08 Sep 2011, 19:01
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ 20،000ރ. ގެ އެލަވަންސް ދިނުމަށް ގޮވައިލައި ފައިނޭންސް މިނިސްޓަރަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ފަސްދޮޅަސް ވަރަކަށް މީހުން ސޮއިކޮށް މިނިސްޓަރު އިނާޒަށް ފޮނުވާފައިވާ ތިން ސަފުހާގެ ޕެޓިޝަން ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ލިބިދީފައިވާ އިރު، މަޖިލީހުގެ ނިންމުމަކަށް އަމަލު ނުކުރުމުގެ ބާރު މިނިސްޓަރަށް ލިބި ނުދޭ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ، އަދި ކޮށްފި މީހަކީ އެންމެ ބޮޑު ކުށުން ކުށްވެރިވާނެ މީހެއް ކަމަށާއި މަޖިލީހުގެ ނިންމުންތަކަށް އިހުތިރާމް ކުރުމަށް މިނިސްޓަރަށް އިލްތިމާސް ކުރާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކޮމެޓީ އެލަވަންސާ ދެކޮޅަށް މަދަނީ ޖަމިއްޔާތަކުން އަޑު އުފުލަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުވައްޓާލުމަށް ކަމަށާއި ސަރުކާރުން ކޮންމެ ދުވަހަކު އެތައް ސިޔާސީ މަގާމުތަކެއް އުފައްދައި އެތައް ކުންފުނިތަކެއް އުފައްދާ އިރު، އެއިން ކަމަކާ މަދަނީ ޖަމިއްޔާތަކުން ކަންބޮޑު ނުވާ އިރު، މަޖިލީހުގެ މެންބަރުންގެ ކޮމެޓީ އެލަވަންސާ ދެކޮޅަށް އުފުލާ އަޑު ކުށްވެރި ކުރާ ކަމަށެވެ.
ޕެޓިޝަން ނިންމާލާފައި ވަނީ މަޖިލީހުގެ ނިންމުމަށް މިނިސްޓަރު އަމަލު ނުކުރައްވައިފި ނަމަ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ޖެހިދާނެ ކަމަށް ބުނެ އެވެ.
މަޖިލީހުގެ މެންބަރުންގެ ކޮމެޓީ އެލަވަންސާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާ މުހާތަބުކޮށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް މެންބަރުންނަށް ކޮމެޓީ އެލަވަންސް ދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އަތޮޅުތަކުން ވަޑައިގެން ތިއްބެވި މެންބަރުން އުޅުއްްވަނީ ވަރަށް ދަތިކޮށް ކަމަށާއި އެހެންވެ އެ އެލަވަންސަކީ ދޭން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމުން މަތީގައި "ސަރުކާރަށް އަތް ނޭޅެ" ކަމަށެވެ.
ނަނަވެސް ސިވިލް ސާވިސް އާއި މަސްވެރިންގެ އިނާޔަތްތައް ދިނުމަށް މަޖިލީހުން ނިންމި ނިންމުމާ ބެހޭ ގޮތުން ރައީސް އެގޮތަކަށް ވިދާޅެއްނ ނުވެ އެވެ. އެ ވާހަކަ ވިދާޅުވީ "ބަޖެޓްގައި ފައިސާ ނެތް" ކަމަށެވެ.