮޖެކްޓަކަށް ވެގެން ދާނެ ކަމަށެވެ.
''މާތް ﷲ އިރާދަފުޅާއެކު އިރާދަކުރެއްވިއްޔާ ކަރަންޓްގެ ހިދުމަތަށް ރިވޮލިއުޝަނެއް އަންނާނެ. އަޅުގަނޑު މިވަގުތަށް އަދި ނެތިން އެކަމުގެ ތަފްސީލު ހަމަކުރާކަށް." ލަމްއާން ވިދާޅުވިއެވެ.
ލަމްއާންގެ ދަތުރުފުޅުގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ހުވަދު އަތޮޅާއި ހައްދުންމަތީގެ އިތުރުން ތިލަދުންމައްޗާއި ކޮޅުމަޑުލާއި މާޅޮސްމަޑުލު އަދި ނިލަންދިއަތޮޅަށް ވަނީ ވަޑައިގެންފައެވެ. ލަމްއާން ވިދާޅުވީ އެ ދަތުުރު ފުޅުގެ ބޭނުމަކީ އަތޮޅުތެރޭގައި ގާއިމްވެފައި ހުރި އިންޖީނުގެތަކުގެ ފެންވަރު ކަށަވަރުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުން ކަމަށެވެ.
ލަމްއާން ވިދާޅުވީ އެދަތުރުފުޅުގައި ރީޖަންތަކާއި ކުންފުނީގެ ޑިޕާޓްމަންޓްތައް ގުޅިގެން މަސައްކަތް ކުރުމުގައު ހުރި ދަތިތަކާއި ގޮންޖެހުންތައް ބަލާ މުއާޖަރާ ކުރެވި، ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ދިނުމާއި ހިދުމަތް ފުޅާކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެދަތުރުން ރައްޔިތުންގެ އިހުސާސާއި ބޭނުންތައް ސާފުވެގެން ދިޔަކަމަށްވެސް ލަމްއާން ވިދާޅުވިއެވެ.