ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނާއި ކުލަބްތަކުގެ ކޯޗުންގެ މެދުގައި ހޮވާލެވޭ ޓީމަކާއެކު ރާއްޖޭގައި މަސައްކަތް ކުރާ ކުޅިވަރު ނޫސްވެރިންގެ މެދުގައި ރަހުމަތް ތެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

ޓާފް ދެ ނަންބަރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:00 ޖަހާއިރު އެވެ. މިމެޗުގެ އެންމެ ބޮޑު އެއް މަގުސަދަކީ އެފްއޭއެމް އާއި މީޑިޔާ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

މެޗްގެ ކުރިން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ސާހް އިސްމާއިލް (ސާހް) ވިދާޅުވީ، މިމެޗްގެ ސަބަބުން ރާއްޖޭގައި ފުޓްބޯޅައަށް އިތުރު ކުރިއެރުމެއް މީޑިއާގެ ފަރާތުން ލިބޭނެ ކަމަށާއި މިމެޗަކީ ވަރަށް ތާރީހީ މެޗަކަށް ވާނެ ކަމަށެވެ. އަދި މިމެޗްގައި އެފްއޭއެމްގެ ޓީމް، މީޑިއާ ޓީމާ ދެކޮޅަށް ނުކުންނާނީ މޮޅަށް ކުޅެ މެޗް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށެވެ. އެގޮތުން މީޑިއާކޮޅަަށް މަދުވެގެން ފަސް ލަނޑު ޖަހާނެ ކަމަށް ވެސް ސާޙް ވިދާޅުވި އެވެ.

"އެފްއޭއެމްގެ ޓީމްގައި ކުލަބް ތަކުގެ ކޯޗުން ވެސް ހިމެނޭނެ. ޓީމް ނުކުންނާނީ މޮޅުވާން. އަމާޒަކީ މަދުވެގެން ފަސް ލަނޑު މީޑީއާ ކޮޅަށް ޖަހަން ބޭނުން. މެޗުން ބަލިވެއްޖެ ނަމަ ވަރަށް ގިނަ ސުވާލްތަކެއް އުފެދިދާނެ." ސާހް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭގެ މެޗްގައި އެއްކޮޅުން ނުކުންނަ އެފްއޭއެމް ޓީމުގެ ފަރިތަކުރުންތައް ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިޔައިރު މީޑިޔާ ޓީމުވެސް ފަރިތަކުރުން ކުރިއަށް ގެންދިޔައެވެ.

މެޗަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ އޮތް ފަރިތަކުރުމަށް ފަހު، އެފްއޭއެމް ޓީމްގެ ކުޅުންތެރިއަކު ބުނީ، ރާއްޖޭގައި މަސައްކަތް ކުރާ ކުޅިވަރު ނޫސްވެރިންނާއެކު މެޗް ކުޅެލުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. އަދި މިމެޗްގެ ސަބަބުން ކުޅިވަރު ނޫސްވެރިން އެހެންކުޅިވަރުތަކަށް ދޭ ސަމާލުކަމާ އެއްވަރަށް ފުޓްބޯޅައަށް ވެސް ބޮޑު އަހްމިއްޔަތު ކަމެއް ދޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި މިހާރުވެސް ދިވެހި ނޫސްވެރިން ފުޓްބޯޅަ ރާއްޖޭގައި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަނީ ފާހަގަ ކޮށްލެވޭ މަސައްކަތެއް ކަމަށް ވެސް އޭނަ ފާހަގަ ކުރިއެވެ.

މެޗްގެ ކުރިން މީޑިއާ ޓީމުން ކުރި ފުރަތަމަ ފަރިތަކުރުމަށްފަހު މީޑިއާ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އަޒުމް ކަނޑައަޅާފައި ވަނީ މެޗް ކާމިޔާބު ކުރުމަށެވެ. މީގެ އިތުރުން ކުޅިވަރު ނޫސްވެރިޔަކު ބުނިގޮތުގައި ޝާހުގެ ކޮމެންޓަށް ގޮންޖަހާފައިވެއެވެ.

"އަހަރެމެން ވެސް މެޗަށް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި. މެޗުގެ އެންމެ ފަހު ވަގުތާއި ޖެހެންދެން އަހަރެމެން މޮޅުވުމަށް މަސައްކަތްކުރާނަން. ޝާހު އެބުނިގޮތަށް އަހަރެމެން ވެސް މަސައްކަތް ކުރާނީ އެފްއޭއެމް ޓީމު ކޮޅަށް ފަސް ލަނޑު ޖަހާ މޮޅުވާން. އަހަރެމެންނަށް ވުރެ ބޮޑަށް އެފްއޭއެމްގެ މީހުންނަށް ފުޓުބޯޅައަކީ ކިހާވަރެއްގެ ކުޅިވަރެއްކަން އެނގޭނެ. އެމީހުންނަށް އަހަރެމެން އިޚްތިރާމު ކުރާނަން." މެޗުގައި ބައިވެރިވާ ކުޅިވަރު ނޫސްވެރިޔަކު ބުންޏެވެ.
މިމެޗަކީ މިހާތަނަށް ރާއްޖޭގައި މިފަދަގޮތަކަށް ބާއްވާ ފުރަތަމަ މެޗެވެ. މެޗު ބައްލަވާލުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް އައުމަކީ ދެޓީމުގެ ވެސް ބޮޑުއެދުމެކެވެ.