13 Jun 2018, 22:40
މާދަމާ ރޭ ރަޝިއާގައި ފަށާ ވޯލްޑްކަޕް ރާއްޖެ އަށް އެކްސްކްލޫސިވްކޮށް ދައްކަން ރައިޓް ގަތުމަށް ޕީއެސްއެމް އަށް އެތަނުގެ ގަވާނިން ބޮޑީން ހުއްދަދީފައި ވާނީ، ރާއްޖޭގެ އިތުރު ފަރާތްތަކަކަށް ވޯލްޑްކަޕް ރީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނުލިބޭ ގޮތަށް ކަމަށާއި އިތުރު ފަރާތްތަކަށް ރީ ބްޜޯޑްކާސްޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްދަ ދިން ގޮތާ މެދު ޕީއެސްއެމްގެ ޗެއާމަން ސުވާއުފައްދައިފި އެވެ.
ޕީއެސްއެމްގެ ގަވާނިން ބޮޑީގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް ރާއްޖެ އަށް ވޯލްޑްކަޕް ރައިޓްސް ނުގަންނަ ވަރުގެ ބޮޑު އަގެއްގައި، 9.25 މިލިއަން ދިވެހި ރުފިޔާ އަށް މި އަހަރުގެ ވޯލްޑް ކަޕްގެ ރައިޓްސް ގަތުމަށް އެ ފަރާތުން ޕީއެސްއެމްގެ ބޯޑުން މެނޭޖުމަންޓަށް ހުއްދަދީފައިވާނެ ކަމަށެވެ. އަދި އެ ހުއްދަދިނީ ޕީއެސްއެމްގެ ހުރިހާ ބްރޯޑްކާސްޓިން ވަސީލަތެއް ހިމެނޭ ގޮތަށް އެކްސްކުލޫސިވް ރައިޓްސް ހަމައެކަނި ޕީއެސްއެމްއަށް ލިބޭ ގޮތަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޕީއެސްއެމްގެ ގަވާނިން ބޮޑީން ހުއްދަ ދިން ގޮތަށް ޕީއެސްއެމް އިން މި ސަރަހައްދުގެ ވޯލްޑް ކަޕް ރައިޓްސް އޮންނަ ކުންފުންޏާ އެކު އެއްބަސްވެފައިވާ ނަމަ، ވޯލްޑްކަޕް ބްރޯޑްކާސްޓްކޮށް، އަދި ރީބްރޯޑްކާސްޓް ކުރެވޭނީ ވެސް ހަމައެކަނި ޕީއެސްއެމް އަށް ކަމަށާއި ވޯލްޑްކަޕް އިތުރު ފަރާތްތަކެއް މެދުވެރިކޮށް ރީބްރޯޑްކާސްޓް ކުރުމަކީ ބްރޯޑްކާސްޓިން ކޮމިޝަން ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދެވޭނެ ހުއްދައެއް ނޫން ކަމަށް ވެސް ޕީއެސްއެމް އިން ބުނެފައިވެ އެވެ.
ޕީއެސްއެމްގެ ޗެއާމަން މިއަދު ނެރެފައި ވަނީ ސޮނީ ޕިކްޗާސްގެ ސޮނީ ޓެންވަން މެދުވެރިކޮށް މީޑިއާނެޓާއި ދިރާގަށް ވެސް މި އަހަރުގެ ރަޝިއާ ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރެވޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ބޭއްވި ޕްރެސްގައި ބުނެފައި ވަނިކޮށެވެ.
އެެ ޕްރެސްގައި ބްރޯޑް ކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، ވޯލްޑްކަޕް ގެނެސްދިނުމުގައި ޕީއެސްއެމް އިން ނަގާފައި ވަނީ ސޮނީ ޕިކްޗާސް އިން ދީފައިވާ ކްލީން ފީޑްގެ ރައިޓްސް ކަމަށެވެ. އަދި ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރާ ދިރާގު އަދި މީޑިއާނެޓުން ނަގާފައި ވަނީ ސޮނީ ޕިކްޗާސް އިން ނަގާފައިވާ ޑާޓީފީޑެވެ. އެހެންކަމުން އެ ޗެނަލްގެ ރައިޓްސް އޮންނަ ކަމަށްވާ ނަމަ މީޑިއާނެޓާއި ދިރާގަށް ވެސް ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރުމުގައި މައްސަލައެއް ނެތް ކަމަށް ޝަހީބު ވިދާޅުވި އެވެ.
ޕީއެސްއެމްގެ ޗެއާމަން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވޯލްޑް ކަޕް އިތުރު ފަރާތްތަކަކުން ރީބްރޯޑްކާސްޓް ކުރާ ނަމަ، އެއީ އެ ފަރާތުން ޕީއެސްއެމްއަށް އެގްރީމަންޓް ހަދަން ދިން ހުއްދައާ ހިލާފު ކަމެއް ކަމަށާއި ޕީއެސްއެމް އާއި ވޯލްޑް ކަޕް ދައްކާ ފަރާތާ އެކު އެ ގޮތަށް އެގްރީމަންޓް ހަދާފައިވާ ނަމަ އެ މައްސަލަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބެލުމަށް ވެސް ބަޔާނުގައި ގޮވާލައިފައިވެ އެވެ.