ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތަކީ އެ ކުއްޖާގެ މައިންބަފައިނަށް ބަޔާންކުރަންވެސް ނޭނގޭ އުފާވެރި އިހްސާސްތަކެއް ކުރުވާ ވަގުތުކޮޅެކެވެ. ނުވަ މަހާއި ނުވަ ދުވަސް ބަނޑުގައި އެ ތުއްތު ދަރިފުޅު ގެންގުޅެމުން އައިސް ދުނިޔެއަށް އެ ތުއްތު ދަރިފުޅު ފުރަތަމަ ނޭވާ ލާ ވަގުތުކޮޅަކީ ލޮލުން ކަރުނަ ހިލޭނެ ވަގުތުކޮޅެކެވެ. ކެނޑިނޭޅި އިންތިޒާރުކުރެވޭނީ އެ ކުއްޖާ ހިނގާލާ ދުވެލާ މަންޒަރު ބެލުމަށެވެ.

ނަމަވެސް ބައެއް ކުދިންނަކީ މި ފަދަ އެތައް ކަންތައްތަކެއް ކުރުމަށް ނުކުޅެދިފައިވާ ކުދިންނެވެ. އުފަންވީ އިރުވެސް އެފަދަ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާން ޖެހިފައިވާ ތިބޭ ކުދިންވެސް މިއަދު މަދެއް ނޫނެވެ. ނަމަވެސް އުންމީދު ކަނޑާނުލާ ދިމާވާ ހުރިހާ ގޮންޖެހުންތައް ހުރަސްކޮށްގެން ނަމަވެސް ދަރިފުޅު ސަލާމަތް ކުރުމަށް ވީ ވަރަކުން މައިންބަފައިން މަސައްކަތް ކުރެއެވެ.

މާލެއަށް އުފަން އުމުރުން ތިން އަހަރުގެ ލުހްޔާ މުހައްމަދު އިޝާންއަކީ އުފެދުމުގައި އެތައް ކަމަކުން މަހުރޫމްވެފައިވާ ތުއްތު ފުރާނަ އެކެވެ.

ލުހްޔާގެ ބަލި ހާލަތާ ގުޅޭ ގޮތުން އޭނާގެ މަންމަ މަރިޔަމް އެވްލީން ވަހީދު "ސަން ކުލުނު"އަށް ބުނީ ދަރިފުޅު ވިހެއި އިރުވެސް ދަރިފުޅަކީ ކުޑަކަމުދާ ނިޒާމު ނެތް ކުއްޖެއް ކަމަށެވެ.

"ނުއެއް ހިނގޭ ދަރިފުޅަކަށް. އުފެދުމުގައި ވެސް ފުރަގަސް ފަރާތެއް އަދި ކުރިމަތި ފަރާތެއް ނެތް ލުހްޔާގެ،" އެވްލީން ބުންޏެވެ.

އެވްލީން ބުނީ ދަރިފުޅުގެ ގޮހޮރުން ލޭ ލީކުވާ ކަމަށާއި އަދި ކަންފަތާއި ނޭފަތުން ވެސް ވަރަށް ގިނައިން ލޭ އަންނަ ކަމަށެވެ.

ކުރިން އޮޕަރޭޝަނެއް ކޮށް، ކުޑަކަމުދެވޭނެ ގޮތް ހަދާފައިވާ ކަމަށާއި ނަމަވެސް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަންޖެހިފައިވާ ކަމަށް އެވްލީން ބުންޏެވެ.

ލުހްޔާގެ މަންމަ ބުނީ އެކަމުގެ ސަބަބުން ދަރިފުޅަށް އެއްވެސް ކަހަލަ ތައުލީމެއް ސްކޫލެއްގެ ފަރާތުން ލިބިފައިނުވާ ކަމަށާއި ކުޑަ ދުވަސްކޮޅަކަށް ވިލިމާލޭގައި ހުންނަ ޝެއިހް އަބްދުއްރަހްމާން ސްކޫލުން ތައުލީމް ހާސިލުކުރިކަމަށެވެ.

"ޑަކްޓަރުން ލަފާ ދެއްވަނީ ކުޑަކަމުދާ ނިޒާމު ވެސް ބޮޑު ކުރުމަށް. ކުޑަކަމުދާ ނިޒާމު ހެދޭތޯ ބޭރަށް ދާން މިއުޅެނީ،"

ލުހްޔާގެ މަންމަ ބުނީ ދަރިފުޅު ހެދިބޮޑުވާންވީ ވަރަށް ހެދިބޮޑު ނުވާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑުކަމުދިޔުމަށް ވެސް ދަރިފުޅަށް ވަރަށް ދަތި ކަމަށެވެ. "ބޮޑު ކަމުދާއިރު ވަރަށް ވޭން އަޅާ" ކަމަށް ވެސް އެވްލީން "ސަން ކުލުނު"އަށް ބުންޏެވެ.

ލުހްޔާއަށް ހަރު ތަކެތި ކާން ނުދެވޭ ކަމަށާއި ޑަކްޓަރުން ލަފާ ދެނީ ގިނައިން ދިޔާތަކެތި ދިނުމަށް ކަމަށްވެސް އެވްލީން ބުންޏެވެ.

"ކާއެއްޗެއް ނުދެވޭ ދަރިފުޅަކަށް. ހަޖަމް ނުވާތީ. ބުނެފައި އިންނަނީ ދިޔާ އެއްޗެހި ދޭން. އެކަމަކު އުމުރުން ދޮށި ވަމުން އަންނާތީ އޭނާ ބޭނުންވޭ އަހަރުމެން ކާ އެއްޗެހި ކާން ވެސް. ނޫޑްލްސް ކަހަލަ އެއްޗެއް ދިނަސްވެސް ދެނީ ހަމަ ޗަސް ކޮށްފައި. ދިޔާތަކެތި ދެނީ އާންމުކޮށް،" އެވްލީން ބުންޏެވެ.

އެވްލީން ބުނީ ރޯދަ ނިމުމާއެކު އިންޑިއާގެ ޓްރިވެންޑްރަމަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި އިންޑިއާއަށް ގޮސް ބޮޑު ތިން އޮޕަރޭޝަނެއް ދަރިފުޅުގެ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ކުރިންވެސް ނިންމި ގޮތަށް ފައިގެ ސާޖަރީއެއް މިފަހަރު އިންޑިއާއަށް ގޮސް ހެދުމަށް ނިންމާފައިވާ ކަމަށާއި ނުކުމެފައި އިން ގޮހޮރު އެތެރެއަށް ވެއްދުމަށް ހަމަޖެހިފައިވާ ކަމަށް އެވްލީން ބުންޏެވެ.

"ތިންވަނަ އޮޕަރޭޝަނަކަށް އިނީ ކުޑަކަމުދާ ނިޒާމު ބޮޑު ކުރުން،"

"އާންމުކޮށް ފިޓް ވެސް ޖެހޭ ކުއްޖެއް ލުހްޔާ އަކީ،"

އެވްލީން ބުނީ ލުހްޔާއަށް ހިނގޭނެކަމުގެ އުންމީދު ޑަކްޓަރު ދީފައިވާ ކަމަށެވެ.

ދަރިފުޅުގެ ބޭސްފަރުވާއަށް އާސަންދަ ހަމަޖެހުނު ނަމަވެސް ޑަކްޓަރުން ލަފާ ދެނީ ގިނަ ދުވަހު އެކޮޅުގައި މަޑުކޮށްގެން ފަރުވާ ކުރުމަށެވެ.

"އެއީ ބޮޑު ތިން ކަންތައް ކުރަން މިދަނީ. އަވަސް އަރުވާލައިގެން ކުރެވޭނެ ކަންތައްތަކެއް ނޫން އެއީ،" އެވްލީން ބުންޏެވެ.

"އަޅުގަނޑުމެން ފެށުނީއްސުރެ މަސައްކަތް މިކުރަނީ ދަރިފުޅު ސަލާމަތްކުރަން. ހުރިހާ ފަރުވާއެއް ދީގެންވެސް ބޭނުން އަޅުގަނޑުގެ ދަރިފުޅު ސަލާމަތްކުރަން. ތިބޭފުޅުންގެ އެއްބާރުލުން ވަރަށް ބޭނުން،" އެވްލީން އަސަރާ އެކު "ސަން ކުލުނު"އާ ވާހަކަ ދައްކަމުން ބުންޏެވެ.

އިންޑިއާގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްވަރެކެވެ. ދަރިފުޅަށް ފަރުވާ ހޯދުމުގެ އިތުރުން އެކޮޅުގައި ހޭދަވާނެ ދުވަސްވަރަކީ ލުހްޔާގެ އާންމު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ވެސް ފައިސާ ބޭނުންވާނެއެވެ. ލުހްޔާއަށް އިތުރު ފަރުވާ ކުރެވޭނެ މަގު ތަނަވަސްވެގެން ދާނީ އެވްލީންގެ އަތްމަތި ތަނަވަސްވުމުންނެވެ.

އެވްލީން އެދެނީ އޭނާގެ އަމިއްލަ ފުރާނައަށް ވުރެވެސް ލޯބިވާ އޭނާގެ ތުއްތު ދަރިފުޅު ލުހްޔާއަށް ތިބޭފުޅުން ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

ލުހްޔާ މުހައްމަދު އިޝާން އަށް އެހީތެރިވުމަށް

ފޯނު ނަންބަރު 7878226 (މަރިޔަމް އެވްލީން/ ލުހްޔާގެ މަންމަ)

ބީއެމްއެލް އެކައުންޓް ނަންބަރު: 7715505470101 (ލުހްޔާގެ މަންމަ މަރިޔަމް އެލްވީން ވަހީދު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް:ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.