Back
Nov 24, 2025 SUN
SUN

ވޯލްޑް ކަޕްގެ ތަށި ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް 100 ޕަސެންޓް ދޭނެ: ސްޕެއިންގެ އާ ކޯޗު

ވޯލްޑް ކަޕްގެ ތަށި ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް 100 ޕަސެންޓް ދޭނެ: ސްޕެއިންގެ އާ ކޯޗު
Lead photo

ކުއްލި ގޮތަކަށް ކޯޗު ވަކުކުރި ނަމަވެސް، ސްޕެއިންގެ ފޯކަސް ހުރީ ވޯލްޑް ކަޕްގެ ތަށި ހޯދުމަށް ކަމަށާއި، އެކަމަށް ހުރިހާ ކުޅުންތެރިންވެސް 100 ޕަސެންޓް ދޭނެ ކަމަށް ޓީމާ އަލަށް ހަވާލުވި ކޯޗު، ފެރްނާންޑޯ އިއެރޯ ބުނެފިއެވެ.

ރަޝިޔާގައި މާދަމާ ރޭ ފަށާ ވޯލްޑް ކަޕަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ސްޕެއިންއިން އެޓީމުން ވަނީ ޓީމާ ހަވާލުވެ ހުރި ކޯޗު ހުލެން ލޮޕެޓެގީ މަގާމުން ވަކިކޮށްފައެވެ. ލޮޕެޓެގީ މަގާމުން ވަކިކޮށްފައި ވަނީ ވޯލްޑް ކަޕަށްފަހު އޭނާ ރެއާލް މެޑްރިޑާ ހަވާލުވާނެ ކަމަށް އެ ކްލަބުން އިއުލާން ކޮށްފައި ވަނިކޮށެވެ. ސްޕެއިންގެ ފުޓުބޯޅައިގެ މައި އިދާރާއިން ބުނެފައި ވަނީ ލޮޕެޓެގީ މަގާމުން ވަކި ކުރަން ނިންމީ ސްޕެއިންގެ ފުޓުބޯޅަ އިދާރާއަށް ނޭނގި ރެއާލް މެޑްރިޑާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމުން ކަމަށެވެ.

ލޮޕެޓެގީ މަގާމުން ވަކިކުރިތާ މާ ގިނައިރެއް ނުވަނީސް އެޓީމުގެ ކޯޗު ކަމަށް އިއެރޯ ހަމަޖައްސައިފައިވާ އިރު، އިއެރޯއަކީ ކޯޗެއްގެ ތަޖުރިބާ މަދު މީހެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑަށް 400 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިއެރޯ ވަނީ އިނގިރޭސި ލީގުގައިވެސް ކުޅެފައެވެ. އަދި ސްޕެއިން ގައުމީ ޓީމަށްވެސް އޭނާ ވަނީ 89 މެޗު ކުޅެދީފައެވެ.

ކޯޗެއްގެ ގޮތުގައި 2014-15 ވަނަ އަހަރުގެ ސީޒަންގައި ރެއާލްގެ ކޯޗު ކަމުގައި އިއެރޯ މަސައްކަތް ކޮށްފައިވާ އިރު، މިދިޔަ އަހަރު އޭނާ ހޭދަކުރީ ސްޕެއިންގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ރެއާލް އޮވިއޭޑޯގައެވެ.

" ސްޕެއިން ނުކުންނާނީ ވޯލްޑް ކަޕް ނަގަން. ވަރަށް ބޮޑު ފުރުސަތެއް އެބައޮތް އެކަން ކުރަން. ވޯލްޑް ކަޕަށް އެއްވެސް ކުޅުންތެރިއަކު އެއްވެސް ވަރެއް ދޫ ނުކުރާނެ. އެ ކުޅުންތެރިން 100 ޕަސެންޓް ދޭނެ ވޯލްޑް ކަޕް ހޯދުމަށް،" އިއެރޯ ބުންޏެވެ.

އިއެރޯ ބުނެފައި ވަނީ ސްޕެއިންގެ ފެޑަރޭޝަނުން އޭނާއަށް ގުޅުމާއެކުވެސް ޖަވާބެއް ދޭން މާ ބޮޑަށް ވިސްނަން ނުޖެހުނު ކަމަށާއި، ސްޕެއިންއަށްޓަކައި އާ އެކޭ ބުނަން ކޮންމެހެންވެސް މަޖުބޫރު ވި ކަމަށެވެ.

ސްޕެއިން ގައުމީ ޓީމުން މިއަދު ވަކިކުރި ލޮޕެޓެގީ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. އެގޮތުން އޭނާގެ ކޯޗުކަމުގައި ސްޕެއިން ކުޅުނު 20 މެޗުގެ ތެރެއިން 14 މެޗުން އެޓީމު މޮޅުވެފައިވާ އިރު، އަނެއް ހަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

ސްޕެއިންއިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics