ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަރުވި ކުދިންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބަހައްޓާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ކ.ހުރާއަށް ފިޝަރީޒް ސައިންސް ޕްރޮޖެކްޓް ހެދުމަށް މިއަދު ހެނދުނު ދަތުރު ގޮސް އުޅެނިކޮށް މަރުވި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލްގެ އާއިލާ އަށާއި ހަތަރު ދަރިވަރުންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ "ތަޖުރިބާގެ ކޭމްޕެއްގައި ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް ގެނބިގެން ނިޔާވި ޚަބަރު އަޅުގަނޑު އެހީ ކުއްލި ހައިރާންކަމަކާއި ވަރަށް ފުން އަސަރާއި ހިތާމައާ އެކުގައި. މި ހިތާމައިގައި އަޅުގަނޑު ބައިވެރިވެ އެ ޢާއިލާތަކަށް އަޅުގަނޑުގެ ނަމުގަޔާއި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. އަދި ނިޔާވި ދަރިވަރުންނާއި ޕްރިންސިޕަލްގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އެ ޢާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދިވެސް އަޅުގަނޑު ދުއާ ދަންނަވަން،" އެވެ.

ރައީސް އަދި ވިދާޅުވީ މިހާދިސާ އާ ގުޅިގެން މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

" އެސްކޫލްގެ ޕްރިންސިޕަލާއި މި ހަތަރު ދަރިވަރުންގެ ޖަނާޒާގެ ކަންތައް ނިމެންދެން އެމް.އެން.ބީ.ސީގެ ހުރިހާ ޗެނަލްތަކުން ކީރިތި ޤުރްއާން ފޮނުވުމަށްވެސް އަޅުގަނޑު ހަމަޖައްސައިފި ވާހަކަ ދެންނެވީމެވެ".