08 Sep 2011, 23:06
ވިޔަފާރީގެ މުއާމަލާތެއްގައި އިންޑިޔާގެ ޓްރިވެންޑްރަމް އިން ކިޑްނެޕްކޮށްގެން އެގައުމުގެ ޓްޓިކޮރިންއަށް ގެންދިޔަ ދިވެހި މީހާ އާއި އޭނާގެ ޅިޔަނެއް ކަމަށްވާ އިންޑިޔާ މީހާ ދޫކޮށްލައިފި ކަމަށާއި އެމީހުން ފުލުހުންގެ ހިމާޔަތުގައި މިހާރު ޓްރިވެންޑްރަމަށް ދަތުރުކުރަމުންދާ ކަމަށް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން ބުނެފި އެވެ.
ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުނީ ކިޑްނެޕްކޮށްގެން ޓެމިލްޑާޑޫގެ ޓްޓިކޮރިން އަށް ގެންދިޔަ ރުކްޝާން އާއި އީމާން ކެރެލާ ބޯޑަރާ ހަމައަށް ގެނައީ ޓެމިލްނާޑޫ ފުލުހުންގެ އެހީގައި ކަމަށެވެ. އަދި އެހިސާބުން ޓްރިވެންޑްރަމްގައި އޭނާ ދިރިއުޅޭ ހިސާބަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމީހުން ހަމަޖައްސާ ޓްރާންސްޕޯޓް ފެސިލިޓީއެއް ބޭނުން ކޮށްގެން ކަމަށެވެ.
ރުކްޝާންއާއި އީމާން ދޫކޮށްލީ ފައިސާ އަނބުރާ ދީގެން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފު ނުވާކަމަށް ވެސް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް އަދި ސާފެއް ނުވޭ އަދި އެމީހުން ދޫކޮށްލީ ކީއްވެ ކަމެއް، ފައިސާ ދީގެން ކަމެއް ނުވަތަ ނޫންކަމެއް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.
ރުކްޝާން ކޮންސްޓްރަކްޝަނާއި މޯލްޑިވްސް އިންވެސްޓްމަންޓްގެ ވެރިޔާ މުހައްމަދު ރުކްޝާން އާއި އޭނާގެ ޅިޔަނެއް ކަމަށްވާ އީމާން ކިޑްނެޕްކޮށްގެން ގެންދިޔައީ ޓްރިވެންޑްރަމްގައި އެމީހުން ދިރިއުޅޭ ގޭގައި ތިއްބައި އިއްޔެ ކަމަށާއި އެ ދެ މީހުން ގެންދިޔައީ އެމީހުންނާ އެކު ބާދަނގަޑުގެ ވިޔަފާރިއެއް ކުރުމަށް ފައިސާ ދިން އިންޑިޔާގެ ބައެއް ކަމަށް މިއަދުގެ ކުރީގެ ވަގުތެއްގައި ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން މައުލޫމާތު ދިނެވެ.