އެމެރިކާ އިން އިރާނަށް އެޅި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، އެމެރިކާގެ އެންމެ ބޮޑު އެއް ސްޕޯޓްސް ކުންފުނި ކަމަށްވާ ނައިކީން އިރާން ގައުމީ ޓީމަށް ބޫޓު ސަޕްލައިކުރުން ހުއްޓާލައިފި އެވެ.

ވޯލްޑް ކަޕާ ދިމާކޮށް ނައިކީން އިރާނުގެ ޖާޒީ ސަޕްލައިކުރުން ހުއްޓާލައިފައި ވަނީ، އެމެރިކާ އާއި އިރާނާ ހިމެނޭ ބައިނަލް އަގުވާމީ ނިއުކުލިއާ އެއްބަސްވުމަކުން އެމެރިކާ ބޭރުވުމާ ގުޅިގެން އެމެރިކާ އިން އިރާނަށް އަޅަން ނިންމާފައިވާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

"އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ ނަމަ، އެމެރިކާގެ ކުންފުންޏަކަށް އިރާނަށް ބޫޓު ސަޕްލައި ނުކުރެވޭނެ،" ނައިކީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ނައިކީން އިރާނުގެ ކުޅުންތެރިންނަށް ބޫޓު ސަޕްލައިކުރުން ހުއްޓާލި ނަމަވެސް، އެޓީމުގެ ކުޅުންތެރިންނަށް އަމިއްލައަށް ގަނެގެން ނައިކީގެ ބޫޓު، ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވެސް ބޭނުން ކުރެވޭނެ އެވެ. އާއްމުކޮށް ދުނިޔޭގެ އެއް ޓީމެއްގެ ކުޅުންތެރިން ވެސް ބޫޓު ސްޕޮންސާ ކޮށްފައި އޮންނަނީ ވަކިވަކި ކުންފުނިތަކެވެ. އެގޮތުން ޕްރޮފެޝަނަލް ގިނަ ކުޅުންތެރިންގެ ބޫޓު ސްޕޮންސާ ކުރުމަށް އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކަކީ ނައިކީއާއި އެޑިޑާސް އަދި ޕޫމާ އެވެ.

ނައިކީން ބޫޓު ސަޕްލައި ކުރުން ހުއްޓާލުމާ ގުޅިގެން އިރާނުގެ ފުޓުބޯޅަ އިދާރާ އިން ވަނީ އެމެރިކާއަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ. އެގޮތުން އިރާން ޓީމުގެ ފަރާތުން ބުނެފައި ވަނީ އިރާނަށް ބޫޓު ސަޕްލައި ކުރުން ހުއްޓާލުމަށް ނައިކީން ނިންމި ނިންމުމަކީ ފިނޑި އަމަލެއް ކަމަށާއި އެމެރިކާ އިން ވެސް ކުޅިވަރުގެ ކަމަކެއްގެ ތެރެއަށް ސިޔާސީ ކަމެއް ވެއްދުމުން އެކަމަށް ކަންބޮޑުވާ ކަމަށެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކަށް ނައިކީން ތަފާތު ކުރުން ގެންގުޅެނީ ކަމަށް އިރާނުން ތުހުމަތު ކޮށްފައިވާ އިރު، އެ ގައުމުން ވަނީ ނައިކީގެ މައްސަލަ ތަހުގީގު ކުރަން ފީފާއަށް ވެސް ގޮވާލައިފަ އެވެ.

އިރާނުގެ ޓީމަށް ޖާޒީ ތައްޔާރުކުރަނީ ޖަރުމަނުގެ އެޑިޑާސް އިން ނަމަވެސް، އެ ކުންފުނިން ބުނީ އެޑިޑާސްއަކީ އިރާން ޓީމުގެ ސްޕޮންސާއެއް ނޫން ކަމަށެވެ. އަދި އެޑިޑާސް އިން އިރާނަށް ޖާޒީ ފޯރުކޮށްދެނީ ޑިސްކައުންޓް ރޭޓެއްގައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.