ޖުޑީޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ އިން ކުރަމުންދާ މަސައްކަތަކާ ގުޅިގެން ގާނޫނީ ވަގީލުންގެ ޓީމަކުން މިއަދު ކޯޓަށް ވެއްދި މައްސަލަ ވަކިގޮތަކަށް ނިމެންދެން، ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ޖޭއެސްސީން ހުއްޓާލުމަށް ސިވިލް ކޯޓުން ދާދީ ދެންމެއަކު ވަގުތީ އަމުރެއް ނެރެފި އެވެ.

ޖޭއެސްސީގެ މައްޗަށް 10 ގާނޫނީ ވަކީލުންގެ ޓީމުން ކުރާ ދައުވާގެ ޝަރީއަތް މިރޭ ކޯޓްގައި ކުރިއަށް ގެންދިޔައީ ކޯޓްތަކަށް ފަނޑިޔާރުން އައްޔަކުރުމުގައި ކުރިން ވެސް އަވަސްއަރުވާލައިގެން ޖޭއެސްސީން އަމަލުކޮށްފައި ވާތީ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

މައްސަަލަ ބައްލަވާ ގާޒީ އައިޝަތު ސުޖޫން މިރޭ ވަގުތީ އަމުރު ނެރުވަމުންވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ކޯޓްގައި ކުރިއަށްދާއިރު، ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ އެންމެ އަދުލުވެރި ގޮތް ނޫން ކަަމަށެވެ. އެހެން ކަމުން އެ މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކޯޓުން ކުުރުމުގެ ކުރިން ފަނޑިޔާރުން އައްޔަން ކުރުމުގެ އެއްވެސް ކަމެއް ޖޭއެސްސީން ނުކުރުމަށް އެ ކޮމިޝަންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ކޯޓްގައި ކުރި ދައުވާގައި ބުނެފައި ވަނީ ޖޭއެސްސީގެ މެންބަރުންގެ މަސްލަހަތު ހިމެނޭ އާއިލީ ބޭފުޅުންނާއި )ޖޭއެސްސީގެ މެންބަރެއްގެ އަނބިކަބަލަކާ( ބިޒްނަސް ޕާޓްނަރުން ޖޭއެސްސީން އިންޓަވިއުކޮށްފައިވާ ކަމަށެވެ. އަދި އިންޓަވިއު ކުރުމުގައި އަމިއްލަ މަސްލަތު ހިމެނޭ ޖޭއެސްސީގެ މެންބަރުން އެކަމުން ބަރީއަތް ވެފައި ނުވާ ކަމަށް ދައުވާ ކުރި ފަރާތުން ބުންޏެވެ.

ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 20 މާއްދާގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާއާ ހިލާފަށް އަމަލް ކުރަމުންދާ ކަމަށް ތުހުމަތުކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު އާއި ޅ. ހިންނަވަރު، ލަކީ، ހަމީދު އަބްދުލް ކަރީމް އާއި މ. ފްލޮރެންސް ހަސަން ފިޔާޒް އާއި ފ. ފީއަލި ރާވާވިލާ މުހައްމަދު ފަރީދު އާއި މ. ބަޑިކުޅީމާގެ އަނަސް އަބްދުސައްތާރެވެ. އަދި ބ. ދަރަވަންދޫ ފުނަވާގެ މުހައްމަދު ނިޒާމް އާއި ސ. މީދޫ ވިޖުރީއާ، މުހައްމަދު އިޔާސް އާއި ގދ. ތިނަދޫ އަލިދޯދި އަހުމަދު އަބްދުﷲ އަފީފެވެ.