ފުއްދުންތެރިކަން ނެތް ފަރާތްތަކަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ދިނުމުގެ އުސޫލު އާންމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އާންމު ކުރި އުސޫލުގައި ބުނީ ޒަކާތު ފަންޑުން ބޭސްފަރުވާ އެހީ ދޭން ނިންމީ އާސަންދަ އަދި އެނޫން ވެސް ގޮތްގޮތުން އެހީ ނުލިބޭ ފަރާތްތަކާއި އަދި ލިބޭ އެހީންވެސް ނުފުދޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝައިހް އިބްރާހިމް އަހުމަދު "ސަން" އަށް ވިދާޅުވީ މީގެ ކުރިން ވެސް ޒަކާތު ފަންޑުން ބޭސްވަރުވާގެ ކަންކަމަށް އެހީތެރިވެދެމުން ގެންދާ ކަމަށެވެ.

"މިހާރު ވެސް މަހަކު މިލިއަނެއްހާ ރުފިޔާ އެބަ ހަރަދުކުރަން މުދަލު ޒަކާތުން މީހުންގެ ބޭސް ފަރުވާގެ ކަންތައްތަކަށް. ދިވެހިން ރާއްޖެ އިން ބޭރުގައި އުޅޭއިރު ބޭސްފަރުވާގެ ކަންކަމުގައި އުޅޭއިރު އެމީހުންގެެ ކެއުމަށް ވެސް އެބަ ހަރަދުކޮށްދެން. އެ ފައިސާ އާސަންދައިން ހަމަޖައްސައެއް ނުދޭ. ދެން އެފަދަ ކަންކަމަށް އަމަލުކުރާނެ އުސޫލު ޝައިއުކުރީީ ގަވާއިދު ވަރުގަދަކުރަން ވެގެން.'' ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށް އެހީ ދޭނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ހޯދާއިރު އާސަންދައިން ނުފުދޭ ފަރާތްތަކާއި ރާއްޖެ ތެރެއިން އިމަޖެންސީ އަދި ރަށުން ފަރުވާ ނުލިބިގެން މާލެ ގެންނަ ފަރާތްތަކުން އިތުރުން ރާއްޖެ އިން ލިބެން ނެތް ފަރުވާތަކަށް ބޭސްފަރުވާ ކުރުމަށް އެދޭ ބަލި މީހުންނަށް ކަމަށެވެ.

ޒަކާތު ފަންޑުގެ އެހީއަށް އެދޭ އިރު ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި އާސަންދައިން އެހީ ދިނުމާ މެދު ބަޔާންކޮށްފައިވާ ލިޔުމާއި، ޑޮކްޓަރުގެ ލިޔުމާއި އެހީއަށް އެދޭ ފަރާތުގެ ހާލަތު ބަޔާންކޮށްފައި ހުށަހަޅާ އަމިއްލަ ސިޓީ ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭސްފަރުވާގެ ކަންކަމަށް ދޫކުރެވޭނީ 25،000 ރުފިޔާ ކަމަށެވެ. ނަމަވެސް ހުށަހެޅޭ މައްސަލަ ރިއާޔަތް ކުރުމަށް ފަހު އެ އަދަދު އިތުރުކުރެވިދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހީ ދިނުމުގައި ހާއްސަ ބަލިތަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ 50،000 ރުފިޔާ ކަމަށާއި ނަމަވެސް ހުށަހެޅޭ މައްސަލަ ރިއާޔަޔްކުރުމަށް ފަހު އެ އަދަދު އިތުރުކުރެވިދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ހާއްސަ ބަލިތަކުގެ ތެރޭގައި ކިޑްނީގެ ބަލިތަކާއި ކެންސަރާއި ބޯންމެރޯ ހެދުމާއި އަދި ހިތުގެ މައްސަލަތައް ހިމެނެ އެވެ.