ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ރަޝިއާ އިން ބިޑް ކުރި އިރު، އެގައުމުގެ ފުޓުބޯޅައިގެ މިސްރާބު ހުރީ ކާމިޔާބާ ދިމާލަށެވެ. ހާއްސަކޮށް 2008 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި އެޓީމު ކުޅެފައިވާ އިރު، އޭރު ރަޝިއާގެ ފުޓުބޯޅަ އިތުރު އުސްމިނަކަށް ގެންދިއުމަށް ބޮޑު މުބާރާތެއް ބޭއްވުމަށް އޮތީ މުހިއްމު ވެފަ އެވެ. ހާއްސަކޮށް ފުޓުބޯޅާގައި ތަރިންތަކެއް އެ ފަހަރުގެ ޔޫރޯގައި ރަޝިއާ ޓީމުން ވިދާލި އެވެ.

އޭގެ ފަހުން 10 އަހަރު ވެފައިވާ އިރު، މިއަދު ރަޝިއާގެ ފުޓުބޯޅަ ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ވޯލްޑް ކަޕްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ފީފާ ރޭންކިންގެ އެންމެ ފަހަތުގައި އޮތް ޓީމަކީ ރަޝިއާ އެވެ. އަދި 2008 ވަނަ އަހަރު ޔޫރޯގެ ފަހުން ރަޝިއާ ކުޅުނު އެއްވެސް މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ އެޓީމު ގޮސްފައެއް ނުވެ އެވެ.

ޓީމު ނެގުމުގައާއި ޓީމުގެ ކޯޗާއި ކުޅުންތެރިންގެ މެދުގައި ވެސް މައްސަލަތަކެއް އުޅޭ ކަމަށް ގިނަ މީޑިއާ ރިޕޯޓުތައް ބުނެފައިވާ އިރު، 2016 ވަނަ އަހަރުގެ ޔޫރޯގައި ވެސް ދަނޑުބޭރުން ރަޝިއާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެގޮތުން ރަޝިއާގެ ބައެއް ސަޕޯޓަރުންގެ އަމަލުތަކާ އެކު އެ މުބާރާތުން ރަޝިއާ ޑިސްކޮލިފައި ކޮށްލުމަށް އިންޒާރު ވެސް ދީފައިވެ އެވެ.

ކޯޗު: ސްޓާނިސްލޭވް ޗަރުޗެސޯވް

ސްޓާނިސްލޭވް ޗަރުޗެސޯވް ރަޝިއާގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ/ އޭޕީ

މީގެ ކުރިން އާއްމުކޮށް ރަޝިއާ ޓީމާ ހަވާލުވެގެން ބޮޑެތި މުބާރާތްތަކަށް ގޮސްފައި ވަނީ ކޯޗުންގެ ގޮތުގައި ނަން މަޝްހޫރު ވަރުގަދަ ކޯޗުންނެވެ. އެގޮތުން ކުރިން އިނގިރޭސިވިލާތުގެ ކޯޗުކަން ވެސް ކުރި ފަބިއޯ ކަޕެއްލޯގެ އިތުރުން ގޫސް ހިޑިންކް ވެސް ރަޝިއާގެ ޓީމަށް އިރުޝާދު ދީފައިވެ އެވެ. އެހެން ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަށް ރަޝިއާ ޓީމަށް އިރުޝާދު ދޭނީ ކުރީގެ ގޯލްކީޕަރު ސްޓާނިސްލޭވް ޗަރުޗެސޯވް އެވެ.

އާއްމުކޮށް އޭނާގެ ޓެކްޓިކްސްއަކީ ޑިފެންސިވް ޓެކްޓިކްސްއެއްކަން ގިނަ ބަޔަކު ސިފަކުރާ އިރު، ރަޝިއާގެ ފަރާތުން ޑިފެންސިވް، ކައުންޓާ އެޓޭކިން ކުޅުމެއް ފެންނާނެ ކަމަށް ބެލެވިފައިވެ އެވެ. ކޮލިފިކޭޝަން ކުޅެން ނުޖެހި، ހޯސްޓް ގައުމުގެ ގޮތުގައި ރަޝިއާއިން މުބާރާތަށް ކޮލިފައިވެފައިވާ އިރު، އެޓީމުގެ ކުޅުމާ ގިނަބަޔަކު ރައްޓެހި ނުވެދާނެ އެވެ.

ތަރި: އީގޯ އަކިންފީވް

އީގޯ އަކިންފީވް: އޭނާއަކީ ރަޝިއާ ޓީމުގެ ކެޕްޓަން --- ފޮޓޯ/ އޭޕީ

އަކިންފީވްއަކީ ރަޝިއާ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެޓީމުގެ ގޯލް ބެލެހެއްޓުމުގައި ގިނަ ދުވަސަތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު ގޯލް ކީޕަރެކެވެ. ޓީމުގެ ލީޑަރެއްގެ ގޮތުގައި ސިފަކުރެވޭ އަކިންފީވް އަކީ އެ ގައުމުގެ ކްލަބެއް ކަމަށްވާ ސީއެސްކޭއޭ މޮސްކޯއާއެކު ޔޫރަޕްގެ ތަޖުރިބާ ވެސް ބޮޑު ކީޕަރެކެވެ. އެހެން ނަމަވެސް ބޮޑެތި މެޗުތަކުގައި އަކިންފީވްގެ ފަރާތުން ބައެއް ގޯސްތައް ފެންނާތީ، އެކަމަށް އޭނާއަށް ބައެއްފަހަރު ފާޑުކިއުންތައް ވެސް އަމާޒުވެފައިވެ އެވެ.

ގްރޫޕް އޭ:

ރަޝިއާ، މިސްރު، އުރުގުއޭ، ސައުދީ އަރަބިއާ

ރަޝިއާގެ ގްރޫޕް ސްޓޭޖު މެޗުތައް

14 ޖޫން، ރަޝިއާ - ސައުދީ އަރަބިއާ

19 ޖޫން، ރަޝިއާ - މިސްރު

25 ޖޫން، ރަޝިއާ - އުރުގުއޭ