އީދު ފާހަގަކުރުމުގެ ގޮތުން ފެންކުޅުމަކީ ޒަމާނުއްސުރެ ދިވެހިންގެ އާދައެކެވެ. މިއީ އަހަރެމެންގެ ސަގާފަތާ އާދަކާދައާއި ގުޅިލާމެހިފައިވާ ކަމެކެވެ. އީދު ނަމާދުކޮށް ނިމި، އީދު ސަޔަށް ފަހު ކުދި ބޮޑު އެންމެން އެންމެ ފޯރިއާއެކު ކުޅޭ ކުޅިވަރަކީ އެއީއެވެ. މާލޭގައި ވެސް ފަހަކަށް އައިސް އީދު ފެންކުޅީގެ ފޯރި އަންނަނީ ގަދަވެ، އެކަމުގައި ބައިވެރިވާ ޒުވާނުން އިތުރުވަމުންނެވެ. ތަރައްގީ ވަމުން އަންނަ "ޔޫތު ސިޓީ" ހުޅުމާލޭގައި ވެސް ފެންކުޅި އަކީ ފޯރި އާއެކު ކުޅެމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ފެންކުޅި ނުކުޅެ އީދެއް ފުރިހަމަ އެއްވެސް ނުވެއެވެ.

ކުރިމަތިވަމުން އަންނަ ފިތުރު އީދުގައި ގިނަ ހަރަކާތްތަކެއް ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށާއި ފެންކުޅި ކުޅުން ވެސް ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ އީދު ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ، 15 ޖޫން ވާ ހުކުރު ދުވަހުގެ ހެނދުނު އީދު ނަމާދުން ކަމަށެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކަމަށް ވެސް އެޗްޑީސީއިން މައުލޫމާތު ދެއެވެ.

އީދު ނަމާދުކުރުމުގެ އިތުރުން ގިނަ ކުޅިވަރުތަކެއް ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ. އަމިއްލަ ޖަމާއަތެއް ކަމަށްވާ "ލަޔަރ"އިން ހުޅުމާލެ ޔޫތު ޕާކުގައި "ލަޔަރ އީދު ކުޅިވަރު"ގެ ނަމުގައި ހާއްސަ އަދި ފޯރިގަދަ ކުޅިވަރުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ފެންކުޅި، ވާދެމުން، "ސެލްފީ ޗެލެންޖް" ވެސް އީދު ކުޅިވަރުގެ ތެރޭގައި ހިމެނެއެވެ. އެ ކުޅިވަރުތައް ކުރިއަށްދާނީ ހެނދުނު 9:00 އިން 11:00 އަށް އަދި މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އަށެވެ. އެ ކުޅުވަރުތަކުގެ އޮފިޝަލް ޕާޓްނަރަކީ އެޗްޑީސީއާއި އުރީދޫއެވެ.

އެޗްޑީސީން ބުނީ ކުޅިވަރު ތަކުގެ އިތުރުން އެރޭ ހުޅުމާލޭގައި ޝޯ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހޮނިހިރު ދުވަހުގެ ރޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެ ޝޯ ފެށުމަށް ހަމަޖެހިފައިވަނީ 20:00 ގައެވެ.

މަޝްހޫރު "ހަބޭސް ބޮޑުބެރު ގްރޫޕް"ގެ ހުށަހެޅުންތައް ފެނިގެންދާ އެ ޝޯ ވެގެންދާނީ ވަރަށް ފޯރިގަދަ ޝޯ އަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އީދަކީ ހުރިހާ މުސްލިމުންގެ ދުވަހެވެ. ބަރަކާތްތެރި ރަމަޟާން މަހަށް ފަހު އަންނަ ފިތުރު އީދު ދުވަހަކީ ހުރިހާ މުސްލިމުން އެއް ޖަމާއަތަކަށް އެކުވެގެން ހުރިހާ މަސައްކަތް ކުރާ ދުވަހެކެވެ.