13 Jun 2018, 11:08
ކުރިމަތިވަމުން އަންނަ ފިތުރު އީދު ދުވަހަށް ހާއްސަކޮށްގެން މަނިކް އާޓްސްއިން ލަވައެއް ނެރުމަށް ނިންމައިފިއެވެ.
ކުޑަކުދިންނާ އެކު ފެނިގެންދާ އެ ހާއްސަ ލަވައަކީ ހުސައިން ސޮބާ އަދި ނާޝިދާގެ ހިތްގައިމު އަޑުން އިވިގެންދާނެ ލަވައެކެވެ.
ލަވައިގެ ކޮރިއޮގްރަފީ ހަދާދީފައިވަނީ މޯޑެކްސް އެވެ.
މަނިކް އާޓްސްއިން ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ލަވައިގައި ބައެއް ފިލްމީ ފަންނާނުންގެ އިތުރުން ކުރިއަރަމުން އަންނަ ތަރި ނާޖިހާ އަޒޫރު އަދި ލަހޫ ފެނިގެންދާނެ ކަމަށް މަނިކް އާޓްސް އިން ބުންޏެވެ.
މަނިކް އާޓްސްއިން ބުނީ ކުޑަކުދިންތަކަކާ އެކު ތައްޔާރުކުރާ އެ ލަވަ އަކީ ތަފާތު އީދު ލަވައެއް ކަމަށެވެ. ލަވައިގެ ޝޫޓިން މިހާރު ކުރިއަށް ގެންދާއިރު ލަވައިގައި ހަރަކާތްތެރިވާ ކުޑަކުދިން ހޯދީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް ވެސް މަނިކް އާޓްސް އިން ބުންޏެވެ.
ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަ މަނިކް އާޓްސްގެ މި ލަވައަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރި ލަވައެއް ކަމަށް މަނިކް އާޓްސް އިން ބުންޏެވެ.