08 Sep 2011, 23:55
އޮޑިޓް އޮފީހުގެ މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނެސް، ދަށް ވެގެން ދެ މާއްދާ އިން ޖީސީއީ އޯލެވެލްގެ ސީ ފާސް ލިބިފައި ނުވާ 22 މުވައްޒަފަކަށް ތިން ދުވަހުގެ ނޯޓިސްދީފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއި ކުރައްވައި ނެރުއްވާފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ މި މަހު 15 ވަނަ ދުވަހުން ފެށިގެން އެ އޮފީހުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ، ވަޒީފާގެ އޮނިގަނޑުގައިވާ ގޮތުން "ޖީސީއީ އޯލެވެލްގެ ދެ މާއްދާ އިން ސީ ގްރޭޑް ނުވަތަ އެ އަށްވުރެ މަތިން ފާސްވެފައި ނުވާ މުވައްޒަފުން އައު އޮނިގަނޑަށް ހިޖުރަކުރެވެން ނެތުމުން" އެފަދަ މުވައްޒަފުން ވަޒީފާ އިން ވަކިވުމަށް "އަމިއްލަ އަށް ނަން ހުށަހެޅުމަށް އިއުލާން ކުރާ" ކަމަށެވެ.
އެ މެމޯގައި ބުނެފައި ވަނީ ނަން ހުށަހަޅަން ވާނީ ސިޓީއަކުން އިއްޔެ މެންދުރު 14:00ގެ ކުރިން ކަމަށެވެ.
އަމިއްލައަށް އެދިގެން ނަން ހުށަހަޅާ މުވައްޒަފުން ދޫކޮށްލުމުގައި ދެވޭ އިނާޔަތްތައް، ޝަރުތު ހަމަނުވާތީ ދޫކޮށްލުމުން ދެވޭ އިނާޔަތަށް ވުރެ 25 ޕަސެންޓް އިތުރު ވާނެ ކަމަށް ވެސް އެ މެމޯގައިވެ އެވެ.
"އަމިއްލަ އަށް އެދި ނަން ހުށަނާޅާ މުވައްޒަފުން އޮފީހުގެ ވަޒީފާ އިން އިނާޔަތާ އެކު ދޫކޮށްލެވޭނެ އެވެ،" ތިން ދުވަހުގެ ނޯޓިސްއާ އެކު ނެރުނު ބަޔާނުގައިވެ އެވެ.
ނަމަވެސް އަމިއްލައަށް އެދިގެން ނޫނީ ވަޒީފާ އިން ވަކި ކުރުމުން ދޭނީ ކިހާވަރެއްގެ އިނާޔަތެއް ކަމެއް އެ މެމޯގައި ބަޔާންކޮފައެއް ނުވެ އެވެ.
ރިޑެންޑެންސީގެ ދަށުން ނޯޓިސް ދިން، އެ އޮފީހުގައި 10 ވަރަކަށް އަހަރު އުޅުއްވާފައިވާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިރޭ ވިދާޅުވީ އެ ބޭފުޅުންނާ ދޭ ތެރޭ އޮޑިޓާ ޖެނެރަލް ކަންތައްތައް ކުރެއްވީ ވަރަށް އިހާނެތިކޮށް ކަމަށާއި ތިން ދުވަހުގެ ތެރޭގައި ވަޒީފާ އިން ވަކިވާން އެންގެވުމުން އެ ބޭފުޅުންނަށް "ބޮޑު ޝޮކެއް" ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އާ އޮނިގަނޑުގެ ދަށުން ލިބެނީ ވެސް ވަރަށް ކުޑަ ފައިސާ ކޮޅެއް ކަމަށާއި އެ އަދަދު 50،000ރ. އަށް ވެސް ނާރާ ކަމަށެވެ. އަދި ވިދާޅުވީ، އޮޑިޓާ ޖެނެރަލް ވަރަށް ހަރުކަށިކޮށް އެ ބޭފުޅުންނާ މުހާތަބު ކުރައްވައި ގާނޫނުގެ ދަށުން އެ ބޭފުޅާ އަށް އެ އިހުތިޔާރު ލިބޭ ކަމަށާއި އެ ބޭފުޅާއާ "ޗެލެންޖު ނުކުރެވޭނެ" ކަމަށް ވިދާޅުވި ކަމަށެވެ.
އަދި އޭނާ ވިދާޅުވީ މުވައްޒަފުން ވަކި ކުރެއްވުމުގައި އޮޑިޓާ ޖެނެރަލް ހެއްދެވި ގަވާއިދާ ހިލާފަށް ޝަރުތު ހަމަނުވާ ބަޔަކު ވަޒީފާގައި ބައިތިއްބާފައިވާ ކަމަށާއި އަދި އެ އޮނގަޑުގެ ދަށުން ޝަރުތު ހަމަވާ ބަޔަކަށް ނޯޓިސް ވެސް ދެއްވާފައިވާ ކަމަށެވެ.
އެ މުވައްޒަފުން ދެއްކި ވާހަކައާ ގުޅިގެން އޮޑިޓާ ޖެނެރަލް އާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އޮޑިޓް އޮފީހުގެ އާ އޮނިގަނޑަށް އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ހަތް މިލިއަން ރުފިޔާ އެ އޮފީހަށް ދޫކޮށްފަ އެވެ.