ނިޔުޔޯކް (ޖޫން 14) : އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކޮށްދިނުމަށް ގޮވާލާ ގަރާރެއް އދ.ގެ އާންމު ޖަމްއިއްޔާ އިން ފާސްކޮށްފި އެވެ.

މިގަރާރުގައި އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށް ފަލަސްތީނުގެ އާންމުންނަށް ބައިނަލްއަގްވާމީ ޙިމާޔަތް ދިނުމަށް ގޮވާލާފައިވެ އެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ސުލްޙަވެރިކަމާ އެކު މުޒާހަރާކުރާ ފަލަސްތީނުގެ އާންމުން މެރުމަށާއި ފަލަސްތީނުގެ މަދަނީ ތަންތަނަށް އިސްރާއީލުންދޭ ޙަމަލާތައް ކުށްވެރިކޮށް އެކަންތައްތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާފައިވެ އެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމުގެ މައްސަލަ ބައިނަލްއަގްވާމީ ސަމާލުކަމަށް އައިސްފައި މި ވަނީ ފަލަސްތީނުގެ ހައްގުތަކަށް ގޮވާލައި ސުލްޙަވެރި މުޒާހަރާއެއްކޮށްލިއަސް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ޑަޒަންޑަޒަނަށް މަރަމުންގެންދާ މައްސަލަ ބޮޑުވެގެން ދިޔުމާ ގުޅިގެންނެވެ.

ފަލަސްތީނުގެ ބިންތަކުގައި 1948 ވަނަ އަހަރު އިސްރާއީލެވެކިޔާ ދައުލަތް އުފެއްދުމާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި ވަޒަނުން ބޭރުކޮށްލި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ހައްގަށް ގޮވާލައި ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާތަކަށް އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 130 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެތެރެއިން 63 މީހުން ޝަހީދުކޮށްލާފައި ވަނީ އެއްދުވަހު އެވެ. މިމުއްދަތުގައި އިސްރާއީލުން ޒަޚަމްކޮށްލި ފަލަސްތީނު މީހުންގެ އަދަދު ވެސް 8،000 މީހުންނެވެ.

އިސްރާއީލުން މިގަތްލުއާންމުތައް ހިންގިއިރު ފަލަސްތިނުގެ ހަމަލާއެއްގައި އިސްރާއީލުގެ އެކަކުވެސް މަރުވެފައެއް ނުވެ އެވެ. އެހެންކަމުން މިއީ އަމިއްލަ ނަފްސުގެ ދިފާއުގައި ހިންގާ ޖަރީމާތަކެއްކަމަށް ބުނުމުގެ ފުރްސަތު އިސްރާއީލަށް ނޯންނާނެ ކަމަށް ވެސް އާންމު ޖަމްއިއްޔާއިން ފާސްކުރި ގަރާރުގައިވެ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގެ ހައްގުތަކަށް ފާޅުގައި އިންކާރު ކުރަމުން ގެންދާއިރު ފަލަސްތީނުގެ އާންމު ރައްޔިތުން އެމީހުންގެ ހައްގުތަކަށް ގޮވާލައި ސުލްޙަވެރި މުޒާހަރާއެއް ކޮށްލިޔަސް އިސްރާއީލުން ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންވެސް އެއްވެސް ރަހުމެއްނެތި މަރަމުންގެންދަނީ ބައިނަލްއަގްވާމީ ޒަމީރަށް ކެތްކުރެވޭ ވަރަކަށްނޫން ކަމަށް އދ.ގައި ތިއްބަވާ ޑިޕްލޮމޭޓުން ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ އެމެރިކާ މިކަމުގައި އެހީތެރިވަނީ އިންސާނީ ހައްގުތަކަށް އަރައިގަންނަ އިސްރާއީލަށެވެ. އަދި އެމެރިކާ ކުށްވެރި ކުރަނީ އަނިޔާ ލިބޭ ފަލަސްތީނުގެ ރައްޔިތުންނެވެ. އެމެރިކާ ވަނީ އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކޮށްދިނުމަށް ގޮވާލައި ކުވައިތުން މީގެ ދެހަފްތާ ކުރިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވީޓޯ ކޮށްފަ އެވެ.

އެއަށް ފަހު އެ ގަރާރު ގެ ދެލިކޮޕީ އަލުން އދ.ގެ އާންމު ޖަމްއިއްޔާއަށް ހުށަހެޅުމުން އެޖަމްއިއްޔާގެ ތަނަވަސް އަޣްލަބިއްޔަތަކުން އެގަރާރު ފާސްވާނެ ކަމަށް ބެލެވިފައިވާތީ އެމެރިކާވަނީ އިސްރާއީލު ކުށްވެރި ނުކުރާގޮތަށް އެ ގަރާރުގެ ދެލިކޮޕީ އަށް ބަދަލުތަކެއް ގެނައުމަށް ނާކާމިޔާބު ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އދ.ގައި ހުންނަވާ އެމެރިކާގެ މަންދޫބު ނިއްކީ ހޭލީ ވަނީ ފަލަސްތީނުގެ ހައްގުގައި އާންމު ޖަމްއިއްޔާއިން ފާސްކުރަން ތައްޔާރުވާ ގަރާރަކީ ފަލަސްތީނު ކޮޅަށްޖެހިފައިވާ އެއްޗެއްކަމަށް ސިފަކުރައްވައި އިސްރާއީލު ކުށްވެރި ނުކުރާގޮތަށް އެދެލިކޮޕީއަށް ބަދަލުގެނައުމަށް އެތައް ފަހަރަކު އެދިވަޑައިގެންފަ އެވެ.

ނަމަވެސް މިދެލިކޮޕީ ހުށަހަޅި ގައުމުތަކާއި ކޯ ސްޕޮންސާ ކުރި ގައުމުތަކުން ވަނީ އެމެރިކާގެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީ އެކަމާ އެއްވެސް ވަރަކަށް އަޅާނުލާފަ އެވެ. (ނޫސްއެޖެންސީތައް)