14 Jun 2018, 13:04
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކިލަނބު ކުރުމަށް ޓަކައި އިންތިޚާބާ މެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމު އުފެދޭ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމާ ގުޅޭ ގޮތުން މީސް މީޑިއާގައި އެކި ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރާނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކަމަށާއި ގާނޫނުގައި ނެތް ގޮތަކަށް އިންތިޚާބުގެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވޯޓާސް ލިސްޓުގައި މަރުވެފައި ތިބި މީހުންގެ މައުލޫމާތު ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވާ ކަމަށް ބުނަމުން އަންނާތީ އެކަމަށް ވެސް އަކުރަމް ވަނީ ރައްދު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ ވޯޓާސް ލިސްޓު ގެޒެޓްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އެ ލިސްޓުގައި މައްސަލަތަކެއް ހުރެދާނެތީ އެކަންކަން އިސްލާހު ކުރުމަށް ކަމަށެވެ.
"ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމުގެ އިޚްތިޔާރު ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނަށް ލިބިގެންވޭ. އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް ހުރިހާ ފަރާތްތަކުން ވެސް އެ ލިސްޓު ބައްލަވައި ޗެކްކުރެއްވުން. ޗެކްކުރެއްވުމަށް ފަހު އެއްވެސް މައްސަލައެއްވާ ނަމަ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޝަކުވާ ހުށަހަޅުއްވާ. ލަސްނުކޮށް އެކަން ކުރައްވާ،" އަކުރަމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށް ބުނެ މީސް މީޑިއާގައި ބައެއް ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން އަންނަނީ ތަފާތު އެކި ވާހަތައް ފަތުރަމުންނެވެ.
ނަމަވެސް އިންތިޚާބުގެ މިނިވަންކަން ގެއްލޭ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.